ހަބަރު

ފުވައްމުލަކުގައި އީކޯ ޓޫރިޒަމްގެ ތަރައްގީ ކުރަން ހަވާލުކޮށްފި

ފުވައްމުލައް ސިޓީގެ ދަޑިމަގިކިޅި އަދި ބަންޑާރަ ކިޅި ސަރަހައްދު ބޭނުން ކޮށްގެން އިގްތިސޯދީ ނަފާ ހޯދުމަށް އެ ސަރަހައްދުގައި އީކޯ ޓޫރިޒަމް ތަރައްގީ ކުރުމުގެ އުމްރާނީ މަސައްކަތް އަ މޭން މޯލްޑިވްސް އާ މިއަދު ހަވާލުކޮށްފި އެވެ. އެ ދެ ސަރަހައްދަކީ ވެސް ހިމާޔަތް ކޮށްފައިވާ ދެ ސަރަހައްދެވެ.

އެންވާރަމެންޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އަ މޭން މޯލްޑިވްސް އާ އެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އެވެ. އަ މޭން މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ މެނޭޖިން ޑިރެކްޓާ މުރުޝިދާ އަލީ އެވެ.

އެ އެއްބަސްވުމުގެ ދަށުން ރެކްރިއޭޝަން ފެސިލިޓީއެއް ހަަދައި ދަޑިމަގި ކިޅި ސަރަހައްދު ބަލަހައްޓާނެ ރޭންޖާސް ހަޓުތަކެއް ގާއިމްކުރާނެ އެވެ. އަދި ދެ ބާޑް އޮބްޒަވޭޓަރީ އާއި ބޯޑްވޯކް ހަދައި ޕިކްނިކް ސަރަހައްދެއްވެސް ގާއިމްކުރާނެ އެވެ.

އަށް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެ މަޝްރޫއުގެ އަގު 8.88 މިލިއަން ރުފިޔާއަށް އަރަ އެވެ. އެއީ ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑު (ސީ.ސީ.ޓީ.އެފް)ން އެކުލަވާލެވިފައިވާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ފެންދާ މަސައްކަތެކެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ އެ މަޝްރޫއުގެ ފުރަތަމަ މަރުހަލާގައި ދަޑިމަގިކިޅި އަދި ބަންޑާރަކިޅި އަށް ހާއްސަކޮށްގެން ބެލެހެއްޓޭނެ ނިޒާމެއް އެކުލަވާލުމުގެ ކޮންޒަރވޭޝަން ޕްލޭނަކާއި އެ ސަރަހައްދުން އިގްތިސާދީ ފައިދާ ހޯދޭނެ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ބޭނުންވާ ޑިޒައިން ތައްޔާރުކޮށް، ކުރީގެ ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިތުރުން ފުވައްމުލަކުގެ ރައްޔިތުންނާއިވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ.