ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ ޕީޕީއެމް އިން ވަކިނުކޮށްދޭން އެދުނު ނަމަވެސް އޭނާ މިވަގުތު ޕާޓީ އިން ވަކިކޮށްދެވެން އެދުނު ސިޓީއަށް ޖަވާބެއް ދެވެން ނެތް ކަމަށް އަންގައިފި އެވެ.
ޕީޕީއެމްއިން ވަކިކޮށް ދިނުމަށް އެދި މުސްތޮފާއަށް ފޮނުވި ސިޓީއަށް ޕާޓީ ސެކްރެޓޭރިއެޓުން، ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ސޮއި ކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ޖުލައި ތިނެއްގައި މުސްތޮފާއާ ގުޅޭ ގޮތުން ސުލޫކީ މައްސަލައެއް އެ ޕާޓީއަށް ހުށަހެޅި އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ ބަލައި ނުނިމެނިސް މުސްތޮފާ ފޮނުއްވި ސިޓީއަށް ޖަވާބުދެވެން ނެތް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
ޕީޕީއެމް އިން އަމިއްލައަށް ވަކިވުމަށް ނުވަ މެންބަރަކު ޕާޓީއަށާއި އިލެކްޝަންސް ކޮމިޝަނަށް މިހާރު ވެސް ވަނީ ސިޓީ ފޮނުވައިފަ އެވެ. އެބޭފުޅުން ޕާޓީ އިން ވަކިކޮށްދިން ކަމެއް އަދި ނޭނގެ އެވެ.
ޕާޓީއެއްގެ މެންބަރުކަމުގައި އިންތިހާބުވާ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައިދިނުމަށް އެޓާނީ ޖެނެރަލްގެ ފަރާތުން މިހާރު ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދައިފަ އެވެ.