ކުޅިވަރު

ހަމޭސް ބަޔާން މިޔުނިކަށް ސޮއި ކޮށްފި

Jul 12, 2017

ރެއާލް މެޑްރިޑްގެ އެޓޭކިން މިޑްފީލްޑާ ހަމޭސް ރޮޑްރިގޭޒް، ލޯން އުސޫލުގެ ދަށުން، ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބަޔާން މިޔުނިކަށް ސޮއި ކޮށްފި އެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން، ބަދަލު ވުމުން، ދެ އަހަރު ފަހުން، އޭނާ، ޓީމަށް ގެނައުމުގެ އިހްތިޔާރު، ބަޔާން އާއި ރެއާލްއާ ދެމެދު ވެވުނު އެއްބަސްވުމުން ރެއާލް އަށް ލިބިދެ އެވެ. ފްރާންސްގެ މޮނަކޯއިން، 2014 ވަނަ އަހަރު، ރެއާލުން ހަމޭސް ގެނައީ، 75 މިލިއަން ޔޫރޯ އަށެވެ. ނަމަވެސް، ދެ އަހަރު ހަމަވުމުން، އަނބުރާ، ރެއާލްއަށް ގެނައުމުގެ އިހްތިޔާރު ލިބޭގޮތަށް، ރެއާލުން އޭނާ ބަޔާންނަށް ދޫކޮށްލީ 60 މިލިއަން ޔޫރޯ އަށެވެ. ބަޔާންގައި ހޭދަ ކުރާ މުއްދަތުގައި ހަމޭސްއަށް ކޮންމެ ސީޒަނެއްގައި ހަ މިލިއަން ޔޫރޯ މުސާރައިގެ ގޮތުގައި ލިބޭނެ އެވެ.

ހަމޭސް25 މިދިޔަ ސީޒަންގައި ރެއާލްގައި ކުޅުނީ 22 މެޗުގަ އެވެ. ރެއާލް މެޑްރިޑްގެ ސްކޮޑް ވަނީ ޕްރީ ސީޒަން ޓްއާއަށް އެމެރިކާއަށް ދާން ފުރާފަ އެވެ. ރެއާލުން 2014 ވަނަ އަހަރު ހަމޭސް ގެންދިޔައީ، މޮނަކޯގެ އިތުރުން ކޮލަމްބިއާގެ ގައުމީ ޓީމުގައި
2014 ވަނަ އަހަރު ވޯލްޑްކަޕްގައި ދެއްކި މޮޅު ކުޅުމުން ނެވެ. އޭނާ ވަނީ އެ އަހަރު ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަންބޫޓް އެވޯޑްވެސް ހާސިލު ކޮށްފަ އެވެ.

"ހަމޭސް ސޮއި ކުރުވުމަކީ އަހަރެމެންގެ ކޯޗް ކާލޯ އަންޗެލޯޓީ ވަރަށް ބޮޑު އެދުމެއް،" ބަޔާންގެ ޗެއާމަން ކާލް ހެންޒް ރުމޭނީގާ ވިދާޅުވި އެވެ. "އަހަރެމެންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިއްޖެ އަހަރެމެންނަށް މި ޓްރާންސްފާގެ ކަންކަން ނިންމާ ލެވުނީތީ."

ރެއާލްގައި، ވޭތުވެދިޔަ ދެ ސީޒަންގައި ހަމޭސްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނަމަވެސް، އޭނާ ރެއާލްގައި އެންމެ މޮޅު ކުޅުމެއް ދެއްކީ އަންޗެލޯޓީގެ ކޯޗް ކަމުގެ ދަށުން ނެވެ. ބަޔާނުން ވަނީ އެ ޓީމުގެ އެޓޭކިން މިޑްފީލްޑާ ބްރެޒިލްގެ ޑަގްލަސް ކޯސްޓާ ޔުވެންޓަސްއަށް ވިއްކާލާފަ އެވެ. އެހެންވެ އެ މަގާމު ފޫބެއްދުމަށް، އަންޗެލޯޓީ ބޭނުންވީ ހަމޭސް ގެނައުމަށެވެ.

ހަމޭސް ގެންދަން، ލިވަޕޫލުންވެސް ޝައުގުވެރިވި އެވެ. ނަމަވެސް، ރެއާލުއިން ހުށަހެޅި ޝަރުތުތަކަށް ލިވަޕޫލަށް އެއްބަސް ނުވެވި، އެޓީމުން، ހަމޭސްގެ ޓްރާންސްފާގެ ރޭހުން ވަކިވި އެވެ. ސްޕެއިންގެ މާސާއިން ބުނީ ހަމޭސް ބަޔާންއަށް ބަދަލުވުމުގެ ހުރިހާ ކަމެއް ދެ ދުވަސް ކުރިން ނިމިފައިވާ ކަމަށާއި ނަމަވެސް ރަސްމީކޮށް އިއުލާން ކުރުން މިއަދަށް މަޑު ކުރީ ކަމަށެވެ.