ހަބަރު

ޕީޖީއިން ހާޒިރުނުވެގެން ގާސިމްގެ މައްސަލަތައް ކޯޓުން ބޭރުކޮށްފި

ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ޝަރީއަތް ކުރިއަށް ނުގެންގޮސް އެ މައްސަލަތައް ބޭރުކޮށްލަން ކްރިމިނަލް ކޯޓުން މިރޭ ނިންމައިފި އެވެ. އެގޮތަށް ނިންމީ ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރުނުވުމުން އެވެ. ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރުނުގެވެން ޝަރީއަތް އެތައް އިރެއް ވަންދެން ލަސްވެސްވި އެވެ.

ގާސިމްގެ މައްސަލަ ބައްލަވައި ބެންޗްގައި ތިއްބަވަނީ އިސްގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ އަހުމަދު ޝަކީލް އަދި ގާޒީ އާދަމް އާރިފެވެ. ރިޔާސަތު ބަލަހަައްޓަވަނީ އިސްގާޒީ ބާރީ އެވެ. އެ ބެންޗުން ނިންމީ ޕީޖީގެ ވަކީލުން ހާޒިރުނުވުމުން އެ މައްސަލަތައް އަނބުރާ ޕީޖީއަށް ފޮނުވާލައިށެވެ. ޕީޖީ އިން އެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުނުވި ސަބަބެއް އަދި ނޭނގެ އެވެ.

ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަކީ، ރިޝްވަތު ދިނުމުގެ ހުށަހެޅިކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުން އަދި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާސިމްގެ ވަކީލުން ވަނީ، އެ މައްސަލައިގައި އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެ މައްސަލަތައް ބާތިލް ކޮށްދިނުމަށް އެދޭ ކަމަށް ބުނެ އިޖުރާއި މައްސަލައެއް ނަގައިފަ އެވެ. މިރޭގެ ޝަރީއަތަކީ އެ މައްސަލައިގައި ގޮތެއް ނިންމަން ބޭއްވ އަޑުއެހުމެކެވެ.