ފުވައްމުލަކު އުދުރު ދާއިރާގެ މަޖިލީހުގެ މެންބަރު، އަލީ ޝާހު ޕީޕީއެމްގެ މެންބަރުކަމުން މިރޭ އިސްތިއުފާ ދެއްވައިފި އެވެ.
އަލީ ޝާހު މިރޭ، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އޭނާ ޕީޕީއެމްގެ މެންބަރުކަމުން އިސްތިއުފާ ދެއްވަނީ ރާއްޖޭގެ ސިޔާސީ ކަންކަން މިހާރު ހުރި ގޮތުން މިނިވަންކަމާ އެކު ވަކި ފަރާތަކަށް ނުޖެހި މަޖިލީހުގައި ވޯޓް ދިނުމަށް ކަމަށެވެ.
"ވީމާ އަޅުގަނޑުގެ ނަން، ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސްގެ ދަފްތަރުން ވީއެންމެ އަވަހަކަށް އުނިކޮށްދެއްވާ އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގެވުން އެދެމެވެ،" ޝާހުގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.
ޝާހު އަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކިކުރުމުގެ ގަރާރުގައި ސޮއި ކުރި މަޖިލީހުގެ ޕީޕީއެމްގެ މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
ޕީޕީއެމްގެ ނުވަ މެންބަރަކު މިއަދުވެސް ވަނީ އެ ޕާޓީ އިން ވަކިވެވަޑައިގެންފަ އެވެ. ޕީޕީއެމުން މިއަދު ވަކިވި މެންބަރުންގެ ތެރޭގައި ހިމެނެނީ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހަންމަދު އަބްދުﷲ (މުހަންމާ) އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) އާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މުހައްމަދު އެވެ. އިއްޔެ ވަނީ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ޕީޕީއެމް އިން ވަކިވެވަޑައިގެންފަ އެވެ. މީގެ އިތުރުން ޕީޕީއެމްގެ މެންބަރުކަމުން ވަކިކުރަން އެޕާޓީން ނިންމާފައިވާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވެސް ވަނީ އެޕާޓީން މިއަދު ވަކިވެފަ އެވެ.