ހަބަރު

އަދީބު ނެގި ފައިސާ ނުދައްކަނިސް ބޭރަށް ނުފުރޭނެ: ރައީސް

Jul 11, 2017
7

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތުން ވަގަށް ނެންގެވި ފައިސާ އަނބުރާ ދައުލަތަށް ނުދައްކަނީސް ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ވަޑައިގަންނަވަން އަދީބަށް ހުއްދައެއް ނުދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ހަފްލާގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އަދީބު ނެންގެވި ފައިސާ އަނބުރާ ދައުލަތަށް ނުދައްކަނިސް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދައެއް ނުދެއްވޭނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، އަދީބުގެ ސިއްހީ ފަރުވާއަށް ބޭނުންވާނެ ކޮންމެ ފެންވަރެއްގެ ޑޮކްޓަރުން ރާއްޖެއިން ބޭރުން އަދީބުގެ ހަރަދުގައި ގެނައުމުގެ ފުރުސަތު ސަރުކާރުން ދޭނެ ކަމަށެވެ. އަދި އަދީބުގެ ބޭސްފަރުވާއަށް އައިޖީއެމްއެޗްގެ ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން އަދި ވިދާޅުވީ، އެމަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކުން ކެމްޕޭނަށް ދިން ފައިސާ މެނޭޖްކުރުމުގެ ކަންކަން ކުރެއްވީ އަދީބު ކަމަށާއި އަދީބު ދައުލަތުން ފައިސާ ނަގަމުން ދިޔަކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭނަށް ހެޔޮ އެދޭ ފަރާތްތަކުން ދިން ފައިސާގެ ތަފްސީލްތައް އަދީބުގެ އަތުގައި ހުންނާނެ ކަމަށާއި އެ ތަފްސީލްތައް ހޯދަން އަދީބުގެ ކިބައިން އޭރު އެދިފައި ވާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތަކީ އަދީބަކީ އެމަނިކުފާނާ އެކު ވަރަށް ހީވާގިކޮށް ކެރިގެން ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހަމަޖެއްސެވީ ރައީސް މައުމޫންގެ ރުހުން ލިބިގެން އަދީބަކީ ޕީއާރުވެސް ރަނގަޅު އަދި ޒުވާން ބޭފުޅަކަށް ވާތީ ކަމަށެވެ.