ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދޮށީ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލް، (ޕީޖީ) ގެ ފަރާތުން ދައުވާކުރުމުގައި މައިގަނޑު އަސާސެއް ކަމަށް ބެލި ލިޔުން ޕީޖީގައި ނެތްކަން ހާމަވެއްޖެ އެވެ. ސިޔާދުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.
މައްސަލާގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ޕީޖީއިން ވަނީ ސިޔާދުގެ މައްޗަށް ދައުވާ އިއްވާފަ އެވެ. އެ ދައުވާގައި ބުނެފައިވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ދިރިއުޅޭ އެޕާޓްމެންޓް ބަލާ ފާސް ކުރުމުގެ ތެރޭގައި ފެނުނު ބެކްޕެކްއެއްގެ ތެރެއިން ސިޔާދު ގާސިމް ސޮއި ކޮށްފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި އެ ފަނޑިޔާރުގެ ދަރިކަލަށް 2.4 މިލިއަން ޑޮލަރު ދީފައިވާކަން އެ ސިޓީން އެނގޭ ކަމަށެވެ. އަދި މެލޭޝިއާއިން ވިލާތަކެއް ރިޒާވްކޮށް އޭގެ ބައެއް ފައިސާ ވިލާ ކުންފުނިން ދައްކާފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.
ދައުވާ އިއްވުމުން ސިޔާދު ވަނީ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ. ދައުވާއަށް އިންކާރު ކުރެއްވި ސަބަބުތައް އޭނާގެ ވަކީލް ހިސާން ހުސެއިން ވިދާޅުވެ ދެއްވި އެވެ. ހިސާން ވިދާޅުވީ، ދައުވާގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. ރިޝްވަތު ދިނުންފަދަ އެއްވެސް ކަމެއްގައި ސިޔާދު ބައިވެރިވެފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ، ސިޔާދު ހައްޔަރު ކުރުމުގެ ކުރިން ވިލާގެ އޮފީސް ބަލައި ފާސްކުރި ކަމަށާއި ނަމަވެސް އެތަނުން ފުލުހުން ބޭނުންވާ އެއްވެސް ލިޔުމެއް ނުލިބޭ ކަމަށެވެ. އޭނާ ހައްޔަރު ކޮށްގެން ގެންގޮސް ލިޔުމެއް ދައްކާ އެ ލިޔުމާ ގުޅޭ ގޮތުން ވަކި ގޮތަކަށް ބަޔާން ދިނުމަށް ފުލުހުން އެންގި ކަމަށާއި އެ ލިޔުމެއް ވަކީލުންނަށް ނުވެސް ދައްކާ ކަމަށެވެ. ސިޔާދު ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިޔައީ ބޭނުންވި ގޮތަށް ބަޔާން ނުދިނުމުން ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
ސިޔާދާ ދެކޮޅަށް ގިނަ ހެކިތަކެއް!
ދައުވާއަށް އިންކާރުކޮށް ވާހަކަ ދައްކާފައިވާތީ ޕީޖީ ވަނީ 33 ހެއްކެއް ސިޔާދާ ދެކޮޅަށް ހުށަހަޅާފަ އެވެ. އެގޮތުން ހަސަން ސައީދުގެ ގެއިން ސިޔާދު ސޮއިކޮށްފައިވާ ސިޓީ ފެނުނުކަން ސާބިތުކުރަން ހަތަރު ފުލުހެއް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. ވިލާ އޮފީސް ފާސްކުރުމަށް ފުލުހުން ދިޔުމުން ސިޔާދުގެ ބައްޕާފުޅު ގާސިމް އިބްރާހިމް ވިދާޅުވެގެން ލިޔުމެއް ބަޔަކާ ހަވާލުކުރި ކަމަށް ސިޔާދު ފުލުހުން ކައިރީގައި ވިދާޅުވިކަން ސާބިތުކުރުމަށް ދެ ފުލުހެއް ވެސް ހުށަހެޅި އެވެ. އޭގެ އިތުރުން ސިއްރު ދެ ހެކިވެރިން ހުށަހެޅި އެވެ. އެއީ ދެ ފަނޑިޔާރުން މެލޭޝިއާއިން ވިލާތަކެއް ގަންނަން އުޅުނު ކަމަށް ހަސަން ސައީދުގެ ފަރާތުން މައުލޫމާތު ލިބުނުކަން ސާބިތުކުރުމަށެވެ.
މީގެއިތުރުން ހަސަން ސައީދު ދިރިއުޅުނު ގޭގެ ވެރިޔާ މީހާ ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އަދި، އެ ގެ ފާސްކުރުމަށް ފުރަތަމަ ދިޔަ 13 ފުލުހެއް ވެސް ހުށަހެޅި އެވެ. އެއީ އެ ގޭގައި ހަސަން ސައީދު ނޫޅޭކަން އެނގުމުން ވައްޓާލި ދޮރު މަރާމާތުކޮށް ބަންދުކުރިކަން ސާބިތުކުރުމަށެވެ. އެއީ އޭގެފަހުން އިތުރު މީހަކު އެ ގެއަށް ވަދެފައިނުވާކަން ވެސް ސާބިތުކުރުމަށެވެ.
ޑޮކިއުމެންޓް ހެކީގެ ގޮތުގައި ހަސަން ސައީދުގެ ގެއިން ފެނުނު ސިޓީ އާއި އޭގެ ޗެއިން އޮފް ކަސްޓަޑީ އާއި އެ ސިޓީއާ ގުޅިގެން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓް އެގްޒަމިނޭޝަން ރިޕޯޓާއި ވީޑިއޯ އެނާލިސިސް ރިޕޯޓާއި ފިންގަ ޕްރިންޓް ރިޕޯޓާއި މޮބައިލް ފޮރެންސިކް ރިޕޯޓް ހުށަހެޅި އެވެ. ޕީޖީގެ ވަކީލް ވިދާޅުވި ގޮތުގައި އެ ލިޔުންތަކުން ސިޓީގައި ސޮއިކުރައްވާފައިވަނީ ސިޔާދުކަން އެނގޭނެ އެވެ. އަދި، އެ ލިޔުމުން ނެގި ފިންގަ ޕްރިންޓަކީ ސިޔާދުގެ ފިންގަ ޕްރިންޓްކަން ވެސް ސާބިތުވާނެ ކަމަށެވެ. އޭގެއިތުރުން ސިޔާދުގެ ފޯނުން ސިޓީގެ ފޮޓޯއެއް ވެސް ފެނިފައިވާ ކަމަށެވެ. އެ ފޮޓޯ ނަގާފައިވަނީ އެ ސިޓީ ޕެރަޑިޒް އައިލެންޑް ރިސޯޓްގައި އޮތްވާ ކަމަށެވެ. ސިޓީ ޕްރިންޓް ކޮށްފައިވަނީ އެ ރިސޯޓްގެ ވޯޓާ ސްޕޯޓްސް އޮފީހުން ކަމަށް ވެސް ވިދާޅުވި އެވެ.
ދެން ހުށަހަޅާފައިވަނީ ސިއްރު ލިޔުމެކެވެ. އެއީ ވިލާ ކުންފުނީގެ ޝެއާ ހޯލްޑަރުންގެ މައުލޫމާތު ހިމެނޭ ލިޔުމެކެވެ. އޭގެއިތުރުން ސިއްރު އެހެން ލިޔުންތަކެއް ވެސް ހުށަހެޅި އެވެ. އެ ލިޔުންތައް ހުށަހެޅީ ޕީޖީއިން ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ސިޓީއަކާ ހަވާލާދީ އެވެ. އެ ލިޔުންތަކަކީ މެލޭޝިއާގެ ވިލާތަކެއް ރިޒާވްކޮށްފައިވާ ކަމާއި އޭގެން ބަޔަކަށް ވިލާއިން ފައިސާ ދައްކާފައިވާކަން ސާބިތުވާނެ ލިޔުންތަކެއް ކަމަށް ވަކީލް ވިދާޅުވި އެވެ.
މުހިންމު ލިޔުން ނެތް، ލިޔުން ހޯދަން އެންގި!
އެއާއެކު ސިޔާދުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވަނީ އެ ލިޔުމާ ގުޅިގެން ސުވާލުތައް ކުރިމަތިކުރުވާފަ އެވެ. ނޫރުއްސަލާމް ވަނީ އެ ލިޔުންތަކުގެ ސަފްހާގެ އަދަދާއި އެ ލިޔުންތައް ހުރި ބަސް ސާފުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އެއަށް ޖަވާބު ދެއްވަމުން ޕީޖީގެ ވަކީލް އައިޝަތު ރީޝާ ވިދާޅުވީ ސަފްހާ ނަންބަރަކީ ޖަވާބު ތައްޔާރުކުރުމަށް މުހިންމުވާނެ މައުލޫމާތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ އަދަދު ވިދާޅުވާން ރީޝާ ދެކޮޅު ހެއްދެވުމުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ އަދަދު ވިދާޅުވުމަށް އަންގަވާފަ އެވެ. ދެން ރީޝާ ވިދާޅުވީ، ޕީޖީއަށް އަދި އެ ލިޔުން ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ލިޔުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނޫރުއްސަލާމް ވިދާޅުވީ، ސިޔާދުގެ މައްޗަށް ދައުވާކޮށްފައިވަނީ ފައިސާތަކެއް ދިން ކަމަށް ބުނެ ކަމަށްވާއިރު އެ ލިޔުމަކީ މައްސަލާގެ އެންމެ މައިގަނޑު އަސާސް ކަމަށެވެ. އެއީ ވުޖޫދުގައިވާ އެއްޗެއްކަން ވެސް ނޭނގޭއިރު ދައުވާކުރެވިގެން ނުވާނެ ކަމަށެވެ. ސިޔާދު ހައްޔަރުކޮށްފައި ހުންނަވާތާ 100 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ވެސް އެ ލިޔުން ނުލިބި ވަނީ އެއީ ހިނގާފައިވާ ކަމަކަށް ނުވާތީ ކަމަށެވެ. މީހެއްގެ މައްޗަށް ދައުވާ ކުރާއިރު ހުރިހާ ލިޔުންތަކެއް ހުށަހަޅަވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާއިރު މި މައްސަލަ މި ހާލަތުގައި ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވި އެވެ.
ޕީޖީގެ ވަކީލް ރީޝާ ވިދާޅުވީ، ލިޔުން ލިބުން ލަސްވަނީ އެއީ ރާއްޖެއިން ބޭރުން ހޯދާ ލިޔުމަކަށްވާތީ ކަމަށެވެ. ފައިސާގެ އެ މުއާމަލާތް ހިންގާފައިވަނީ ބޭރުގެ ބޭންކެއް މެދުވެރިކޮށް ކަމަށެވެ. ނަމަވެސް އެ ލިޔުން ލިބޭނެ ގޮތު ތަފްސީލްތައް ޕީޖީގައި އޮންނަން ވާނެ ކަމަށާއި އެ ލިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށް ގާޒީ އެންގެވި އެވެ. މައްސަލަ މަދަނީ ގޮތުން ކުރިއަށް ގެންދުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ އެ ލިޔުން ލިބޭނެ ގޮތް ޕީޖީއިން ސާފުކޮށްދިނުމުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. މާދަމާގެ 12:00 ކުރިން ލިޔުންތައް ހުށަހަޅަން ގާޒީ އެންގެވި އެވެ.
ވަކީލަކާ ނުލާ ސިޔާދާ ސުވާލުކުރުމުގެ ތުހުމަތު
ގާސިމް އިބްރާހިމްގެ ލިޔުމެއް މީހަކަށް ދިން ކަމަށް ސިޔާދު ފުލުހުން ގާތު ވިދާޅުވި ކަމަށް ޕީޖީއިން ބުނާތީ އެކަމާ ގުޅިގެން ވެސް މިއަދު ބަހުސް ކުރި އެވެ. ވަކީލް ހިސާން ވިދާޅުވީ، ސިޔާދު ދެއްކެވި ވާހަކައެއް ވިއްޔާ ދެއްކެވީ ތަހުގީގުގައި ވަކީލުންގެ ހާޒިރުގަ ކަމަށެވެ. ތަހުގީގުގައި އެފަދަ ވާހަކައެއް ނުދައްކަވާއިރު ފުލުހުންތަކެއް ބުނާ ބުނުމެއްގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ ކަމަށެވެ.
އެކަމާ ގުޅިގެން ގާޒީ ވެސް ވަނީ ޕީޖީއާ ސުވާލުތައް ކުރިމަތިކުރައްވާފަ އެވެ. ތަހުގީގުން ބޭރުން ވަކީލެއް ނެތި ސުވާލުކުރުމަކީ ކޮން އުސޫލުތަކުންތޯ އެއްސެވި އެވެ. އެއަށް ޖަވާބު ދެއްވަމުން ރީޝާ ވިދާޅުވީ، ސިޔާދު އެ ވާހަކަތައް ފުލުހުން ގާތު ދެއްކެވީ އަމިއްލައަށް އިސްނަންގައިވައިގެން ކަމަށެވެ. ފުލުހުން ސުވާލުކޮށްގެން ނޫން ކަމަށެވެ. ނަމަވެސް ހިސާން ވިދާޅުވީ އެކަމަށް ސިޔާދު އިންކާރުކުރައްވާ ކަމަށެވެ.
ފޮތެއް ވެސް ހެދުމެއް ވެސް ނުލިބޭ
މަދަނީ ގޮތުން މައްސަލަ ކުރިއަށް ގެންދަން ގޮތެއް ނިންމާނީ ޕީޖީއިން ލިޔުންތައް ހުށަހެޅުމުން ކަމަށް ގާޒީ ނިންމެވުމުން ސިޔާދުގެ ފަރާތުން ވަނީ އޭނާގެ ބަންދަށް ލުޔެއް ދިނުމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން ސިޔާދަކީ މުޖުތަމައުއަށް ނުރައްކާވާފަދަ ބޭފުޅެއް ނޫން ކަމަށާއި ރިޝްވަތުގެ ކުށަކީ އަނިޔާވެރިކަން ހިމެނޭ ކުށަކަށް ނުވާތީ ބަންދުގައި އިތުރަށް ބަހައްޓަންޖެހޭ ސަބަބެއް ނެތްކަން ފާހަގަކުރި އެވެ. އަދި ހެކިންނަކީ ސިއްރު ހެކިންނަށްވާއިރު ނުފޫޒު ފޯރުވޭނެ ގޮތެއް ނެތްކަން ވެސް ފާހަގަކުރެއްވި އެވެ.
ޕީޖީގެ ވަކީލް ރީޝާ ވިދާޅުވީ، ބަންދަށް ލުޔެއް ދިނުމަށް އިއުތިރާޒްކުރައްވާ ކަމަށެވެ. މައްސަލާގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތުން މައްސަލާގައި ވަރަށް ބޮޑަށް ނުފޫޒު އޮތްކަން އެނގޭ ކަމަށާއި މައްސަލާގެ ބަޔާންތަކެއް ވެސް ލީކްވެފައިވާ ކަމަށެވެ. އެހެންވެ އިތުރަށް ވެސް އެފަދަ ނުފޫޒުތަކެއް ހިނގުމުގެ ބިރު އެބަ އޮތް ކަމަށެވެ. ވަކީލް ނޫރުއްސަލާމް ވިދާޅުވީ، މައްސަލާގައި ބަޔާންތައް ލީކްވެފައިވާއިރު ލީކްވެފައިވާ އެއްވެސް ބަޔާނެއްގައި ސިޔާދު ރިޝްވަތު ދެއްވި ކަމަށް ބުނެފަ ނެތް ކަމަށެވެ. އެހެންވެ އޭނާ ނުފޫޒު ފޯރުވާނެ މީހަކު ނުހުންނާނެ ކަމަށެވެ. ދެ ފަރާތުގެ ވާހަކަތައް އެއްސެވުމަށްފަހު ގާޒީ ނިންމެވީ ބަންދާމެދު ލުޔުމެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެގޮތަށް ގާޒީ ނިންމެވުމުން ވަކީލް ހިސާން ހުސެއިން ވަނީ ސިޔާދު ބަންދުކޮށްފައިވާ ހާލަތު ރަނގަޅުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. ސިޔާދު ހުންނަވަނީ އެހެން މީހަކާ ވާހަކަ ނުދެއްކޭ ގޮތަށް ބަންދުކޮށްފަ ކަމަށާއި އޭނާގެ އާއިލާއަށް އޭނާއަށް ހެދުމެއް އަދި ކިޔާލާނެ ފޮތެއް ވެސް ނުފޮނުވޭ ކަމަށެވެ. އަދި ޖަލުގެ ފިހާރައިން ސިޔާދަށް ގަންނަން ލިބެނީ ވަކި އެއްޗެހިތަކެއްކަން ވެސް ހިސާން ފާހަގަކުރެއްވި އެވެ.
ރީޝާ ވިދާޅުވީ، ބަންދުކޮށްފައިވާ ގޮތުގައި ވީކްލީ އަޕްޑޭޓްސް ނަގަމުންދާ ކަމަށާއި މިދިޔަ ހަފުތާގެ ތެރޭގައި ސިޔާދަށް ފޮތެއް ލައިބްރަރީން ދޫކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ. ރީޝާ އެކަން ފާހަގަކުރެއްވުމުން ހިސާން، ހުދު ކުލައިގެ ގަމީހެއް ތުރުކުރައްވައިގެން އިންނެވި ސިޔާދާ ވާހަކަ ދެއްކެވުމަށްފަހު ވިދާޅުވީ، ސިޔާދަށް ފޮތް ފޮނުވުމަށް ބޭނުންވާނަމަ ޖަލުގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރަން އާއިލާއަށް އެންގި ކަމަށާއި ސިޔާދަށް މިދިޔަ ހަފުތާގެ ތެރޭގައި ބަންދުކުރި ފަހުން ފުރަތަމަ ފޮތް ލިބިފައިވަނީ އާއިލާއިން ލައިބްރަރީއަށް ފޮތްތަކެއް ހަދިޔާކުރުމުން ކަމަށެވެ. އަދިވެސް ހެދުމެއް ފޮނުވިފައިނުވާކަން ވެސް ފާހަގަކުރެއްވި އެވެ.
ސިޔާދުގެ ފަރާތުން ފާހަގަކުރެއްވި ގިނަ ކަންކަން ޖެހޭނީ ސާފުކުރަން ކަމަށް ރީޝާ ވިދާޅުވި އެވެ. އެގޮތުން ސިޔާދު ބަންދުކޮށްފައި ހުންނަނަވީ އެކަހެރިކޮށް ކަމެއް އެނގިފައިނުވާ ކަމަށާއި ފިހާރައިން ވަކި އެއްޗެއް ގަންނަން ނުލިބޭކަން ވެސް އެނގިފައިނުވާ ކަމަށް ރީޝާ ވިދާޅުވި އެވެ. ގާޒީ ހައިލަމް ވަނީ އެފަދަ ކަންކަން ބަލާ ބަންދުގައި ތިބޭ މީހުންގެ ހާލަތު ބެލުމަކީ ޕީޖީގެ ޒިންމާއެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ދެން އޮންނަ އަޑުއެހުމަކަށް އެކަންކަން ސާފުކުރުމަށް ޕީޖީއަށް ގާޒީ އެންގެވި އެވެ.