(9 ޖުލައި 2017 އާ ގުޅޭ) -- އެންމެ އެތިފަހަރަކުން އޭނާގެ ހިތެއް ނުފުރުނެވެ. ދެފަހަރު ޖަހަންވާއިރަށް އައިރާއަށް އޭނާގެ ދެއަތް މޫނާ ހުރަސްކޮށްލެވިއްޖެއެވެ.
"ލޫކަންއާ ހިތާވާނަމޭތަ ތި އުޅެނީ" އައިރާ ކޮށްޕާލާފައި ރުބީނާ ބުންޏެވެ. އެއާއެކު އެނދުގައި އިށީނދެގެން އިން އައިރާ ފަހަތަށް ވެއްޓެން ދިއުމާއެކު ދެއަތުގެ އެހީގައި ހަށިގަނޑު ހިފެހެއްޓިއެވެ. އަދި އަނެއްކާ ވެސް އިހު އިންހެން އިސްޖަހާލިއެވެ. ކިތަންމެ ފަހަރަކު ރުބީނާއަށް ރައްދު ދޭން އައިރާގެ ހިތަށް އެރިއެވެ. ނަމަވެސް ރުބީނާ ފަދަ އަންހެނަކާ ޒުވާބު ކުރުމަކީ އަމިއްލަ މީހާ އެ ދަރަޖައަށް ހިނގައިދާނޭ ފަދަ ކަމެއްކަމަށްވާތީ އައިރާ ހިމޭންކަން ޚިޔާރުކުރީއެވެ. އައިރާ އެއްޗެއް ބުނި ނަމަވެސް އެ އަޑެއް ރުބީނާ ނާހާނެކަން ޔަގީނެވެ.
ކުއްލިއަކަށް ހުޅުވިގެން ދިޔަ ދޮރުފަތް "ބަން" ކިޔާފައި ފާރުގައި ޖެހުނު އަޑާއެކު ރުބީނާ ފަހަތަށް އެނބުރިލިއެވެ. އައިރާއަށް ވެސް އިސްއުފުލާ އެ ދިމާ ބަލާލެވުނެވެ. އޭރު ދޮރުމަތީ ލޫކަން ހުއްޓެވެ. ދޫކޮށްލާފައި އޮތް އޭނާގެ ފަން އިސްތަށިގަނޑުގެ ކޮޅުތައް އޭނާގެ ކޮނޑުމަތީގައި ޖެހިފައި ހުރިއިރު އެ އިސްތަށިގަނޑުން ފެނުގެ އަސަރު ފާޅުވެއެވެ. ދޮރުކަނީގެ ދެފަރާތުން އޭނާގެ ބާރުގަދަ ދެއަތް ވިއްދާލައިގެން ރުބީނާއަށް ބަލަން ހުރީއެވެ. ހަރަކާތްހުއްޓިފައިވާ މީހަކުހެން ރުބީނާއަށް ވެސް ހުރެވުނީއެވެ.
"މިކޮޓަރިއަށް ކޮންހާ ވަރެއްވެފައި މި އޮތީ؟ މިކަން ކުރީ ކަލޭތަ؟" އެއްވެސް އިޚްތިރާމެއް ނެތްފަދަ ގޮތަކަށް ރުބީނާއާ ދިމާއަށް ލޫކަން ބުނެލިއިރު އޭނާގެ މޫނުމަތިން ރުޅިވެރިކަން ފާޅުވޭވޭ ހުއްޓެވެ.
"މީ ލޫކަންއާ ބެހޭކަމެއްނޫން. އޭނާ ހުންނަނީ އަހަރެންގެ ބެލުމުގެ ދަށުގައި. އަހަރެން މިގޭގައި އޭނާ ބަހައްޓާފައި ހުންނާތީ ހުންނަނީ" ރުބީނާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.
"ކަލޭގެ ބެލުމުގެ ދަށުގައި ހުންނަން އައިރާއާ ކަލެއާ އޮތް ގުޅުމަކީ ކޮބާ؟" ލޫކަން ކުރި ސުވާލުން ރުބީނާ ހިމޭންވިއެވެ. އިރުކޮޅަކު އެއްޗެކޭ ނުބުނޭ ހުރެފައި އޭނާ ލޫކަންއަށް ބަލާލިއެވެ.
"ލޫކަން މިދޭތެރެއަށް ވަންނާކަށް ނުޖެހޭނެ. އައިރާ މިގެއަށް ގެނައި މީހަކީ އަހަރެން. ތަނަކުން އަންހެނަކު ފެންނައިރައަށް ތިވަރުވާންޖެހޭތަ؟ ލޫކަންގެ ކާކުތަ އެއީ؟ މީ ޚާދިމުން އުޅޭ ބައި. މިބަޔަށް ފުރަތަމަ ލޫކަން އަންނާކަށް ވެސް ނުޖެހޭނެ"
"ބުނަންތަ ވާހަކައެއް. މީ އަހަރެންގެ ބައްޕަގެ ގެ. މިގޭގައި އަހަންނަށް ނުވަދެވޭނެ އެއްވެސް ތަނެއް ނުހުންނާނެ. އަހަރެންގެ އަމުރު ނުހިނގާނެ އެއްވެސް ކަމެއް ނޯންނާނެ. މިގޭތެރޭގައި ހިނގާ ހުރިހާ ކަމެއް އަހަންނަށް އެނގޭ. ކަލޭ ބައްޕަ ގާތުގައި ހަދާފައި އޮތް ބޮޑު ދޮގު ވެސް އަހަންނަށް އެނގޭ. އަމިއްލައަށް ބޭޒާރުވާން ބޭނުންނޫނިއްޔާ މިކޮޓަރިން ނުކުމެގެންދޭ. މީގެ ފަހުން ކަލޭގެ އުނދަގޫ އައިރާއަށް ފޯރައިގެން ނުވާނެ. މިގެއިން އައިރާ ނެރެން ކަލޭ އުޅެފިއްޔާ އޭނާއާއެކު ކަލޭ ވެސް ޖެހޭނީ ނުކުންނަން... އަހަރެންގެ ދޫ ހިމޭނުން ބާއްވައިގެން މިހުންނަނީ ކަލެއަށް އެއްޗެއް ވިސްނޭތޯ... ކަލޭގެ ހަޤީޤީ ސިފަ ބައްޕައާ ހަމައަށް ގެންދާކަށް އަހަރެން ޖެހިލުމެއްނުވޭ" ލޫކަންއަށް ބަލަހައްޓައިގެން ހުރި ރުބީނާ ހަޅޭލަވައިގަންނަން ބޭނުންވިއެވެ. ލޫކަންގެ ނުރުހުންވެފައިވާ މޫނު ނޮޅާލަން އޭނާ ހިތަށް އެރިއެވެ. އެހެންނަމަވެސް މުއްކަވާލި ދެއަތްތިލައާއެކު ދަތްކުނޑިވިކާލައިގެން ހުރެ އެ ކޮޓަރިން ނުކުމެގެން ދިޔައީއެވެ.
"އައިރާ އޯކޭތަ؟" ރުބީނާ ނުކުމެގެން ދިއުމާއެކު އައިރާގެ ކުރިމަތީ ތިރިވެލަމުން ލޫކަން އަހާލިއެވެ. އަދި ދެއަތުން އައިރާގެ މޫނުގައި ހިފާ އުފުލާލިއެވެ. އޭނާގެ ރަތްވެފައިވާ ކޯތާފަތް ފެނި ބޭއިޚްތިޔާރުގައި އެ ކޯތާފަތުގައި ލޫކަންއަށް ފިރުމާލެވުނެވެ.
"ރުބީނާ ޖެހީތަ؟" އައިރާގެ މޫނުމަތިން ފެންނަމުންދިޔަ އަސަރުތަކަށް ބަލަން އިނދެފައި ލޫކަން ސުވާލުކޮށްލިއެވެ. ދެން ވެސް އައިރާ އަނގަޔަކުން ނުބުންޏެވެ. މަޑުމަޑުން ލޫކަންގެ އަތް އޭނާގެ މޫނާ ވަކިކޮށްލާ ދުރަށް ޖައްސާލިއެވެ. އައިރާގެ އެ ހަރަކާތާއެކު ލޫކަން ތެދުވިއެވެ. އަދި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ކުލަކުލައިގެ ކަރުދާސް ދޫނިތައް ހަލާކުކޮށްލާފައިވާތަން އޭނާއަށް ފެނުނެވެ. އަލަމާރިކައިރިއަށް އަޅާލާފައި ހުރި ހެދުންތައް ފެނުމުން އެ ދިމާއަށް ލޫކަން އައެވެ. އަދި ގޮނޑި ދަމާލާފައި އޭގެ މަތީ ހެދުންތައް ނަގާ ބަހައްޓަން އުޅުމުގެ ތެރޭ އިރާލާފައި އޮތް ހެދުން ލޮލުގައި އަޅައިގަތެވެ. ވަކިވަކިން ފަހަރަކު ހެދުމެއް ލޫކަން ބެލިއެވެ. ގޮނޑިމައްޗަށް ހުރިހާ ހެދުމެއްލާފައި އައިސް އައިރާގެ ގާތުގައި އިށީނެވެ.
"ރުބީނާ އަނިޔާކުރާންދެން މީގެ ފަހުން އައިރާ ހުރެގެންނުވާނެ. އައިރާ ތިހެން އިންނާތީ އޭނާއަށް އެއުޅެނީ އެހާ ހިތްވަރެއް ލިބިގެން"
"ލޫކަންއަށް އެނގެނީ ކޮންކަމެއް؟" މަޑުމަޑުން އައިރާ ސުވާލުކޮށްލިއެވެ.
"އަހަންނަށް އެނގޭ އައިރާއަކީ ރުބީނާގެ ޅީދަރިއެއްކަން. އޭނާ އަހަރެންގެ ބައްޕަ ގާތުގައި ނުބުނޭ ތީ އޭނާގެ ޅީދަރިއެކޭ. އިންސާނިއްޔަތުކަމަށް ޓަކައި އައިރާއަށް އެހީވަނީ ކަމަށް ހެދިގެން އޭނާ އުޅެނީ. އެކަމަކު މީކީ ނޫނެއްނު އެހީވާ ގޮތަކީ. އޭނާ އައިރާއަށް ބިރުދައްކާކަން އަހަންނަށް އެނގޭ. އަހަރެންގެ ބައްޕަ ގާތުގައި ބުނީ އައިރާއަކީ ވިޔާނުދާ އަންހެނެކޭ. ވިޔާނުދާ ގޮތްގޮތަށް އުޅުމުގެ ސަބަބުން ބަލިވެ އިނީއޭ. އޭނާ އައިރާދެކެ ދަރިއަކު ފަދައިން ލޯބިވާތީ މިގޭގައި ގެންގުޅެނީއޭ. އައިރާއަށް ދަރިފުޅު ނުބެލޭނޭތީވެ ވިހަންދެން މިގޭގައި އިނީ. ވިހައިމަ އެ ދަރިފުޅު ރުބީނާއާ ހަވާލުކުރާން އައިރާ އޮތީ ނިންމާފައިކަމަށް"
ލޫކަންގެ ވާހަކަ އިވުމާއެކު ވަގުތުން އައިރާއަށް ރޮވިއްޖެއެވެ. ހިތުގައި ޖެހިގެންނެވެ. ހަޤީޤަތް ނޭނގޭ މީހާ އައިރާއާ މެދު ހީކުރާނީ ކިހާ ގޯސްކޮށް ހެއްޔެވެ. އޭނާއަކީ ރުބީނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ އަނބިމީހާއެވެ. ލިބެން އުޅެނީ އެ ފިރިހެން ދަރިފުޅުގެ ދަރިއެކެވެ. ރުބީނާގެ ފުރަތަމަ މާމަ ދަރިފުޅެވެ. އެކަމަކު އެއީ ކޮންކަހަލަ އަންހެނެއް ހެއްޔެވެ. ލޫކަންއަށް ފޮރުވާލުމަށް އައިރާ މޫނުގައި ދެއަތް އެޅިއެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ނުހިފެއްޓޭނޭކަން އެނގޭތީއެވެ.
މަރިޔަންދީއާއެކު ކެތުލީނާއި މޯނާ އައިސް އައިރާގެ ކޮޓަރިއަށް ވަނެވެ. އެމީހުންނަށް އެނދުގައި ރޯން އިން އައިރާއާއި އޭނާގެ ގާތުގައި އިން ލޫކަން ފެނުނެވެ. ކެތުލީނުގެ ފަރާތުން ކޮންމެވެސް ވަރަކަށް ކަންތައްވީގޮތް މަރިޔަންދީއަށް އޮތީ އެނގިފައެވެ. ލޫކަން އިނދެފައި ކޮޓަރިތެރެ ސާފުކުރުމަށް ކެތުލީނުގެ ގާތުގައި ބުނެލިއެވެ. ބޯޖަހާލަމުން ލޫކަންގެ ބަހަށް ކެތުލީނު ކިޔަމަންވިއެވެ.
"އެވެސް އުކާލާ" ކެތުލީނު ސާފުކުރަމުން ދަނިކޮށް ގޮނޑިމަތީ ހުރި ހެދުންތަކަށް އިޝާރާތްކޮށް ލޫކަން ބުންޏެވެ.
"އައިރާ މިހާރު އިންނާނީ ވަރަށް ވަރުބަލިވެފައި. މަރިޔަންދީ އޭނާއަށް ކާންދީފައި ނިދަން ބާއްވާ" ލޫކަން ތެދުވެގެން ކޮޓަރިން ނުކުންނަން ދިޔައެވެ.
* * * *
ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށް ލޫކަން ވެސް ކާމޭޒުދޮށުގައި އިނެވެ. އޭނާ ދޭތެރެއަކުން ރުބީނާއަށް ބަލާލައެވެ. ރުބީނާ ވެސް އޭނާއަށް ބަލާކަން ފާހަގަވީ ދެ މީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތެއް ވެސް ދިއުމުންނެވެ. އާދަޔާ ޚިލާފު ހިމޭންކަމެއް ވެރިވެފައި އޮތްކަން ޤައިސްއަށް ފާހަގަކުރެވިގެން އެ ވާހަކަ އޭނާ ދެއްކިއެވެ.
"ލޫކް! މިއަދު ހޮސްޕިޓަލުގައި ކަމެއް ދިމާވީތަ؟"
"ޑޭޑް އަޅުގަނޑުދެކެ ކިހާ ވަރަކަށް ލޯބިވޭ؟" ޤައިސްއަށް ލޫކަންގެ ސުވާލު އިވި ހައިރާންވިއެވެ. ހަމައެއާއެކު ހިނި ވެސް އަންނަ ގޮތް ވިއެވެ.
"ކިހިނެއްވީ؟ ބައްޕަ ދަރިފުޅުދެކެ ލޯބިވޭ. ތީ ބައްޕައަށް ލިބުނު ހަމައެކަނި ދަރިއަކީ" ލޫކަންއާ ނުވެސް ގުޅޭ ފަދަ ވާހަކައެއް އޭނާ ދައްކާތީ ޤައިސް އިނީ ހީކުރާންވީ އެއްޗެއް ވެސް ނޭނގިފައެވެ.
"އެހެންވީރު އަޅުގަނޑު އެދެފި ކޮންމެ ކަމެއް ވެސް ބައްޕަ ކޮށްދޭނަންތަ؟" ލޫކަންގެ ބަސްތައް އިވި ރުބީނާގެ ދެބުމަ ކައިރިވެގެންދިޔައެވެ. ނުރުމުގެ ގޮތަކަށް ލޫކަންއަށް ބަލާލިއެވެ. ނަމަވެސް ފުސް މޫނު ދައްކައިގެން ޤައިސްގެ ކުރިމަތީ އިންނާކަށް ރުބީނާއަކަށް ނުކެރުނެވެ.
"މިހާތަނަށް ބައްޕައަށް ކޮށްދެވޭވަރުކަމެއްވިއްޔާ ކޮށްދިނީމެއްނު؟ ކޮންކަހަލަ ސުވާލުތަކެއްތަ ތިކުރަނީ؟ ދަރިފުޅަށް ކަމެއްވީތަ؟" ޤައިސްއަށް ވާނުވާ ނޭނގުނަސް ލޫކަންގެ ވާހަކައިގެ އަމާޒަކީ ރުބީނާކަން އެ ދެ މީހުންނަށް ވެސް އެނގެއެވެ.
"އަޅުގަނޑު ވަރަށް ބޮޑު ކަމަކު އެދެންވެފައި އެބައޮތް. އެކަމަކު މިވަގުތަކުނޫން. ފަހުން ބައްޕައާ ބައްދަލުކޮށްފައި ބުނާނަން އެވާހަކަ" ލޫކަން ބޭނުންވީ ރުބީނާގެ ހިތްތަޅުވާލާށެވެ.
ލޫކަންގެ ވާހަކަތަކުން ރުބީނާއަށް އަސަރު ކުރިއެވެ. އޭނާ ކާމޭޒުދޮށުން ތެދުވިއެވެ. ބޮލުގައި ރިއްސަނީ ކަމުގައި ބުނެ އަވަހަށް ކޮޓަރިއަށް ދާން ބޭނުންވަނީކަމުގެ ބަހަނާ ދެއްކިއެވެ. ލޯ ހިމަކޮށް ލޫކަންއަށް ބަލާލާފައި ކާކޮޓަރިން ނުކުމެގެން ރުބީނާ އައެވެ.
ހާމަފެންޑާގައި ހުރި ގޮނޑީގައި ރުބީނާ އިންއިރު ކުރިމަތީ ހުރި ގޮނޑިއަށް ދެފައި އަރުވާފައިވެއެވެ. ގޮނޑީގެ ލެނގޭ ބަޔާއި ބުރަކައްޓާއި ދޭތެރެއަށް ލައްވާފައި އޮތް ކުޑަ ބާލީސްކޮޅު ހަމަޖައްސާލިއެވެ. ހަށިގަނޑު ގޮނޑީގެ ތެރެއަށް ދޫކޮށްލުމާއެކު ރުބީނާ ފުންނޭވާއެއް ލިއެވެ. އެހެންނަމަވެސް އޭނާއަށް ހަމަޖެހުމެއް ނުލިބުނެވެ. އިރުކޮޅަކު އެހެން އިނުމަށް ފޯނު ނަގާ ހިދާއަށް ގުޅިއެވެ.
"އޭތް! ވަރަށް ބޮޑުކަމެއް ކޮށްދޭންވެއްޖެ" ހިދާ ފޯނަށް ޖަވާބު ދިނުމާއެކު ރުބީނާ ބުނެލިއެވެ.
"ކިހާވަރެއްގެ ކަމެއް؟ ޤައިސްއަށް ނުކޮށްދެވޭވަރުގެ ކަމެއް އޮތީތަ؟" ހިދާގެ ހުރީ ސަމާސާ ކުރާފަދަ ރާގެކެވެ.
"އެއްކަހަލަ އަންހެނާ ޤައިސްގެ ދަރި އަތު އަޅުވާލައިގެން އުޅެނީ. އޭނާ ހުރީ އަހަންނާ ކުރިމަތިލާން ވެސް ތައްޔާރަށް. ހިދާ! އަހަރެން ބޭނުމެއްނޫން ޤައިސްއަށް އެއްވެސް ކަމެއް އެނގޭކަށް... އަހަންނަށް ހޯދާ ދީބަލަ އޭނާ ބަހައްޓާނޭ ތަނެއް. އަހަރެން ފައިސާ ޚަރަދުކޮށްފާނަން. އެހެންނޫނަސް ދެންނެތޭ އޭނާ ވިހާކަށް ގިނަ ދުވެއް. އެންމެ ހިނދުކޮޅަކަށް ވެސް އަހަރެން ބޭނުމެއްނޫން ދެން އޭނާ މިގޭގައި ބަހައްޓާކަށް. ހިތަށް އަރާ ކުރީން ވެސް އެހެން ހެދުނު ނަމައޭ. ނޭނގޭނެއެއްނު. އެ ލޫކަންއަށް ވެސް މާލެ އަންނަންވެއްޖެ ވިއްޔާ. ރާއްޖޭން ބޭރުގައި އެ ހުރިގޮތަށް ހުރިނަމަ ކީއްތަވާނީ"
"ދެން އަހަންނަކަށް ނޫނޭ ހަޅޭލަވަންވީ" ރުބީނާ މާ ބާރަށް ވާހަކަދެއްކުމުން ހިދާ ބުންޏެވެ.
"ސޮރީ. ބޯގޮވާފައި ހުރިވަރުން އެހެންވީ... އަހަންނަކަށް ހަމަޖެހުމެއް ނުލިބޭނެ އެ އަންހެނާ މިގޭގައި އިންހާ ހިނދަކު"
"ތީ ބޮލުގަ ރިއްސާ މީހާތަ؟" ކުއްލިއަކަށް އިވިގެންދިޔަ ލޫކަންގެ އަޑާއެކު ރުބީނާ ދުވަހަކު ވެސް ނުސިހޭވަރަށް ސިހުނެވެ. ފައި އަރުވައިގެން އިން ގޮނޑި ކޮށްޕާލުމާއެކު އިންތަނުން ފުންމައިގެން ތެދުވިއެވެ.
"އަހަރެން ފަހުން ގުޅާނަން... މަށަށް މިއޮތީ ބަލާވެރިކަމެއް ލައިގަނެފައި" ލޫކަންއާ ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ ރުބީނާ ފޯނުން ބުންޏެވެ. އަދި ކޯލު ކަނޑާލުމާއެކު ރުބީނާ ވާހަކަދެއްކީ ލޫކަންއާއެވެ.
"އަހަންނަށް ފާރަ ވެސް ލަނީތަ؟ ބަލަ އަހަންނަކީ ކަލޭގެ ބައްޕަގެ އަންހެނުން... މަންމަގެ މަޤާމުގައި..."
"ޝަޓްއަޕް! ކަލޭ... ކަލޭ ގާތް ވެސް ނުކުރެވޭނެ އަހަރެންގެ މަންމައާ. ތީ ބޭރުފުށުން ލެވިފައި ހުރި ތޮށިގަނޑެއް. އެތެރޭގައި އެކައްޗެއް ވެސް ނެތް. ރީތިކަން ވިއްކައިގެން އުޅޭ މީހުން އަހަރެން ވެސް ދުށީން. އަހަރެންގެ ޑޭޑްގެ ނަސީބު ދެރައީ. ކަލޭ ފަދަ އަންހެނެއްގެ އަވައިގައި އެ ޑޭޑް ޖެހުނީތީ. މީހުންގެ ދިރިއުޅުން ހަލާކުކޮށްލާއިރު ކަލޭ ހިތަށް ހަމަ އެކައްޗެއް ވެސް ނާރާތަ؟ މާބަނޑު އަންހެނަކަށް ހިތުހުރި ގޮތެއް ހަދާލާއިރު ކަލެއަކީ ވެސް ދަރިއަކު ހުރި މީހެއް. އެހެންނޫނަސް އައިރާއަކީ ކޮންމެ އަންހެނެއް ވެސް ނޫނެއްނު. އޭނާއަކީ ކަލޭގެ ފިރިހެންދަރި އިނދެގެން އުޅުނު އަންހެންކުއްޖާ. އޭނާގެ ބަނޑުގައި އެވަނީ ކަލޭގެ ފިރިހެން ދަރީގެ ލޭ. އެވަރު ވެސް ކަލެއަށް ނޭނގުނުތަ؟" ރުބީނާއަށް އެއްޗެއް ބުނަން ފުރުޞަތު ނުދީ ލޫކަން ވާހަކަދެއްކިއެވެ.
"އަހަރެންގެ ދަރިއަކާ ގުޅުން ހުރި އަންހެނަކަށް ލޫކަން ތިހާ ހަމްދަރުދީއެއްވާންވީ ކީއްވެ؟ އަމިއްލަ ކަންކަމުގެ ތެރެއަށް ވަންނަން ނޫޅެބަލަ. ދުނިޔެމަތިން އަންހެނުން ހުހެއްނުވޭ. ލޫކަންގެ ބޭނުންތަކެއް ވެސް އޭނާއަށް ފުއްދައިދެވޭނީކީ ނޫން" ރުބީނާގެ އަނގައިން އެންމެ ފަހުން ނުކުން ބަސްތަކާއެކު ލޫކަން ހަޅޭލަވައިގަތެވެ. އަތްމަޅާލީ ރުބީނާގެ މޫނުގައި އެތިފަހަރެއް ޖަހާށެވެ. ނަމަވެސް އެކަމުން އޭނާގެ ޟަމީރު ހުއްޓުވިއެވެ.
"އައިރާ ފަދަ އަންހެންކުއްޖަކަށް ޓަކައި އެހެން ހުރިހާ އަންހެނުން ދޫކޮށްލަން ޖެހުނަސް އަހަރެން ކުޑަކޮށް ވެސް ޖެހިލުމެއްނުވާނެ. އެއްޗެއް ވެސް ހިތަށް ނާރާނެ. އަހަންނާއި އައިރާއާ ދެމެދުގައި އޮތް ގުޅުން ކަލޭ ފަދަ މީހަކަށް ނޭނގުނިއްޔާ ރަނގަޅުވާނީ ވެސް. މިރެއިން ފެށިގެން ކަލޭ ދުވަސް ގުނަން ފަށާ. މިހުރިހާ އުފާވެރިކަމުން ކަލޭ އަތްދޮވެލަންޖެހޭ ދުވަސް ކައިރިވެއްޖެކަން ހަނދާންކޮށްގެން ހުރޭ" ލޫކަން ހަލުވިކޮށް ތިރިއަށް ދާން ހުރި ސިޑިން ފައިބައިގެން ދިޔައެވެ. އޭނާއަށް ބަލަން ހުރި ރުބީނާ ރުޅި އައިސް ރަތްވެފައި ވެއެވެ. ކައިރީގައި ހުރި ގޮނޑި ވެސް ދުރަށް ކޮށްޕާލިއެވެ. އެވަރުން ނުވެގެން މޫނުގައި ދެއަތް އަޅާ ހަޅޭލަވައިގަތެވެ.
* * * *
ޓެބްލެޓުން ޚަބަރުތައް ބަލަން އެނދުގައި ޤައިސް އިނެވެ. ކޮޓަރިއަށް ވަދެގެން އައި ރުބީނާ ވަނީ ފާޚާނާއަށެވެ. އިރުކޮޅެއް ފަހުން އޭނާ ނުކުތީ ފެންވަރާލައިގެންނެވެ. މޫނުމަތިން ތާޒާކަން ފާޅުވޭވޭ ހުއްޓެވެ. އަސަރުގަދަ ހިނިތުންވުމެއް ޤައިސްއާ ބަދަލުކޮށްލުމާއެކު ލޯބިން ގޮވާލިއެވެ.
"ބޮލުގައި ރިއްސުން ރަނގަޅުހެން ހީވޭ" އެނދުގެ ހުރި އަރިމަތީކަބަޑުގައި ޓެބްލެޓާއި ލޮލުގައިވާ ނަންބަރު އައިނު ނަގާ ބާއްވާލަމުން ޤައިސް ވާހަކަދެއްކިއެވެ. އޭނާއަށް ރީތިވާ މޭޒު ކައިރީ ރުބީނާ އިންގޮތް ވަރަށް ކަމުދިޔައެވެ.
"ފެންވަރާލީމާ އޯކޭވެއްޖެ. މިއަދު ހާދަ ލަހުންނޭ ގެއަށް އައީ... ވަރަށް މިސްވި" ބޮލުމެދަށް އިސްތަށިގަނޑު ހަރުކޮށްލުމާއެކު ރުބީނާ ފަރިގޮތަކަށް އައިސް އެނދަށް އެރިއެވެ. ޤައިސްއާ ނުހަނު ގާތުގައި ކުރުއަތްމައްޗަށް އޮށޯވެލުމާއެކު އޭނާގެ ތަނަވަސް މޭގައި އަތްތިލަ ހިންގާލިއެވެ.
"އަޅުގަނޑު ވެސް ރޫބީއާ މެދު ވިސްނާނެއެއްނު. މިސްވި ވަރު ދައްކައިދޭންތަ؟" ލާނެތް ގޮތަކަށް ޤައިސް ބުނެލިއެވެ. ރުބީނާއަށް އޭނާ ބޭނުންވާ މިސްރާބަށް ޤައިސް ގެންދިއުމަކީ އުނދަގޫކަމެއްނޫނެވެ.
ފަނޑުއަލިކަމުގެ ތެރޭގައި ޤައިސްގެ ހިތްހަމަޖައްސައީ އުފަލާއި އަރާމު ރުބީނާ ހާސިލުކޮށްދިނެވެ. ދެ ލޯ މަރާލައިގެން ޤައިސް އޮތްއިރު އޭނާގެ ވައަތް މަތީ ރުބީނާ ބޯއަޅާލައިގެން އޮތެވެ. ޤައިސްގެ މޭގައި ދެފަހަރަކު ފިރުމާލާފައި އޭނާއަށް ރުބީނާ ގޮވާލިއެވެ.
"އަދިވެސްތަ؟" ޤައިސް ލާނެތް ހިންޏެއް އައިސްފައި އަހާލިއެވެ.
"ދެން ނޫން..." ރުބީނާ ރަކިވީކަމަށް ހެދުނެވެ.
"ޤައިސް! އަޅުގަނޑު ވާހަކަ ބުނިއްޔާ ހިތްހަމަނުޖެހޭނަންތަ؟" ރުބީނާ އަލުން އޭނާގެ އަސްލު މަޤުޞަދަށް ވާސިލުވިއެވެ.
"ތިހާ ހިތްހަމަޖައްސައިދީފައި ތި އަހަނީ ހިތްހަމަނުޖެހޭނެހޭ" ރުބީނާގެ އިސްތަށިގަނޑާ ޤައިސް ކުޅެލިއެވެ.
"ލޫކްއަކީ ޤައިސްގެ ހުރި ހަމައެކަނި ދަރިފުޅު. އަޅުގަނޑުމީ އޭނާގެ މަންމައެއްނޫން. އެކަމަކު ޤައިސްއާ ކައިވެނިކުރި ދުވަހުން ފެށިގެން އަޅުގަނޑު މި ޢާއިލާއާ މެދު ވިސްނަން. ހިތަށް އަރަނީ ލޫކް މީހަކާ އިންނަން ނުވިސްނާބާއޭ؟ ޤައިސް އޭނާއަށް ޚިޔާލެއް ވެސް ނުދެންތަ؟ އެހެން ގިނަ ދުވަހު އެކަނި ހުރުން ރަނގަޅެއްނުވާނެ. އަނެއްކާ މިހާރު މާލޭގައި ގިނައިން އެ އުޅެނީ. ރަނގަޅު އަންހެންކުއްޖަކު ލޫކްގެ ދިރިއުޅުމަށް އަންނަން އަޅުގަނޑު ބޭނުންވަނީ"
"ތީ އަޅުގަނޑު ވެސް ވަރަށް ވިސްނާކަމެއް. ލޫކްއާ ކައިވެންޏާ ބެހޭގޮތުން ވާހަކަދައްކާލިން. ހިޔެއްނުވޭ އޭނާގެ އެކަހަލަ ޚިޔާލެއް ހުރިހެނެއް. ކަމުދާ ކުއްޖަކު ހުރި ވާހަކައެއް ވެސް ނުބުނޭ. ހީވަނީ ހުރެއްޖެއްޔާ އަޅުގަނޑާ ބައްދަލުކުރާން ގެންނާނެހެން. މިދުވަސްކޮޅު އަދިއަމުދުން ހިޔެއްނުވޭ އެފަދަ ކަމަކާ އުޅޭނެހެނެއް. މިހާރު ލޫކް އެ އުޅެނީ މިކޮޅުގައި އޭނާގެ ވާޒީފާ ރަނގަޅަށް ހަމަޖެހެންދެން އެކަމަށް ހުރިހާ ވަގުތެއް ހުސްކޮށްލައިގެން" ޤައިސް އޭނާގެ ޚިޔާލު ފާޅުކުރިއެވެ.
"އަޅުގަނޑަށް ފެންނަނީ ލޫކް އަމިއްލައަށް ކުއްޖަކު ނުހޯދަންޏާ އަޅުގަނޑުމެން ލޫކްއަށް ރަނގަޅު ކުއްޖަކު ހޯދައިދޭން. ޤައިސް ބުނެފިއްޔާ ލޫކް ދެކޮޅެއް ނުހަދާނެ. ކިހާ އުފާވެރިވާނެ ލޫކް ވެސް މީހަކާ އިނދެގެން އުޅޭންފެށީމަ"
"އާން! ހުވަފެނެއް ސީދާވުން ފަދަ ކަމެއް އެއީ. ހިޔެއްނުކުރަން ރާއްޖެ އަންނާނެކަމަކަށް ވެސް. ޝުކުރުވެރިވަން އެ ދަރިފުޅުގެ ޚިޔާލު ބަދަލުވީތީ. އަޅުގަނޑު ވެސް ވަރަށް އެދޭ ކަމެއް އެއީ މިގެއަށް ފުރިހަމަ ޢާއިލާއެއްގެ އުފާވެރިކަން ވެރިވެގެންދިއުން. މަޑުމަޑުން އެކަން އެބަ ފުރިހަމަވޭ" ޤައިސް ހިނިތުންވެލުމާއެކު ރުބީނާގެ ނިތްކުރީގައި ބޮސްދިނެވެ.
"އެހެންވީރު އަޅުގަނޑު ރަނގަޅު ކުއްޖަކު ހޯދައިފިނަމަ ޤައިސް ކައިވެނީގެ ވާހަކަ ލޫކް ގާތުގައި ދައްކާނަންތަ"
"ހޫމް! މައްސަލައެއްނެތް. އެކަމަކު ލޫކް ހިތްހަމަނުޖެހޭ ކަމެއް ކުރުވާކަށް އަޅުގަނޑު ބާރެއް ނާޅާނަން. ގަދަކަމުން ކައިވެނިކުރުމަކީ އަޅުގަނޑު ޤަބޫލުކުރާ ކަމެއްނޫން. ކައިވެންޏާ ހަމައަށް ދާންވާނީ ދެ މީހުން އެކަކު އަނެކަކާ މެދު ރުހިގެން. ދެމީހުންނަށް ކަމުގޮސްގެން"
"ތިކަން އަޅުގަނޑަށް ދޫކޮށްލާ. ލޫކްއަށް ކަމުދާ ފަދަ ކުއްޖަކު އަޅުގަނޑު ހޯދާނީ" ރަކި ހީނލުމަކާއެކު ރުބީނާ ބުންޏެވެ. އަދި އޭނާގެ މޫނު ޤައިސްގެ މެޔާދިމާލުން ފޮރުވާލިއެވެ. -- (ނުނިމޭ)