ހަބަރު

ގާސިމްއަށް ކުރާ ދައުވާތައް ކުރިޔަށް ގެންދާނެތޯ މިރޭ ނިންމަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްއަށް ދައުލަތުން އުފުލާފައިވާ ދައުވާތަށް ކުރިޔަށް ގެންދިޔުމާ ބެހޭ ގޮތުން މިރޭ ގޮތެއް ކަނޑައަޅަން ޝަރީއަތުގެ މަޖިލީހެއް ބޭއްވުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަކީ، ރިޝްވަތު ދިނުމުގެ ހުށަހެޅިކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުން އަދި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ދައުވާތައް ކުރިޔަށް ނުގެންދެވޭނެ ކަމަށް ބުނެ ދިފާއީ ވަކީލުން ނަގާފައި ވަނީ އިޖްރާއީ ނުކުތާ ނަންގަވައިފަ އެވެ. އެގޮތުން ގާސިމްއާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތުމުން، މިމަހު އަމަލު ކުރަން ފެށި ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 115 ވަނަ މާއްދާގެ ދަށުން، އެ ދައުވާތައް ބާތިލް ކުރުމުގެ ބާރު ފަނޑިޔާރުންނަށް އެބައޮތް ކަމަށް ދިފާއީ ވަކީލުން ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވި އެވެ.


ދެ ފަރާތުން ފާހަގަ ކުރި ނުގުތާތައް އަޑުއެހުމަށް ފަހު، ފަނޑިޔާރުގެ ބެންޗުން ނިންމީ އެ ދައުވާތައް ކުރިޔަށް ގެންދިޔުމާ މެދު މިރޭ ގޮތެއް ނިންމެވުމަށެވެ. އެ ބެންޗުގައި ތިއްބެވީ އިސްގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ އަހުމަދު ޝަކީލް އަދި ގާޒީ އާދަމް އާރިފެވެ. ރިޔާސަތު ބަލަހަައްޓަވަނީ އިސްގާޒީ ބާރީ އެވެ.