ހޮލީވުޑް

އެމްޓީވީ މޫވީ އެވޯޑުގެ އެންމެ މޮޅު ފިލްމަކަށް "ދަ ފޯލްޓް އިން އަވާ ސްޓާސް"

Apr 13, 2015

ރޭ ދިން އެމްޓީވީ މޫވީ އެވޯޑުގައި އެންމެ މޮޅު ފިލްމަކަށް "ދަ ފޯލްޓް އިން އަވާ ސްޓާސް" ހޮވައިފިއެވެ.

ކެންސަރު ބަލީގައި އުޅޭ 16 އަހަރުގެ އަންހެން ކުއްޖަކާ، ގުނަވަނެއް ބުރިކޮށްލާފައިވާ 17 އަހަރުގެ ފިރިހެން ކުއްޖަކާ ދެމެދު ހިނގާ ހިތާމަވެރި، ޖޯން ގްރީން ލިޔުނު ލޯބީގެ ވާހަކައިގެ މައްޗަށް ތައްޔާރު ކުރި މި ފިލްމުން ޝައިލީން ވުޑްލީ އަށް ވަނީ އެންމެ މޮޅު ބަތަލާގެ މަގާމު ލިބިފައެވެ. އަދި އޭނާއަށް ވަނީ ޓްރެއިލްބްލޭޒާ އެވޯޑު ވެސް ދީފައެވެ.

އެންމެ މޮޅު ބަތަލަކަށް ހޮވުނީ "އެމެރިކަން ސްނައިޕާ" އިން ބްރެޑްލީ ކޫޕާއެވެ. ޖެނެރޭޝަން އެވޯޑު ލިބުނީ ރޮބަޓް ޑައުނީ ޖޫނިއާއަށެވެ. އަދި އެންމެ "ވިސްނުންތެރި" ކޮމެޑިއަންއަކަށް ހޮވުނީ ކެވިން ހާޓްއެވެ. ނަމަވެސް އެންމެ މޮޅު ކޮމެޑީ ރޯލުގެ އެވޯޑު ލިބުނީ "22 ޖަމްޕް ސްޓްރީޓް"އިން ޗޭނިން ޓެޓަމްއަށެވެ.

އެންމެ ބިރުވެރި ރޯލުގެ މަގާމު ލިބުނީ "ދަ ބޯއި ނެކްސްޓް ޑޯ"އިން ޖެނިފާ ލޮޕެޒްއަށެވެ. އަދި އެންމެ މޮޅު ނުބައިބައި ރޯލުގެ މަގާމު ލިބުނީ "އިން ޓު ދަ ވުޑްސް"އިން މެރިލް ސްޓްރީޕްއަށެވެ.

އެންމެ މޮޅު ސްކްރީން ޖޯޑަށް ހޮވުނީ "ނޭބާސް" އިން ޒެކް އެފްރޯން އާއި ޑޭވް ފްރޭންކޯ ކަމަށްވާއިރު އެންމެ މޮޅު ކިސް ކުރި މަގާމު ލިބުނީ "ދަ ފޯލްޓް އިން އަވާ ސްޓާސް"އިން ޝައިލީން އާއި އަންސަލް އެލްގޯޓްއެވެ.

އެންމެ މޮޅު ތަޅާފޮޅުމުގެ އެވޯޑު ލިބުނީ "ދަ މޭޒް ރަނާ" އިން ޑިލަން އޯބްރަޔަން އަދި ވިލް ޕޯލްޓާއަށް ކަމަށްވާއިރު، އެންމެ މޮޅު ހުސްގަޔާ ކުޅުނު މަންޒަރުގެ އެވޯޑު ލިބުނީ "ނޭބާސް"އިން ޒެކްއަށެވެ. އަދި އެންމެ މޮޅު "ވަޓް ދަ އެފް" ވަގުތުކޮޅުގެ އެވޯޑު ލިބުނީ "ނޭބާސް"އިން ސެތް ރޯޖަން އަދި ރޯސް ބަޔަންއަށެވެ.

އެންމެ މޮޅު މިއުޒިކަލް ވަގުތުކޮޅުގެ އެވޯޑު ލިބުނީ "ދަ ހަންގާ ގޭމްސް: މޮކިންޖޭ ޕާޓް 1"އިން ޖެނިފާ ލޯރަންސްއަށެވެ. އަދި އެންމެ މޮޅު "އޮންސްކްރީން ޓްރާންސްފޯމޭޝަން"ގެ އެވޯޑު ލިބުނީ އެ ފިލްމުން އެލިޒަބަތް ބޭންކްސްއަށެވެ.

އެންމެ މޮޅު ހީރޯގެ މަގާމު ލިބުނީ "ދަ މޭޒް ރަނާ"އިން ޑިލަން އޯބްރަޔަން އަށް ކަމަށްވާއިރު، "ބްރޭކްތްރޫ ޕާފޯމަންސް" އެވޯޑު ލިބުނީ ވެސް އެ ފިލްމުން އޭނާއަށެވެ.