ހަބަރު

އޭސް ހާޑްވެއާ، ކަލާ ބޭންކްގެ ރޯދަ ސޭލްގެ ނަސީބުވެރިންނަށް އިނާމު ދީފި

މިދިޔަ ރޯދަމަހާ ދިމާކޮށް އޭސް ހާޑްވެއާ އިން ކުރިއަށް ގެންދިޔަ "އެންމެ ސަޅި ރޯދަ ސޭލް" ލަކީ ޑްރޯ އަދި ލައިކް އެންޑް ކޮމެންޓް ކޮންޓެސްޓުގެ ނަސީބުވެރިން އިނާމު ހަވާލުކޮށްފި އެވެ.

އޭޕްރިލް މަހުގެ ވިހިން މިދިޔަ މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެންމެ ސަޅި ރޯދަ ސޭލް ލަކީ ޑްރޯ ޕްރޮމޯޝަންގައި ބައިވެރިވެފައިވަނީ އޭސް ހާޑްވެއާ ނުވަތަ ކަލާ ބޭންކް އިން 300 ރުފިޔާއަށްވުރެ މަތިން ވިޔަފާރި ކުރި ފަރާތްތަކަށެވެ. އެ ޕްރޮމޯޝަންގެ އެއް ވަނަ އިނާމަކަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފަ އެވެ. އެ ޕްރޮމޯޝަންގެ އެއްވަނަ އިނާމް ލިބޭ ފަރާތަކަށް ގުރުއަތުން ހޮވިފައިވަނީ މުޒްނާ އަދްނާން އެވެ.

ވޮޔޭޖަސް މޯލްޑިވްސް، އޭސް ހާޑްވެއާ އަދި ކަލާ ބޭންކް ގުޅިގެން ސޯޝަލް މީޑިއާގައި ކުރިއަށް ގެންދިޔަ ލައިކް އެންޑް ކޮމެންޓް ކޮންޓެސްޓުގެ އެއް ވަނަ އިނާމަކަށް ކަނޑައަޅާފައިވަނީ ދެ މީހަކަށް ބެންކޮކް ދަތުރެކެވެ. އެކެއް މޭ އިން މިދިޔަ މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ކޮންޓެސްޓުގެ އެއް ވަނައަށް ހޮވިފައިވަނީ ޝިއާރާ ޝަމީމް އެވެ.

އިނާމުތައް ހަވާލު ކުރުމުގެ ގޮތުން އޭސް ހާޑްވެއާ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޯ ލޯޑް މޯލްޑިވްސް، އޭސް ހާޑްވެއާ އަދި ކަލަބޭންކް ހިންގަމުންދާ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހާނީ ވިދާޅުވީ މީގެ ކުރީ އަހަރު ތަކުގައިވެސް މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ނަމަވެސް ކަސްޓަމަރެއްގެ ލައިފް ޗޭންޖް ކުރެވޭ ވަރުގެ އިނާމެއް ހުށަހަޅައި ތިން ލައްކަ ރުފިޔާގެ ކޭޝް ޕްރައިޒް އެއް ދޭން ފަށާފައިވަނީ މިދިޔަ އަހަރު ކަމަށެވެ. އަދި ރޯދަ ޕްރޮމޯޝަންގެ ސަބަބުން ވިޔަފާރި ކުރާ ކަސްޓަމަރުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި އަދި އެ ޕްރޮމޯޝަންތަކަށް ލިބޭ ތަރުހީބުވެސް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް ހާނީ ވިދާޅުވި އެވެ.

"މި ޕްރޮމޯޝަނަކީ މިއަހަރު ރޯދަ މަހު ހިންގި އެންމެ ރަނގަޅު އިނާމެއް ކަނޑައަޅާފައިވާ ޕްރޮމޯޝަން. އަބަދުވެސް ވިސްނަނީ ކޮންމެ އަހަރަކުވެސް ރޯދަ ޕްރޮމޯޝަން ވަރަށް ތަފާތު ބޮޑުކޮށް ކުރިއަށް ގެންދަން. ކުރިއަށް އޮތް ތަނުގައިވެސް މިއަށްވުރެ ފުރިހަމަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި." ހާނީ ވިދާޅުވި އެވެ.

އެ ލަކީޑްރޯގެ ގުރުއަތު ނެގުން ކުރިއަށް ގެންގޮސްފައިވަނީ މިމަހު އެއްވަނަ ދުވަހު އެވެ. ގުރުއަތު ނެގުން ވީޓީވީން ވަގުތުން ދެއްކި އެވެ. އަދި އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖް އިންވެސް ލައިވް ކުރި އެވެ.