ބޭރު ކުޅިވަރު

ޗެލްސީގެ ޓްރެއިނިންގައިވެސް ކޮސްޓާ ބައިވެރި ނުވި

Jul 11, 2017
1

ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭގެ އާ ޕްލޭންގައި ސްޓާއިކަރު ޑިއޭގޯ ކޯސްޓާ ނުހިމެނޭ ކަމަށް ބުނުމުން، ޗެލްސީގެ ފަރިތަކުރުން ތަކުގައި ބައިވެރި ނުވާން ކޮސްޓާ ނިންމައިފި އެވެ. ޗެލްސީއިން ވަނީ އާ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން، އިންގްލެންޑްގެ ކޮބްހަމް ވިލެޖުގައި ހުންނަ އެ ޓީމުގެ ޓްރެއިނިން ސެންޓަރުގައި ޕްރީ ސީޒަނަށް ކޭމްޕް ކޮށްފަ އެވެ.

ކޮންޓޭގެ ނިންމުމާއެކު، ޗެލްސީން އޮތީ، ކޮސްޓާއަށް ލިބޭ ހުށަހެޅުމަކަށް އޭނާ ދޫކޮށްލަން ތައްޔާރު ވެގެން ނެވެ. ކޮންޓޭ މިދިޔަ މަހު ކޮސްޓާއަށް މެސެޖްކޮށްފައި ވަނީ އާ ސީޒަންގެ ޕްލޭންގައި ކޮސްޓާ ހިމެނިފައި ނުވާ ކަމަށެވެ. ޗެލްސީއާއެކު ކޮސްޓާ، އަންނަ އަހަރު ޖޫން މަހުގެ ނިޔަލަށް އެއްބަސްވުން އެބައޮތެވެ.

ކޮސްޓާ ގެންދަން ޝައުގުވެރި ވަނީ، އޭނާގެ ކުރީގެ ކުލަބު އެތުލެޓިކޯ މެޑްރިޑުން ނެވެ. ޗެލްސީ އާއި އެތުލެޓިކޯއާ ދެމެދު ވަނީ ކޮސްޓާ ޓީމު ބަދަލު ކުރުމުގެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާތައް ފަށާފަ އެވެ. ނަމަވެސް، ދެ ޓީމުގެ ދެމެދުގައި މިހާތަނަށް ވަކި އަގަކަށް އެއްބަސް ވެވިފައެއް ނުވެ އެވެ.

ކޮސްޓާ، އެތުލެޓިކޯއަށް ބަދަލުވި ނަމަވެސް، އަންނަ އަހަރުގެ ކުރިން، އެއްވެސް މެޗެއް އޭނާ އަކަށް އެތުލެޓިކޯގައި ނުކުޅެވޭނެ އެވެ. އެއީ އުމުރުން 18 އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ޓީމަށް ގެނައުމުގައި، އެތުލެޓިކޯއިން ފީފާގެ ގަވާއިދު ތަކާ ހިލާފަށް އަމަލު ކޯށްފައިވާތީ، ފީފާއިން އެ ޓީމާ ދެކޮޅަށް އެޅި ޓްރާންސްފާގެ އަދަބެއްގެ ދަށުން ނެވެ. އެތުލެޓިކޯއިން 2014 ވަނަ އަހަރު ސްޕެނިޝް ލީގް ކާމިޔާބު ކުރިއިރު އޭނާ ވަނީ އެޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ޗެލްސީން ދަނީ، ކޮސްޓާގެ މަގާމު ފޫބެއްދުމަށް، ރެއާލް މެޑްރިޑްގެ އަލްވާރޯ މޮރާޓާ ގެންނަން މަސައްކަތް ކުރަމުން ނެވެ. އެ ޓީމުން އެންމެ ފުރަތަމަ މަސައްކަތް ކުރީ، ކުރިން އެ ޓީމަށް ކުޅުނު އެވަޓަންގެ ފޯވަޑް، ރޮމެލޫ ލުކާކޫ ގެނައުމަށެވެ. ނަމަވެސް، ލުކާކޫގެ ޓްރާންސްފާ ރޭސް ކާމިޔާބު ކުރީ މެންޗެސްޓާ ޔުނައިޓަޑުން ނެވެ. ލުކާކާ ވަނީ 75 މިލިއަން ޕައުންޑަށް ޔުނައިޓަޑާ ގުޅިފަ އެވެ.