ހަބަރު

ކްރިމިނަލް ކޯޓްގެ ހިންގުން އާދަމް އާރިފްއާ ހަވާލުކޮށްފި

Jul 11, 2017
2

ކްރިމިނަލް ކޯޓްގެ ހިންގުން އެ ކޯޓްގެ ގާޒީ އާދަމް އާރިފްއާ ވަގުތީ ގޮތުން ހަވާލުކޮށްފި އެވެ.

އާދަމް އާރިފްއާ ހިންގުން މި ހަވާލުކުރީ އެ ކޯޓްގެ އިސްގާޒީގެ މަގާމުގައި ހުންނެވި އަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް ބަދަލު ކުރަން ރޭ ޖޭއެސްސީ އިން ކުއްލި ގޮތަކަށް ނިންމާފައި ވަނިކޮށެވެ. އާދަމް އާރިފްއަށް ކްރިމިނަލް ކޯޓްގެ ހިންގުން ހަވާލުކުރީ ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވި ސިޓީއެއްގަ އެވެ.

މީގެ ކުރިން ޕީޖީ އޮފީހުގެ ސީނިއާ ޕްރޮސިކިއުޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އާދަމް އާރިފް ކްރިމިނަލް ކޯޓްގެ ގާޒީ ކަމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އާދަމް އާރިފް އަކީ، ހައި ޕްރޮފައިލް ވަރަށް ގިނަ މައްސަތަކުގައި ޕީޖީގެ ގާނޫނީ ޓީމް ލީޑް ކުރެއްވި ޕްރޮސިކިއުޓަރެކެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލި ދައުވާތައް ބޭރުކޮށްލައި އަނބުރާ ޕީޖީއަށް ފޮނުވާލަން ރޭ ކްރިމިނަލް ކޯޓުން މައްސަލަ ނިންމި އިރު އެ މައްސަލަ ބަލައި ބެންޗްގައި ވެސް އޭނާ ހިމެނިވަޑައިގެންނެވި އެވެ.

ޗޭއެސްސީ އިން އެ ކޯޓްގެ އިސް ގާޒީއަކަށް ހުންނެވި ބާރީ ޖުވެނައިލް ކޯޓަށް ބަދަލު ކުރީ ގާސިމްގެ އިބްރާހިމްއަށް ކުރި ދައުވާތައް އަނބުރާ ފޮނުވާލަން ނިންމިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. ބާރީ ޖުވެނައިލް ކޯޓަށް ބަދަލު ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް މިހާތަނަށް ވެސް ބުނެފައެއް ނުވެ އެވެ.