ވިޔަފާރި

ގިނަ އަދަދެއްގެ ޓްރެވަލް އެޖެންޓުންނާއެކު ޓީޓީއެމް ފަށައިފި

  • ޓީޓީއެމް ފެއާ މާދަމާގެ ނިޔަލަށް ދާނެ
  • ސަތޭކައަށްވުރެ ގިނަ އެޖެންޓުން ބައިވެރިވޭ
  • ރިސޯޓުތަކުގެ އެންމެ އިސްވެރިން ހިމެނޭ

ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާ ކަމަށްވާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާ ދަރުބާރުގޭގައި މިއަދު ފަށައިފި އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ ޓީޓީއެމް ފެއާ ހުޅުއްވައި ދެއްވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ޓީޓީއެމްއަކީ އަމިއްލަ ކުންފުންޏަކުން އިންތިޒާމު ކުރާ މުހިންމު ހަރަކާތެއް ކަމަށާއި ރާއްޖެއަށް މިފަދަ އިވެންޓުތަކުގެ ބޭނުން ބޮޑު ކަމަށެވެ.

"ރާއްޖޭގެ ޓޫރިޒަމް މިހާރު ކުރިއަރަމުންދާ ގޮތަށް ބަލާއިރު މިފަދަ އިވެންޓުތަކުގެ މުހިންމުކަން ބޮޑު،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާ އަންނަ ކަމަށާ ރާއްޖޭގެ ޓޫރިޒަމް ފުޅާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ކުރަމުން ގެންދާ މަސައްކަތް ނިމުމުން ޓޫރިޒަމަށް އިތުރު ފުޅާކަމެއް އަންނާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ވެލާނާ އެއާޕޯޓުގެ މަސައްކަތް ނިމުމުން އަހަރަކު ހަތް މިލިއަން ޓޫރިސްޓުންނަށް މަރުހަބާ ކިޔޭ ފެންވަރުގެ ތަަނަކަށް ވެގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ކްރައުން ކުންފުނީގެ ޑިރެކްޓަރު އަދި މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު (ކްރައުން ނަޒީރު) ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް 1972 ގައި އުފެދިގެން އައި ދުވަސްވަރާ ބަލާއިރު މިހާރު ޓޫރިޒަމް އެތައް ގުނައެއް ފުޅާ ވެގެން ގޮސްފައިވާ ކަމަށެވެ.

"އެންމެ ފުރަތަމަ 1971 ވަނަ އަހަރު އިޓަލީ ވިލާތުގެ [ޖޯޖު] ކޯބިން ކިޔާ މީހަކު އެންމެ 22 މީހުންނާއެކު ރާއްޖެ އައިސް ޓޫރިޒަމް ފެށިގެން މިދިޔައީ. އެ ދުވަސްވަރު ޓޫރިސްޓުން މި އަންނަނީ މަސް ހިފަން. ނަމަވެސް މިހާރު މިވަނީ ޓޫރިޒަމް އެތައް ގުނައެއް ފުޅާވެ ތަރައްގީ ވެގެން ގޮސްފައި،" ނަޒީރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ފެއާ އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސްއިން ބުނީ ފެއާ އިންތިޒާމު ކުރުމުގެ މަގުސަަދަކީ ޓޫރިޒަމްގެ އެނދުގެ އަދަދު އިތުރުވާ ވަރަށް ޕްރޮމޯޓް ކުރުން ކަމަށެވެ.

ޓީޓއެމް ފެއާ ބާއްވަނީ ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުމަށެވެ. މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިސްވެރިންނާއި 50 ނޫސްވެރިން އަދި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރި ވާނެ އެވެ. މީގެ އިތުރުން މި ފެއާއަކީ އެމްއެމްޕީއާރްސީ އާއި މަޓާޓޯ އަދި މަޓީ ފަދަ ޖަމިއްޔާތައް އެންޑޯޒްކޮށްފައިވާ ފެއާ އެކެވެ. މިފެއާގެ މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.