ޕީސް ފައުންޑޭޝަންގެ ފަރާތުން ބާއްވާ "ދަ ލެގަސީ" އިވެންޓްގައި ދަރުސްދެއްވުމަށް ރާއްޖެ ވަޑާއިގަންނަވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް، މި އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ނަމާދުކޮށް ހުތުބާ ދެއްވާނެ ކަމަށް ޕީސް ފައުންޑޭޝަނުން ބުނެފި އެވެ.
ޕީސް ފައުންޑޭޝަންގެ ޖެނަރަލް ސެކްރެޓްރީ މުހައްމަދު ސޮބާހު ވިދާޅުވީ މިއަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ނަމާދު ކުރުމަށާއި ހުކުރު ހުތުބާ ދެއްވުމަށް ޑރ. ބިލާލް އަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ލިބިފައިވާ ކަމަށާއި ހުކުރު ހުތުބާގެ މައުލޫއަކީ "އުފާވެރި ކަމުގެ ހަބަރު" ކަމަށެވެ. އަދި ޕީސް ފައުންޑޭޝަންގެ އިވެންޓްގައި ދަރުސްދެއްވުމަށް ޑރ. ބިލާލް މާދަމާ ރާއްޖެ ވަޑާއިގަންނަވާނެ ކަމަށް ވެސް ސޮބާހު ވިދާޅުވި އެވެ.
މިއީ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގަންނަވާ ހަތަރު ވަނަ ފަހަރެވެ.
ސޮބާހު ވިދާޅުވީ ދަ ލެގަސީ އިވެންޓްގެ ދަރުސް ބުރާސްފަތި ދުވަހުގެރޭ އިސްލާމީ މަރުކަޒު ހުންނަ ސަރަހައްދުގައި ކަމަށާއިި އެރޭ ދެއްވާ ދަރުހުގެ މައުލޫއަކީ "ދަދ ޓުރޫލީ ސަކްސެސްފުލް ޕީޕަލް" ކަމަށެވެ. އަދި މިމަހުގެ 15 ވަނަ ދުވަހު ޏ. ފުވައްމުލަކުގައި ވެސް ދަރުސް ދެއްވާނެ ކަމަށާއި އެރަށޫގައި ދެއްވާ ދަރުހުގެ މައުލޫއަކީ "ހޫ އިޒް އަވާ ލޯޑް" ކަމަށް ސޮބާހު ވިދާޅުވި އެވެ.
"މިއަންނަ ހުކުރު ދުވަހު އިމާމްވެ ނަމާދު ކުރުމަށާއި ހުތުބާ ދިނުމަށް ޑރ. ބިލާލް އަށް ވަނީ ހުއްދަ ލިބިފަ. ބޮޑު ހަރަކާތް އޮންނާނީ 13 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒު ސަރަހައްދުގައި. އޭގެ އިތުރުން މާލޭގެ ސުކޫލުތަކުގައި އަދި ބައެއް އިންސްޓިޓިއުޓް ތަކުގައި ވެސް ދަރުސް ދެއްވާ. އޭގެ ފަހުން 15 ވަނަ ދުވަހު ފުވައްމުލަކުގައި ވެސް ދަރުސް ދެއްވާނެ. ޑރ. ބިލާލް ފުރުމަށް ހަމަޖެހިފައިވަނީ މިމަހު 17 ވަނަ ދުވަހު" ސޮބާހު ވިދާޅުވި އެވެ.
މިއީ އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުތުބާދޭ ދެވަނަ ފަހަރެވެ. މީގެ ކުރިން އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުތުބާ ދެއްވީ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ޒިމްބާބުވޭ މުފްތީ ޝައިހް އިސްމާއިލް އިބްނު މޫސާ މެންކް އެވެ.