ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުލްބާރީ ޔޫސުފް އާއި އެ ކޯޓްގެ އެހެން ގާޒީ އަކު ޖުވެނައިލް ކޯޓަށް ބަދަލު ކުރަން ޖޭއެސްސީ އިން ކުއްލި ގޮތަކަށް ނިންމައިފި އެވެ.
ޖޭއެސްސީ އިން އެގޮތަށް ނިންމީ މިރޭ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގަ އެވެ. ގާޒީ ބާރީ މިއަދުވެސް ވަނީ އެ ކޮމިޝަނަށް ހާޒިރުކޮށްފަ އެވެ. ދެން ޖުވަނައިލް ކޯޓަށް ބަދަލު ކުރަން ނިންމީ، ގާޒީ އަހްމަދު ޝަކީލް އެވެ. ޖޭއެސްސީ މިބަދަލު މިގެނައީ، ސުޕްރީމް ކޯޓްގެ ހުށަހެޅުމަކަށް ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުން އެ ބަދަލު ގެންނަން ހުށަހެޅީ ކީއްވެ ކަމެއް ނުބުނެ އެވެ.
އެހެން ނަމަވެސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އެ ކޯޓަށް ވެއްދި ދައުވާތައް އެކޯޓުން ބޭރުކޮށް މިރޭ ވަނީ އަނބުރާ ޕީޖީއަށް ފޮނުވާލައިފަ އެވެ. އެ މައްސަލަ އަނބުރާ ޕީޖީއަށް ފޮނުވާލީ އެ މައްސަލައަށް ޕީޖީގެ ވަކީލުން ހާޒިރުނުވުމުން އެވެ. އެ މައްސަލަތައް ބެލި ބެންޗްގެ ރިޔާސަތު ބެލެހެއްޓެވީ ގާޒީ ބާރީ އެވެ.
މީގެ އިތުރަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވެސް އެ ކޯޓުން ވަނީ މި ހަފްތާ ނިންމައިފަ އެވެ. އެގޮތަށް ހުކުމް ކުރެއްވީ، ޖުވަނައިލް ކޯޓަށް މިރޭ ބަދަލު ކުރި ގާޒީ ޝަކީލް އެވެ. އަދި މެންބަރުންނަށް ރިޝްވަތު ދިނުމުގެ މައްސަލައިގައި ހައްޔަރު ކުރި ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓަކު ވެސް ވަނީ ދާދިފަހުން އެ ކޯޓުން މިނިވަން ކޮށްފަ އެވެ.
ޕީޖީ އިން ބުނެފައި ވަނީ ގާސިމްގެ މައްޗަށް ކޮށްފައިވާ ދައުވާތައް އެ ކޯޓުން ބޭރު ކުރީ، އެ މައްސަލަ ފަސްކޮށް ދިނުމަށް ޕީޖީ އިން އެ ކޯޓްގައި އެދިފައި ވަނިކޮށް ކަމަށެވެ.