ހަބަރު

ރީކޯ މޫސަ ޕީޕީއެމްއަށް ސޮއިކޮށްފި

Jul 11, 2017
5

ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު މިރޭ ޕީޕީއެމްއަށް ސޮއި ކުރައްވައިފި އެވެ. އޭނާ އަކީ މިފަހަކަށް އައިސް ސަރުކާރަށް ތާއީދު ކުރައްވާ މެންބަރެކެވެ.

އެމްޑީޕީ އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި ރީކޯ މޫސާ މަނިކު މިދިޔަ އަހަރުގެ ތެރޭގައި އެމްޑީޕީ އިން ވަކިކުރީ އޭނާ ޕާޓީގެ ވިޕްލައިނާ ހިލާފަށް ވޯޓް ދެއްވި މައްސަލައެއްގަ އެވެ. އޭނާ މިރޭ ޕީޕީއެމްއަށް ސޮއި ކުރީ ރައީސް އަބްދުﷲ ޔާމީން އާއި އެ ޕާޓީގެ ލީޑަޝިޕްގެ އެހެން އިސްވެރިން ބައިވެރިވެވަޑައިގެން ޕީޕީއެމް އޮފީހުގައި ބޭއްވި ހަފްލާއެއްގަ އެވެ.

މޫސަ ވިދާޅުވީ އޭނާ ޕީޕީއެމްއާ ގުޅިވަޑައިގަތީ އިހުލާސްތެރިކަމާ އެކު އަމިއްލަ އެދުމެއް ނެތި ކަމަށާއި އެމަނިކުފާނު ޕާޓީ އިން ބަލައިގަތް ކަމަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ. އަދި ރައީސް ޔާމީން 2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަން ފާހަގަ ކުރައްވަމުން މޫސަ ވިދާޅުވީ އެ މަސައްކަތް ކާމިޔާބު ކުރުމުގައި އޭނާއަށް މުހިންމު ރޯލެއް އަދާ ކުރެވިދާނެ ކަމަށެވެ. ޕީޕީއެމްގެ މަސައްކަތްތަކުގައި އޭނާ ސާބިތުކަމާ އެކު ހުންނަވާނެ ކަމަށް މޫސަ މިރޭ ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބުގައި ކުރިމަތިލުމުގެ އެއްވެސް ވިސްނުމެއް އޭނާ ނުގެންގުޅުއްވާ ކަން ވެސް މޫސަ މިރޭ ހާމަ ކުރެއްވި އެވެ.

އެ ހަފްލާގައި ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ތެރޭގައި މޫސައަށް އެކަށީގެންވާ ފުރުސަތު ލިބޭނެ ކަމަށާއި ރިޔާސީ ޕްރައިމަރީގައި ކުރިމަތިލާން ބޭނުން ނަމަ އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. އަދި މޫސަގެ އިތުބާރު ނެތް ކަމުގެ ވޯޓް ވެސް ނަގަން މަސައްކަތް ކުރާކަން ފާހަގަ ކުރައްވާ ރައީސް ވަނީ އެފަދަ ޖެއްސުން ކުރުމުގެ އަމަލުތައް ނުހިންގުމަށް އިދިކޮޅު ފަރާތްތަކުގެ ކިބައިން އެދޭ ކަމަށެވެ.