ފެބުރުއަރީ އެކެއްގެ އަމުރަށް ފަހު، ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އަދި ވިލާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމްގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާ ކުރިމިނަލް ކޯޓުން ބާތިލްކޮށްފި އެވެ.
ސިޔާދަށް ދައުލަތުން އުފުލި ދައުވާގައި ވަނީ، އޭރުގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ދިރިއުޅޭ އެޕާޓްމެންޓް ބަލާ ފާސް ކުރުމުގެ ތެރޭގައި ފެނުނު ބެކްޕެކްއެއްގެ ތެރެއިން ސިޔާދު ގާސިމް ސޮއި ކޮށްފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި އެ ފަނޑިޔާރުގެ ދަރިކަލަށް 2.4 މިލިއަން ޑޮލަރު ދީފައިވާކަން އެ ސިޓީން އެނގޭ ކަމަށެވެ. އަދި މެލޭޝިއާއިން ވިލާތަކެއް ރިޒާވްކޮށް އޭގެ ބައެއް ފައިސާ ވިލާ ކުންފުނިން ދައްކާފައިވާ ކަމަށް ވެސް ދައުވާގައިވެއެވެ.
މިއަދުގެ އަޑުއެހުން ބާއްވާފައި ވަނީ ސިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ މަދަނީ މިންގަނޑުން ކުރިޔަށް ގެންދެވޭނެ ދައުވާއެއްތޯ ކަނޑައެޅުމަށެވެ. އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ މައްސަލައާ ގުޅުންހުރި ބައެެއް ލިޔެކިޔުންތައް ހުށަހަޅާފަ އެވެ.
ސިޔާދުގެ މައްސަލަ އަކީ މަދަނީ ގޮތުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށް ނިންމައި މައްސަލަ ބާތިލް ކުރުމަށް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ނިންމެވީ މި މައްސަލައިގެ ދައުވާގައިވާ ކަންކަން ސާބިތު ކުރުމަށްޓަކައި ދައުލަތުން ހެކި ހުށަހަޅާފައިނުވާތީ އެވެ.
މައްސަލަ ބާތިލް ކުރި ސަބަބުތައް ބަޔާން ކުރަމުން ގާޒީ ވިދާޅުވީ، އަަބްދުﷲ ސައީދާއި އަލީ ހަމީދާ ގުޅުންހުރި ފަރާތްތަކުން މެލޭޝިއާ އިން ރިޒާވްކުރި ފްލެޓްތަކަށް ވިލާއިން ފައިސާ ދެއްކިކަމުގެ ހެއްކާއި ގަރީނާ ދައުލަތުން ހުށަހަޅަން ޖެހޭނެ ކަމަށާއި ނަމަވެސް އެކަން ސާބިތުކޮށްދޭން އެއްވެސް ހެއްކެއ ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ.
ގާޒީ ހައިލަމް ވިދާޅުވީ، މައްސަލައިގެ ސީޣާ ބިނާ ކޮށްފައިވަނީ އެކެއް ފެބްރުއަރީގެ ސުޕްރީމް ކޯޓްގެ އަމުރުނެރުުމުގައި އަމުރަށް ނުފޫޒު ފޯރުވުމުގައި ސިޔާދު ފަނޑިޔާރުންނަށް ރިޝްވަތު ދީފައިވާ ކަމަށާއި އެ އަމުރުގައި އޭނާގެ ބައްޕަ ގާސިމް އިބްރާހިމް މިނިވަން ކުރަން އޮތުމުން ކަމަށެވެ. ނަމަވެސް ސިޔާދު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށްޓަކައި ފައިސާ ދިން ކަމެއް ނުވަތަ އެކަމާ ގުޅުން ހުރި އެއްވެސް ކަމެއް ސާބިތުކޮށް ދިނުމަށްޓަކައި ދައުލަތުން ހުށަހެޅި އެއްވެސް ހެއްކަކުން ސާބިތުނުވާ ކަމަށް ހައިލަމް ވިދާޅުވި އެވެ. އަދި އެ އަމުރަކީ ގާސިމްގެ އިތުރުން އިތުރު އެހެން ފަރާތްތަކުގެ އިހްތިސޯސްއާ ގުޅިފައިވާ މައްސަލައެއް ކަންވެސް ގާޒީ ފާހަގަ ކުރެއްވި އެވެ.
ގާޒީ ހައިލަމް ވިދާޅުވީ، ވިލާއިން ސިންގަޕޫރުގެ ކުންފުންޏަކުން ވިލާތަކެއް ގަނެފައިވީނަމަވެސް އެވިލާ ތަކަކީ މި މައްސަލާގައި ދައުވާ އުފުލާފައިވާ އަލީ ހަމީދާއި ހަސަން ސައީދާއި އަބުދުﷲ ސައީދު ބުކް ކޮށްފައިވާ ފްލެޓްތައް ކަން ސާބިތުވާ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ.
މި މައްސަލައަށް ބޭނުންވާ ހެއްކާއި ގަރީނާ ހޯދަން ދައުލަތައް އެކިށީގެންވާ ފުރުސަތު ދެވިފައިވާ ކަމަށާއި އެފުރުސަތުގައިވެސް ދައުލަތުން މި މައްސަލައާ ގުޅުން ހުރި ހެކި ހުށަހަޅާފައިނުވާތީ މި މައްސަލައަކީ މަދަނީ މިންގަނޑުތަކުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަކަށް ކޯޓުން ގަބޫލު ނުކުރާ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ ސިންގަޕޫރްގައި ބުކް ކޮށްފައިވާ ވިލާ ނަމްބަރުތަކާއި ވިލާއިން ގަނެފައިވާ ވިލާ ތަކުގެ ނަމްބަރުތައް ދިމާވާ ރެޖިސްޓްރޭޝަންސްތަކާއި ސެލިން އެންޑް ޕާޗޭސް ސްލިޕްތަކެކެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ، އެ ލިޔުންތަކުން ސާފުވާ ގޮތުގައިވާ ވިލާއިން ގަނެފައިވާ ޔުނިޓްތަކަކީ ސިންގަޕޫރުން އަބުދުﷲ ސައީދާއި އަލީ ހަމީދުގެ ދަރި އާއި ހަސަން ސައީދު ބުކް ކޮށްފައިވާ ޔުނިޓްތަކެއް ކަމަށެވެ.
އެކަމަށް ރައްދު ދެއްވަމުން ސިޔާދުގެ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، ވިލާއިން ގަނެފައިވާ ވިލާތަކުގެ ޔުނިޓް ނަމްބަރުތައް އެއްގޮތް ވުމަކީ ދައުވާގައި ބުނާ ބުކް ކޮށްފައިވާ ވިލާތައް ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި ބުކް ކުރި ކަމަށް ބުނާ ވިލާ ތަކަށް ވިލާ ކުންފުނިން ފައިސާ ދެއްކިކަން ސާބިތުވާ އެއްވެސް ހެއްކެއް އަދި ލިޔުމެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށްވެސް ހިސާން ވިދާޅުވި އެވެ.
މައްސަލަ ބައްލަވާ ގާޒީ ހައިލަމް ވަނީ ތަކްރާރުކޮށް މި މައްސަލައިގެ ދައުވާގައި ބުނާ ގޮތުން ބުކް ކޮށްފައިވާ ވިލާތަކަށް ވިލާ ކުންފުނިން ފައިސާ ދެއްކިކަން ސާބިތުވާ އެއްވެސް ލިޔުމެއް އޮއްތޯ ދައުލަތާއި ސުވާލުކޮށްފަ އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ، މި މައްސަލާގައި ސިންގަޕޫރުން ބުކް ކޮށްްފައިވާ ވިލާތަކުގެ ޔުނިޓްތަކުގެ ނަމްބަރުތަކާއި ވިލާއިން ފައިސާދެއްކި ކަމަށްބުނާ ވިލާތަކުގެ ޔުނިޓްތައް ދިމާވާ ކަމަށެވެ.
ގާޒީ ހައިލަމް ވިދާޅުވީ، ޔުނިޓްތަކުގެ ނަމްބަރު ދިމާވުމަކީ އެއީ އެ ވިލާތަކަށް ފައިސާ ދެއްކިކަން ސާބިތުކޮށް ދިނުން ނޫން ކަމަށެވެ. ދައުލަތާއި އިތުރަށް ސުވާލު ކުރުމުންވެސް ވަނީ ހަމަ އެވާހަކަތައް ތަކުރާރުކޮށްފަ އެވެ. ގާޒީ ހައިލަމް ވަނީ އިތުރު ސާބިތުވާ ހެއްކެއް ވާނަމަ އެކަން ބުނެދިނުމަށެވެ. އެންމެ ފަހުން ދައުލަތުންވެސް ވަނީ މި މައްސަލާގައި ހެކިވެރިޔާ ދިން ހެކިބަހުގެ އިތުރަށް އިތުރު ހެއްކެއްނެތް ކަމަށް ވިދާޅުވެފަ އެވެ.
މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ހެކިވެރިޔާގެ ހެކިބަހަށް އެކަނި ރިއާޔަތްކޮށް މި މައްސަލައިގައި ގޮތެއް ނުނިންމޭނެ ކަމަށާއި މި މައްސަލައާ ގުޅުން ހުރި ހެކި ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާތީ މި މައްސަލަ މަދަނީ މިންގަޑުން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މިއަދުގެ އަޑުއެހުންމުގައި ދައުލަތުން އެދިފައިވަނީ މި މައްސަލައިގައި ދައުވާ ކޮށްފައިވާ އަނެއް ތިން ފަރާތް ކަމަށްވާ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްސަލަ އެއްކޮށް ކުރިއަށް ނުގެންދަވާ ސަބަބު ބަޔާންކޮށްދިނުމަށެވެ.
އެގޮތުން މައްސަލަަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، ޒިޔާދުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާ ކަމަށާއި ބާކީ ތިބި ތިން ބޭފުޅުންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ދައުވާ ކަމަށެވެ. ސިޔާދުގެ މައްޗަށް ރިޝްވަތު ދިންކަން ސާބިތުކޮށް ނުދެވިއްުޖެނަމަ އެ ތިން މީހުންގެ މައްސަލަވެސް ކުރިއަށް ގެންދިއުމުގެ އެއްވެސް އިހްތިސޯސެއް އޮންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައިވެސް ވަކިވަކިން ޝަރީއަތް ކުރިއަށް ގެންދިއުމަށް ބާރު އަޅުުއްވާފައިވާ ކަމަށް ވެސް ގާޒީ ހައިލަމް ވިދާޅުވި އެވެ.