ހަބަރު

ކޮރޮޕްޝަނާ ބެހޭ ސުވާލުތައް ކުރުމުން މެންބަރުން ރަތަށް!

ސަރުކާރަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އަމަލުތަކާ މެދު ނޫސްވެރިއަކު ސުވާލު އުފެއްދުމުން ރައްޔިތުން މަޖިލީހުގެ ޕީޕީއެމް/ އެމްޑީއޭ ކޯލިޝަންގެ މެންބަރުން މިއަދު ރުޅިގަދަވެއްޖެ އެވެ.

ސާޅީސް ފަސް މެންބަރުންގެ ސޮޔާ އެކު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ ހުށަހެޅުނު ފަހުން ސަރުކާރު ކޯލިޝަންގެ ދެ ޕާޓީއިން ގުޅިގެން ފުރަތަމަ ފަހަރަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ތާއީދު ކުރައްވަމުން އެ މެންބަރުން ވިދާޅުވަމުން ގެންދެވީ އެއީ ކޮރޮޕްޝަނާއި ރިޝްވަތު ހުއްޓުވުމަށް އެޅޭނެ ވަރުގަދަ ފިޔަވަޅެއް ކަމަށެވެ. އަދި އެކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުން ވެސް އިއްތިފާގުވި އެވެ.

ނޫސްވެރިންނަށް ސުވާލު ކުރަން ފުރުސަތު ހުޅުވާލުމުން ރާއްޖެ ޓީވީގެ ސީއީއޯ ހުސެން ފިޔާޒް ވަނީ ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރުގެ މައްޗައް ތުހުމަތުވާ ބޮޑެތި ކޮރޮޕްޝަންގެ އަމަލުތަކާ ބެހޭ ގޮތުން ސުވާލު އުފައްދާފަ އެވެ. އަދި ބައެއް މެންބަރުން ފައިސާ ގޯނި ހިތްޕަވާގެން މެންބަރުންނަށް ބަހަން ދުވި ކަމަށް އިއުތިރާފުވި ކަން ފާހަގަ ކުރައްވާ އެ ކޮރޮޕްޝަންތައް ހުއްޓުވުމަށް ކުރެއްވީ ކޮންކަމެއްތޯ ސުވާލު އުފެއްދި އެވެ.

ނަމަވެސް ނޫސްވެރިޔާ ސުވާލު ކުރަން ފެށުމާއެކު ބައްދަލުވުން އޮތް މާހައުލުގައި މެންބަރުންގެ އަޑު ގަދަވެ ސުވާލަށް ހުރަސް އެޅުމަށް މަސައްކަތް ކުރެއްވި އެވެ. އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ސުވާލު ވީހާވެސް ކުރުކޮށް ކުރެއްވުމަށެވެ. ނަމަވެސް ކޮރޮޕްޝަންގެ ވާހަކަތައް ދައްކަން ފެށުމާ އެކު މެންބަރުންގެ ރުޅި ކޮންޓްރޯލު ނުވެ ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ވެސް ވަނީ އެ މާލަން ދޫކޮށް ގޮސްފަ އެވެ. އަދި އެކަމާ ގިނަ މެންބަރުންތަކެއް ވެސް ރުޅިގަދަވެ އަޑުއުފުލި އެވެ. އަދި ބައެއް މެންބަރުން އެ ސުވާލު ހުއްޓުވުމަށް ޕީޖީގެ ލީޑަރުގެ ނިހާންގެ އަރިހުން ދަންނަވާ މަންޒަރު ވެސް ފެނުނެވެ.

އެ މައްސަލައާ ގުޅިގެން ފިޔާޒުގެ ސުވާލަށް ޖަވާބު ދެއްވަމުން ޕީޕިއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ވެސް ވިދާޅުވީ ނޫސްވެރިން ސުވާލު ކުރައްވާ އިރު ލައިވްކޮށް ޓީވީއިން ދައްކާތީ އެ ޓީވީ ޗެނަލެއްގެ ސަޕޯޓު ކުރާ ފިކުރުތައް ފަތުރަން ނޫޅުއްވާ ހަމައެކަނި ސުވާލު ކުރެއްވުމަށެވެ.
އޭގެ ފަހުން އެހެން ނޫސްވެރިންނަށް ވެސް ސުވާލު ކުރަން ފުރުސަތު ދިނުމަށް ފަހު އެހެން ސުވާލެއް ކުރުމަށް ފިޔާ އަނެއްކާ ވެސް ފުރުސަތަކަށް އެދުނެވެ. ނަމަވެސް އެ ފުރުސަތެއް މެންބަރުންނެއް ނުދެއްވި އެވެ.