ވިޔަފާރި

ސަމާލުވޭ! މޫވްއެންޕިކް މޯލްޑިވްސްގެ ނަމުގައި ފޭކު ޕޭޖެއް!

މޫވްއެންޕިކް މޯލްޑިވްސްގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖާއި ޓުވިޓާ އެކައުންޓަކުން އޯޑަރު ނަގައި، އޮޅުވާލައި "ޖެއްސުން ކުރަމުން" ދާ ކަމަށް ބުނެފި އެވެ.

ފޭކު ޕޭޖު އާއްމުންގެ ސަމާލު ކަމަށް ގެންނަން "މޫވްއެންޕިކް މޯލްޑިވްސް" ހިންގާ ވީއެޗް ހޯލްޑިންސް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މިދިޔަ މަހުގެ ދެވަނަ ދުވަހު ހުޅުވި މޫވްއެންޕިކްގެ ނަމުގައި ހިނގާ ޕޭޖުތަކުން އޮޑަރު ނެގުން ފަދަ ކަންކަން ކުރަމުންދާ ކަމަށެވެ. އެކަމަށް ކަސްޓަމަރުންގެ ސަމާލުވުމަށް އެދިފައިވެ އެވެ.

ވީއެޗް ހޯލްޑިންގްސްގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން އަހުމަދު ޔޫމާން ވިދާޅުވީ މޫވްއެންޕިކް މޯލްޑިވްސްގެ ނަމުގައި އޯޑަރު ނަގައި، އެތަނަށް އުނދަގޫ ކުރަމުންދާ ކަމަށެވެ.

(މޫވްއެންޕިކް މޯލްޑިވްސް) ގެ އަސްލު ޕޭޖު:

"އޯޑަރު ނަގައި މޭޒު ބުކްކޮށް ވެސް އެބަ ހަދާ. މިހެން ހެދުމުން ކަސްޓަމަރު އަންނައިރު މޭޒު ބުކްވެފައެއް ނުހުރޭ. މިހެންވުމުން ވަރަށް ގިނަ މައްސަލަތައް އެބަ ނުކުމޭ،" ޔޫމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ހިލޭ އައިސްކްރީމް ދޭ ކަމަށް ބުނެ، އެ ޕޭޖުން "ޕްރޮމޯޝަނެއް" ވެސް ހިނގާފައިވާ ކަމަށެވެ.

"މޫވް އެންޕިކުން ހިލޭ އައިސްކްރީމް ދޭ ކަމަށް ބުނެ ޕްރޮމޯޝަނެއް ވެސް ރަން ކޮށްފި. އަދި އެ ޕޭޖު ބަލައިގެން ވަރަށް ގިނަ ބަޔަކު މި ތަނަށް އައި. މީގެ ސަބަބުން ފްރެންޗައިޒެއްގެ ގޮތުގައި ހިންގާ މި ތަނަށް ގިނަ ދަތިތަކާ ދަނީ ކުރިމަތި ވަމުން،" ޔޫމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މައްސަލަ އަދި ފުލުހަށް ރަސްމީކޮށް ހުށަހަޅާފައި ނުވާ ކަމަށާ ނަމަވެސް މޫވްއެންޕިކް މޯލްޑިވްސްގެ ޕޭޖު ވެރިފައި ކުރަން މޫވްއެންޕިކް ކުންފުންޏާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މޫވްއެންޕިކްއަކީ 1940 ވަނަ އަހަރު އުފެދިފައިވާ ކުންފުންޏެކެވެ. "އާޓް އޮފް އައިސް ކްރީމް" ގެ ނަމުގައި މަޝްހޫރުވެފައިވާ މި ބްރޭންޑުގެ ރެސްޓޯރެންޓުތައް ދުނިޔޭގެ އެކި ގައުމުތަކުގައި ހުރެ އެވެ.