ހަބަރު

މައްސަލަ ބޭރުކޮށްލީ މާދަމާއަށް ލަސްކުރަން އެދިފައި ވަނިކޮށް: ޕީޖީ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ޝަރީއަތް ކުރިއަށް ނުގެންގޮސް އެ މައްސަލަތައް ބޭރުކޮށްލަން މިރޭ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ އެ މައްސަލަތައް މާދަމާގެ ގަޑިއަކަށް އެ މައްސަަތައް ތާވަލުކޮށް ދިނުމަށް ކްރިމިނަލް ކޯޓުގައި ސިޓީއަކުން އެދިފައި ވަނިކޮށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން ބުނީ ޕީޖީގެ ވަކީލުން މިރޭ ކޯޓަށް ވަޑައި ނުގެންނެވީ މައްސަލަތައް މާދަމާގެ ގަޑިއަކަށް ތާވާލްކޮށް ދިނުމަށް އެދި ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައި އޮތުމުން ކަމަށެވެ. މި ކަމާބެހޭ އިތުރު ތަފުސީލެއް އެ އޮފީހުގެ މީޑީއާ ކޯޑިނޭޓަރު އަހުމަދު ތައުފީގެއް ނުދެއްވަ އެވެ.

ގާސިމްގެ މައްސަލަތައް ބޭރުކޮށްލީ މިރޭ ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރުނުވުމުން އެވެ. ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރުނުގެވެން ޝަރީއަތް ފެށުން އެތައް އިރެއް ވަންދެން ލަސްވެސް ކުރި އެވެ.

ގާސިމްގެ މައްސަލަ ބައްލަވައި ބެންޗްގައި ތިއްބަވަނީ އިސްގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ އަހުމަދު ޝަކީލް އަދި ގާޒީ އާދަމް އާރިފެވެ. ރިޔާސަތު ބަލަހަައްޓަވަނީ އިސް ގާޒީ ބާރީ އެވެ. އެ ބެންޗުން ނިންމީ ޕީޖީގެ ވަކީލުން ހާޒިރު ނުވުމުން އެ މައްސަލަތައް އަނބުރާ ޕީޖީއަށް ފޮނުވާލާށެވެ.

ގާސިމްގެ މައްޗަށް ދައުލަތުން ކުރި ދައުވާތަކަކީ، ރިޝްވަތު ދިނުމުގެ ހުށަހެޅިކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުއްވުމާއި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުއްވި ކަމުގެ ދައުވާ އެވެ.