ކުޅިވަރު

ޑެނީ އަލްވޭސް، ސިޓީއަަކަށް ނޫން ޕީއެސްޖީއަށް

Jul 12, 2017

ކުރިން މެންޗެސްޓާ ސިޓީއަށް ބަދަލުވުމަށް ހަމަޖެހިފައިވާ، ޔުވެންޓަސްގެ، ޑިފެންޑަރު ޑެނީ އަލްވޭސްގެ ޓްރާންސްފާގެ ދޮރު ފްރާންސްގެ ޕީއެސްޖީއާ ދިމާލަށް އަނބުރާލައިފި އެވެ. ޕީއެސްޖީގެ މެޑިކަލް ޓެސްޓްތައް ހެދުމަށްޓަކައި، އޭނާ ހުރީ މިހާރު ޕެރިހު ގައެވެ.

ކުރިން، ގާޑީއޯލާ ބޮޑު އަމާޒެއް ކަނޑައަޅައިގެން ސިޓީގެ ކަނާތު ބެކް ވަރުގަދަ ކުރުމަށް، އޭނާ ގެންނަން އެންމެ ބޮޑަށް ބޭނުންވި ކުރި ކުޅުންތެރިޔަކީ، ބާސާގައި އޭނާ ކޯޗު ކަމުގެ ދަށުން ކުޅުނު އަލްވޭސް އެވެ. މިދިޔަ ސީޒަންގައި ޔުވެންޓަސްގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ސިޓީން، އަލްވޭސް ލައްވައި ސޮއި ނުކުރާ ގޮތަށް ނިންމި ސަބަބާ ބެހޭގޮތުން، އެކުލަބުން ވަކި އެއްޗެއް ބުނެފަ އެއް ނުވެ އެވެ. ނަމަވެސް، ދަ ގާޑިއަން ގައި ބުނެފައިވާ ގޮތުން، ސިޓީން ހުށަހެޅި އަގަށް ވުރެ ބޮޑު އަގެއް ޕީއެސްޖީން ޔުވެންޓަސް އަށް ހުށެޅި އެވެ. ބެލެވޭ ގޮތުގައި، ޔުވެންޓަސްއިން ވަނީ ފަހުން، ޕީއެސްޖީ ހުށަހެޅި ވަރުގެ އަގެއް ދޭން ސިޓީއަށް ވެސް ހުށަހަޅާފަ އެވެ.

މިދިޔަ ސީޒަންގައި ސިޓީގެ ޑިފެންޑަރުންގެ ގޮތުގައި ތިބި، ބާކެރީ ސަންޔާ އާއި ގައެލް ކްލިޗީ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް ވަނީ ހަމަވެފަ އެވެ. އެހެންވެ އެ ކުޅުންތެރިންނާއެކު އާ އެއްބަސްވުމަށް ނުދާން ސިޓީން ނިންމާފައި ވުމުން، އެކުޅުންތެރިން ވަނީ ޓީމު ދޫކޮށްލާފަ އެވެ.

އެ ޓީމުން މިހާރު މަސައްކަތް ކުރަމުން ދަނީ، އެންމެ ފުރަތަމަ އެ ޓީމަށް ގެންދަން މަސައްކަތް ކުރި، ޓޮޓެންހަމްހޮސްޕާގެ ކައިލް ވޯލްކާ ގެންދިއުމަށެވެ. ޓޮޓެހްމައިން ހުށހެޅި އަގު ބޮޑުވެގެން ކުރިން ސިޓީން ނިމްފައި އޮތީ އޭނާ ނުގެނައުމަށެވެ. އިނގިރޭސި ގައުމީ ޓީމުގެ ވެސް ޑިފެންޑަރު ދޫކޮށްލަން، ޓޯޓެންހަމްއިން އެއްބަސް ވަނީ 50 މިލިއަން ޕައުންޑަށެވެ.

މެޑިކަލް ޓެސްޓްޓަތަކަށް ފަހު، ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި، މިއަދު ޕީއެސްޖީއަށް، އަލްވޭސް ސޮއި ކުރާނެ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.