ކުޅިވަރު

އިންޑިއާގެ އާ ހެޑްކޯޗަކަށް ކުރީގެ ކެޕްޓަން ޝާޝްތްރީ

Jul 12, 2017

އިންޑިއާގެ ކްރިކެޓް ޓީމުގެ ހެޑް ކޯޗަކަށް، ކުރީގެ ކެޕްޓަން ރާވީ ޝާތްރީ ހަމަޖައްސައިފި އެވެ. ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޝާޝްތްރީ ކޯޗް ކަމަށް ހަމަޖެއްސީ، ކުރީގެ ކޯޗް އަނިލް ކުމްބްލޭ ޓީމު ދޫކޮށްލުމުން ނެވެ.

ޝާޝްތުރީ ވަނީ، އޯގަސްޓް 2014 އިން މިދިޔަ އަހަރުގެ އޭޕްރީލް މަހާ ހަމަށް އިންޑީއާގެ ކްރިކެޓް ޓީމުގެ ޑައިރެކްޓަރުކަން ވެސް ކޮށްފަ އެވެ. އިންޑިއާގެ ކްރިކެޓް ކޮންޓްރޯލް ބޯޑު (ބީސީސީއައި) އިން ކުރިން ބުނެފައި ވަނީ، އާ ކޯޗް ކަނޑައެޅުމުގައި، މިހާރުގެ ކެޕްޓަން ވިރާތު ކޯލީގެ މަޝަވަރާ ހޯދާނެ ކަމަށެވެ.

އިންޑީއާގެ މީޑިއާތަކުން ބުނެފައި ވަނީ ޝާޝްތްރީ އަކީ، ކޯލީ ކުރިގެ ފޭވަރިޓް ކުޅުންތެރިޔާ ކަމަށެވެ. ޝާޝްތްރީ އަށް އޮތް އެންމެ ބޮޑު ޓާގެޓަކީ 2019 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް އިންޑިއާ ކާމިޔާބު ކޮށްދިނުމެވެ. އިންޑިއާގެ ކްރިކެޓް ބޯޑުން، އޭނާއާއެކު ހެދި އެއްބަސްވުމުގެ މުއްދަތު އޮތީވެސް ވޯލްޑަކްޕްގެ ނިޔަލަށެވެ.

އިންޑިއާގެ ކްރިކެޓް ބޯޑުން ބުނީ ޝާޝްތްރީ އަކީ ކުޅުންތެރިޔެއްގެ ގޮތުން އަދި ކޯޗެއްގެ ގޮތުންވެސް ތަޖުރިބާ ކާރު މީހެއް ކަމަށާއި އޭނާ އާއެކު އިންޑިއާގެ ކްރިކެޓް ޓީމަށާއި ޒަުވާން ކުޅުންތެރިންނަށް ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ޝާޝްތްރީގެ ދަށުން، ބޯލިން ކޯޗަކަށް ހަމަޖައްސާފައި ވަނީ، ޒަހީރު ހާން އެވެ. އަދި ބެޓިން ކޯޗަކަށް ހަމަޖއްސާފައި ވަނީ އިންޑީއާގެ ކްރިކެޓްގައި މޮޅު ބެޓްސްމަނެއްގެ ގޮތުގައި ފާހަގަ ކުރެވުނު އަދި ކުރިން ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި، ރާހުލް ޑްރަވިޑް އެވެ.