ހަބަރު

ގޮނޑިގެއްލޭ ގޮތަށް ހެދުމުގެ ބާރު ސުޕްރީމް ކޯޓަކަށް ނެތް: އިދިކޮޅު

Jul 11, 2017
15

ރާއްޖޭގެ ގާނޫނުތައް ހެދުމުގެ ބާރު މަޖިލީހަށް ލިބިފައިވާ އިރު ގާނޫނު އަސާސީގެ މާއްދާއެއް ކަމަށް ބެލެވިދާނެ ފަދަ ހުކުމެއް ކުރުމަކީ ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރެއް ނޫން ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ޕާޓީގެ އުސޫލާ ހިލާފުވާ ނަމަ ގޮނޑި ގެއްލޭ ގޮތަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައާ ގުޅޭ ގޮތުން އިދިކޮޅު އިއްތިހާދުން މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ވައްޑެ ވަނީ އެ ދުސްތޫރީ މައްސަލައާ ގާނޫން އަސާސީގެ ބައެއް މާއްދާތަކާ ފުށު އަރާ ގޮތް ވިދާޅުވެ ދެއްވާފަ އެވެ.

އެގޮތުން ބައެއް މާއްދާތަކާ ހަވާލާދީ ވައްޑެ ވިދާޅުވީ ގާނޫނެއް ހެދިފައި ނެތުމަކީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަން ކަމަށް ބުރު އަރާފަދަ އަމަލެއް ކުރުމުގެ ހުއްދައެއް ނޯންނާނެ ކަމަށެވެ. އޭގެ އިތުރުން މަޖިލީހުގެ ޖަލްސާއެއްގައި އިސްލާމްދީނާ ހިލާފު ނުވާ ގޮތުގެ މަތިން ކަމެއް ހުށަހެޅުން އަދި ވޯޓު ދިނުމުގައި އަމަލު ކުރި ގޮތުގެ ސަބަބުން ކޯޓަކަށް އެ މެންބަރަކު ހާޒިރު ކުރުން ނުވަތަ އެއްވެސް ތަހުގީގެއް ހިންގާ ހައްޔަރު ވެސް ނުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދުލު އިންސާފުގެ ދާއިރާއިން ވެސް އެފަދަ އަމަލެއްކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ އިރު ސިޔާސީ ޕާޓީއަކުން ނަގާ ވިޕްލައިންއެއްގެ މައްޗައް ބިނާކޮށްގެން މެންބަރެއްގެ ގޮނޑި ގެއްލޭނެ އެއްވެސް ޖާގައެއް ގާނޫނު އަސާސީން ނުދޭނެ ކަމަށް ވައްޑެ ވިދާޅުވި އެވެ.

މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތެއް ނުވަތަ މަޖިލީސް މެންބަރު ކަމަށް ކުރިމަތި ނުލެވޭނެ ހާލަތްތައް ކަނޑައަޅާފައިވާ މާއްދާއެއް ގާނޫނު އަސާސީގައި އޮންނާނެ ކަމަށާއި އެއިން އެއްވެސް މާއްދާއެއްގައި ވިޕްލައިންއާ ހިލާފު ވުން ނުވަތަ ޕާޓީ ބަދަލު ކުރުމުގެ ވާހަކަ ބަޔާންކޮށްފައި ނުވާ ކަމަށް ވައްޑެ ވިދާޅުވި އެވެ. އެހެންކަމުން މާނަ ކުރުމަށް ކަމަށް ބުނެ ގާނޫނު އަސާސީގެ މާއްދާއެއް ކަމަށް ބެލެވިދާނެ ފަދަ ހުކުމެއް ބިނާ ކުރުމަކީ ސުޕްރީމް ކޯޓަށް ލިބިފައި ބާރެއް ނޫން ކަމަށާއި އެ ބާރަކީ މަޖިލީހުގެ އޮންނަން ޖެހޭ ބާރެއް ކަމަށް ވެސް ވައްޑެ ވިދާޅުވި އެވެ.

"ކޯޓަށް ލިބިފައިވާ ބާރަކީ ގާނޫން އަސާސީ މާނަ ކުރުމުގެ ބާރު. ނަމަވެސް މާނަ ކުރުމަކީ ޕާޓީން މީހަކު ވަކި ކުރުމާއި ވުމާއި ވިޕްލައިންއާ ހިލާފު ވުމަށް ގޮތް ނިންމުމެއް ނޫން. މެންބަރުންގެ ގޮނޑި ގެއްލުމަށްޓަކައި އެންމެ މަތީ ކޯޓަށް ހުށަހަޅަން ޖެހޭ ޖެހުމެއް އާދައިގެ ސިޔާސީ ޕާޓީއެއްގައި ހުންނަ ލީޑަރެއްގެ އަތް މައްޗައް ހިނގައްޖެ ނަމަ ދައުލަތުގައި އޮތް ދުސްތޫރީ މިންގަނޑު އިސްތިގުލާލު ގެއްލި މިނިވަންކަން ގެއްލި ގައުމު ފަސާދާގެ ތެރެއަށް ވަދެގެން ހިނގާދާނެ،" ވައްޑެ ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވީ ގާނޫނު އަސާސީގެ އެ މާއްދާތަކަށް ބިނާކޮށް އިސްލާމީ ޝަރިއްޔަތާއި ގާނޫނު އަސާސީއާ ހިލާފަށް އެވަރުގެ ނިންމުމެއް ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު ނިންމަވާފާނެ ކަމަކަށް ގަބޫލު ނުކުރެވޭ ކަމަަށެވެ. އަދި ވަކި ވަކި ފަރާތްތަކުން އަންގާ އެންގުމަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތަބާވެ ގާނޫން އަސާސީ ހަލާކުކޮށްލާނެ ކަމަށް ވެސް ގަބޫލެއް ނުކުރައްވާ ކަމަށް ވައްޑެ ވިދާޅުވި އެވެ.