ކުޅިވަރު

ޑޮނަރުންމާގެ ބޭބެއާއެކު މިލާން ސޮއި ކޮށްފި

Jul 12, 2017

އޭސީ މިލާންގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރުންމާ، އޭނާގެ ބޭބޭ އެންޓޯނިއޯ ޑޮނަރުންމާއާއެކު މިލާންގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ. ޑޮނަރުންމާ ހުށަހަޅާފައި ވަނީ އާ އެއްބަސް ވުމާއެކު އޭނާގެ ބޭބެ އެންޓޯނިއޯ ވެސް މިލާންގެ ކީޕަރަކަށް ގެނައުމަށެވެ.

ޕޮލެންޑްގައި ނިމިދިޔަ 21 އަހަރުން ދަށުގެ ޔޫރޯއަށް، އިޓަލީގެ ޓީމާއެކު ދިއުމުގެ ކުރިން، މިލާނުން ވަނީ، ޑޮނަރުންމާއަށް އާ އެއްބަސްވުމެއް ހުށަހަޅާފަ އެވެ. ނަމަވެސް، އޭރު ހުށަހެޅި ހުށަހެޅުމަށް އޭނާގެ ފަރާތުން ވަކި ޖަވާބެއް ދީފައެއް ނުވެ އެވެ. ރެއާލް މެޑްރިޑުން ވަނީ އޭރު ޑޮނަރުންމާ ގެންދަން މަސައްކަތް ކޮށްފަ އެވެ.

މިހާރު ސޮއި ކުރި އެއްބަސްވުން، ހަމަވާނީ 2021 ވަނަ އަހަރު ޖޫން މަހުގެ ފަހުން ނެވެ. އާ އެއްބަސްވުމުގެ ދަށުން ޑޮނަރުންމާ18 އަށް މުސާރައިގެ ގޮތުގައި އަހަރަކު ހަ މިލިއަން ޔޫރޯ ލިބިގެންދާނެ އެވެ.

ޑޮނަރުންމާގެ ބޭބެ އެންޓޮނިއޯ ވަނީ ޔޫތު ކެރިއަރުގައި، މިލާންގެ ޒުވާން ޓީމަށް ކުޅެފަ އެވެ. މިލާންގެ ސީނިއާ ޓީމުގައި އޭނާ ހިމެނު ނަމަވެސް، އެއްވެސް މެޗެއް އޭނާ ކުޅެފަ އެއް ނުވެ އެވެ. މިލާންގެ ކޮންޓްރެކްޓްގެ ދަށުން އޭނާ ވަނީ ޕިއާކެންޒާ އާއި ގުއްބިއޯއަށް ކުޅެފަ އެވެ. ފަހުން ގެނޯއާ އަށް ބަދަލުވެ ލޯންގެ ދަށުން ބާރީ އަށް ކުޅުމަށްފަހު، މިދިޔަ ސީޒަންގައި އޭޏާ ކުޅެފައި ވަނީ ގްރީކް ލީގްގެ އެސްޓަރެސް ޓްރިޕޯލީ އަށެވެ.

އެންޓޯނިއޯއަށް މުސާރައިގެ ގޮތުގައި އަހަރަކު އެއް މިލިއަން ޔޫރޯ ލިބިގެން ދާނެ އެވެ.