ވިޔަފާރި

ސަންގެލި ރިސޯޓު އަންނަ އަހަރު ހުޅުވަނީ

  • ރިސޯޓުގައި 137 ވިލާ ހުރޭ
  • އަންނަ އަހަރު ޖުލައިގައި ހުޅުވާނެ
  • ހަތަރު ތަރި، އެންމެ މަތީ ހިދުމަތް

އެޓްމޮސްފިއާ ހޮޓެލް އެންޑް ރިސޯޓްސް އިން ރާއްޖޭގައި ހުޅުވާ ތިން ވަނަ ރިސޯޓު ކަމަށްވާ ސަންގެލި އައިލެންޑް އަންނަ އަހަރު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ހަބަރު ފަތުވާ "ބްރޭކިން ޓްރެވަލް ނިއުސް" ގައި ވާގޮތުން "އޮބްލޫ ސެލެޓް އެޓް ސަންގެލި" ގެ ނަމުގައި ހުޅުވާ މި ރިސޯޓު އަންނަ އަހަރުގެ ޖުލައި މަހު މާކެޓަށް ހުޅުވާލާނެ އެވެ.

އެންމެ މަތީ ފަންތީގައި ހަތަރު ތަރީގެ ހިދުމަތް ދިނުމަށް މާލެ އަތޮޅުގައި ހުޅުވާ އޮބްލޫ ސެލެކްޓް އެޓް ސަންގެލި ރިސޯޓަކީ ޑުލެކްސް ފެންވަރުގެ ރިސޯޓެކެވެ. މާލެއިން ފުރައިގެން ސްޕީޑް ލޯންޗެއްގައި 50 މިނެޓުން ދެވޭ ހިސާބުގައި ހުޅުވާ ސަންގެލި ރިސޯޓުގައި އެކި ފަންތީގެ 137 ވިލާއާއެކު މީރު ކެއުންތައް ހިމެނޭ ރެސްޓޯރެންޓުތައް ވެސް ހުންނާނެ އެވެ. މިގޮތުން މި ރިސޯޓު ފަރުމާކުރަނީ މާމުއި ހަނދުގެ ދުވަސްތައް ހޭދަ ކުރަން ރާއްޖެ އަންނަ މީހުންނަށް ހާއްސަ ހިދުމަތްތަކާއެކުގަ އެވެ.

ސަންގެލި ރިސޯޓު އުފެދިފައިވާ ގޮތުން ރިސޯޓާއި ގުޅިގެން ސޭންޑްބޭންކެއް އޮވެ އެވެ. މިތަނުގެ ސަބަބުން ރިސޯޓަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭއިރު މިތަނުގައި ހުންނައިރު އިރު އަރާ ހިތްގައިމު މަންޒަރު ފެނިގެންދާނެ ކަމަށް އެ ވެބްސައިޓުގައިވެ އެވެ.

އެޓްމޮސްފިއާ ހޮޓެލް އެންޑް ރިސޯޓްސްއިން ރާއްޖޭގައި މިހާރު ދެ ރިސޯޓެއް ހިންގަ އެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ހުޅުވި އޯޒެން ބައި މާދޫ އާއި ހެނލެގެލި އައިލެންޑް ރިސޯޓެވެ