ޗައިނާގެ ސުޕަ ލީގުގެ ކްލަބުތަކަކުން ރަނގަޅު ހުށަހެޅުންތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކަށް ފުރަގަސްދިނީ އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅެން ބޭނުންވާތީ ކަމަށް ވޭން ރޫނީ ބުނެފި އެވެ.
ތޭރަ އަހަރަށް ފަހު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، ރޫނީ ،31، ވަނީ އޭނާގެ ކެރިއަރު ފެށި ކްލަބު ކަމަށްވާ އެވަޓަން އަށް ބަދަލުވެފަ އެވެ.
ރޫނީ އަށް ޗައިނާގެ ސުޕަ ލީގުގެ ކްލަބުތަކުން ރަނގަޅު ހުށަހެޅުންތަކެއް ލިބުނެވެ. އެކަމަކު ރޫނީ ބުނީ ގައުމީ ޓީމަށް ކުޅެން ބޭނުންވާތީ، ގައުމުން ބޭރުގައި ކުޅެން އަދި ބޭނުންނުވާ ކަމަށެވެ.
"އަހަރެން ބޭނުން ގައުމީ ޓީމަށް ކުޅެން. ގައުމުން ބޭރުގައި ކުޅެންދިޔަނަމަ، އަހަރެން ގައުމީ ޓީމަށް ކުޅުން ހުއްޓާލާނަން. ޗައިނާގައި ކުޅެމުން ގައުމީ ޓީމަށް އެރުމަކީ އެންމެ ރަނގަޅުގޮތް ކަމަށް އަހަންނަށް ގަބޫލެއް ނުކުރެވޭ،" ރޫނީ ބުންޏެވެ.
އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅެން ރޫނީ ބޭނުންވިޔަސް، ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި އޭނާ އަށް ގައުމީ ޓީމުން ފުރުސަތެއް ނުލިބެ އެވެ. އޭގެ އެއް ސަބަބަކީ މިދިޔަ ސީޒަންގައި ޔުނައިޓެޑްގެ ފުރަތަމަ 11 އިން އޭނާ އަށް ލިބުނު ފުރުސަތުތައް މަދުވުމެވެ.
ރޫނީ ބުނީ ގައުމީ ޓީމަށް އެނާ ނުނަގާ ސަބަބު ގަބޫލްކުރާ ކަމަށާއި އޭނާގެ އުންމީދަކީ އެވަޓަންގެ ޓީމުން ލިބޭ ފުރުސަތުތަކުގައި ރަނގަޅު ކުޅުމެއް ދައްކައި، ގައުމީ ޓީމުގެ ޖާގައެއް އަލުން ހޯދުން ކަމަށެވެ.
"ކްލަބުގައި ކުޅެން ފުރުސަތު ނުލިބޭ ކުޅުންތެރިއެއް ގައުމީ ސްކޮޑަށް ނެގުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ގަބޫލު ކުރަން. އަހަރެން އިންގްލެންޑްގެ ކޯޗު (ގެރެތު) ސައުތުގޭޓްއާ ވާހަކަ ދެއްކިން. އޭނާ ބުނީ ކްލަބުގައި ގަވައިދުން ކުޅެން ފަށައިފި ނަމަ، އަދިވެސް އަހަންނަށް ގައުމީ ޓީމުން ފުރުސަތު ލިބިދާނެއޭ،" ރޫނީ ބުންޏެވެ.
އެވަޓަން ދޫކޮށް މީގެ 13 އަހަރު ކުރިން ޔުނައިޓެޑަށް ބަދަލުވި ރޫނީ ،31، އެ ކްލަބު ދޫކޮށްލިއިރު، އޭނާ ވަނީ އެ ކްލަބުގެ ތާރީހުން ޖާގަ ހޯދައިފަ އެވެ. ޔުނައިޓެޑްގެ ކެޕްޓަންގެ ގޮތުގައި ރޫނީ އެ ކްލަބާ ދުރަށް ދިޔައިރު، އޭނާ އަކީ ކްލަބުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ރޫނީ ޔުނައިޓެޑަށް ކުޅުނު 559 މެޗުގައި އޭނާ ވަނީ 253 ލަނޑު ޖަހައިފަ އެވެ.