ހަބަރު

ގޮނޑި ގެއްލޭ މައްސަލައަށް އަލީ ހުސެއިން ވަންނަން ހުށަހަޅައިފި

އިއްޔެ އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ، އިންތިހާބުވާ ޕާޓީގެ ފިކުރާ ދެކޮޅަށް މަސައްކަތް ކުރާނަމަ ނުވަތަ ޕާޓީން ވަކިވެ އެހެން ޕާޓީއަކަށް ގުޅިއްޖެނަމަ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައެޅުމަށް ހުށަހެޅި މައްސަލަ އަށް ތަދައްހުލްވުމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ހުށަހަޅައިފި އެވެ.

މިއަދު ކުރި ޓްވީޓްގައި އަލީ ހުސެއިން ވިދާޅުވީ މަޖިލިސް މެންބަރުންނާ ގުޅެގޮތުން ސުޕްރީމް ކޯޓަށް އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ހުށަހަޅާފައިވާ މައްސަލައަށް ތަދައްހުލްވުމަށް މައްސަލަ ހުށަހެޅި ކަމަށެވެ. އެ މައްސަލައިގެ ތެރެއަށް ވަނުމަށް އަލީ ހުސެއިން ހުށަހެޅި ނަމަވެސް އެކަމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމިކަމެއް އަދި ސާފެއް ނުވެ އެވެ.

އިއްޔެ ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަަ އަޑުއެހުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އިއްޔެގެ އަޑުއެހުމަށް ބައެއް ނޫސްވެރިންނާއި ބައެއް ގާނޫނީ ވަކީލުންނަށްވެސް ފުރުސަތު ދީފައިވެ އެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް މެންބަރު އަލީ ހުސެއިން ވަނުމަށް މަސައްކަތް ކުރިނަމަވެސް އޭނާ އަށް ފުރުސަތު ދެއްވާފައެއް ނުވެ އެވެ.

އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ހުށަހެޅި މައްސަލައަށް ގިނަ އަދަދެއްގެ މެންބަރުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ފާޑު ވިދާޅުވަމުންނެވެ. އަދި އެ މައްސަލަ ތިން ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާތީ، ސުޕްރީމް ކޯޓަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުންގެ ހާޒިރުގަ އެވެ. މީގެކުރިން އެފަދަ މައްސަލަތައް ބެއްލެވީ ވެސް އެގޮތަށް ކަމަށް ވާތީ އެވެ.