ހަބަރު

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއެއް ބާއްވާނަން: ރައީސް

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ޕީޕީއެމްގެ ތެރޭގައި ޕްރައިމެރީއެއް ބާއްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅެވެއްޖެ އެވެ.

ޕީޕީއެމްގެ މެންބަރު ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ސޮއި ކުރެއްވުމަށް ރޭ ބޭއްވި ހަފްލާގައި އެމަނިކްފާނަށް އިޝާރަތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ މޫސަ ވެސް 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ބޭނުން ނަމަ އެ ފުރުސަތު އޮޮންނާނެ ކަމަށެވެ. އެގޮތުން ޕީޕިއެމްގެ ޕްރައިމެރީގައި ވާދަ ކުރުމަށް އެމަނިކްފާނަށް މަރުހަބާ ދަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ރިޔާސީ ޕްރައިމެރީ އޮންނާނެ. ރިޔާސީ ޕްރައިމެރީ ބާއްވަން އަަޅުގަނޑުމެނަށް ކެރޭނެ. އެހެންވީމަ މޫސާ މަނިކު ވެސް އެހެން ބޭފުޅަކު ވެސް އެކަމަށް ޝައުގުވެރިވާނަމަ އަޅުގަނޑުމެން ޕާޓިއަކުން ދުވަސް ނުފުރާ އެ ބޭފުޅާ ޕާޓީން ބޭރު ކުރާނެ ކަހަަލަ އުސޫލެއް މި ޕާޓީން ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީންއާ އެކު ޕްރައިމެރީގައި ވާދަ ކުރެއްވުމަށް ދަވަތު އެރުވި ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ވިސްނުން ދޫކޮށްލާފައިވާ ކަމަށް ރޭ މޫސަ ވިދާޅުވި އެވެ.

ޕްރައިމެރީ އޮންނާނެ ކަމަށް ރައީސް ވިދާޅުވެފައިވާ އިރު ޕްރައިމެރީއަކާ ނުލާ އެމަނިކްފާނަށް ރިޔާސީ ޓިކެޓު ދެއްވާނެ ކަމަށް ޕީޕީއެމްގެ ލީޑާޝިޕުގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުންތަކެއް ވިދާޅުވެފައި ވަނިކޮށެވެ. އަދި އޭގެ ސަބަބުން ޕާޓީ ތެރޭގައި ގިނަ ހިޔާަލުތަފާތު ވުންތަކެއް ވެސް އުފެދުނެވެ.

ރިޔާސީ ޕްރައިމްރީގައި ވާދަ ކުރުމަށް އެ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި އަދިވެސް ހުންނެވި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ.