ލައިފްސްޓައިލް

މީހެދުން އިޝްތިހާރެއްނޫން، ކެބިން ކްރޫ ޔުނީފޯމެއް!

Jul 12, 2017
3

ކެބިން ކްރޫއިންނަކީ އަބަދުވެސް ވަރަށް ރީތިކޮށް ތިބެން މަޖުބޫރު ބައެކެވެ. ކިތަންމެ ދިގު ދަތުރެއް ކުރި ނަމަވެސް އެމީހުންނަކީ މޭކަޕް ކޮށްގެން ރީތިކޮށް ތިބެން މަޖޫބޫރު ބައެކެވެ. މިއީ އަބަދުވެސް މީހާ ރީތިކޮށް ހުންނަން މަޖޫބުރު ކުރުވާ ވަޒީފާއެކެވެ. އަދި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ކެބިން ކުރޫއިންގެ ޔުނިފޯމަކީ ވަކި ގޮތަކަށް ފަރުމާކޮށްފައިވާ އެއްގޮތްކަން ބޮޑު ޔުނީފޯމެކެވެ. ގިނަ އެއާލައިންތަކުގެ ތަފާތަކަށް ފެންނާނީ އަންހެން ކެބިން ކްރޫއިންގެ ބޮލުގައި އަޅާ ތޮތްޕާއި ޔުނިފޯމުގެ ކުލަ އެވެ. އާންމުކޮށް ބޭނުންކޮށްފައި ހުންނަނީ ތިރީބުރި ނުވަތަ ފަޓޫލޫނާއެކު ބެގީކޮށްފައި ހުންނަ ގަމީހެކެވެ.

ނަމަވެސް އެއްހާހަށް ވުރެ ގިނަ މަންޒިލްތަކަށް ދަތުރު ކުރާ ޗައިނާގެ ހައިނާން އެއާލައިނުން ވަނީ ކެބިން ކްރޫއިންގެ ޔުނިފޯމާއި މެދު ޑިޒައިނަރުން ގެންގުޅެމުން އަންނަ އެއްގޮތް މުސްކުޅި ގޮތްގަނޑު ދޫކޮށްލުމަށްފަހު ތަފާތު ޔުނީފޯމެއް ތައާރަފްކޮށް އެހެން އެއާލައިންތައް ހައިރާން ކޮށްލާފަ އެވެ.

އެގޮތުން މިފަހަރުގެ ޕެރިސް ފެޝަން ކޯޗާ ފޯލް/ވިންޓާ 2017 ޝޯގައި ވަނީ ކެބިން ކްރޫއިންގެ ޔުނީފޯމު ދައްކާލާފަ އެވެ.

ޑިޒައިނާ ލޯރެންސް ޒޫގެ މި ހިތްގައިމު ޑިޒައިންގެ ޔުނިފޯމުން ޗައިނާގެ ސަގާފަތް ވަރަށް ބޮޑަށް ދައްކުވައިދެ އެވެ. އެގޮތުން އަންހެން ކެބިން ކްރޫއިން ނަށް ހާއްސަ ކަކުލާ ހަމައަށް އަރާ ޔުނީފޯމު ފަރުމާކޮށްފައިވަނީ ޗައިނީސް ސިލްކް ފޮތިންނެވެ. އެ ފޮތި ހުންނަނީ މަލާއި މަހުން ޖަރީކޮށްފަ އެވެ. އަދި އެކި ގައުމުތަކުގެ ފިނިހޫނު މިނާއި ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ ޔުނީފޯމުގައި އަޅި ޖެކެޓެއް ގުޅުވާލާއިރު، އަންހެން އަދި ފިރިހެން ކެބިން ކްރޫއިންނަށް ވެސް އަޅި ކުލައިގެ ޔުނީފޯމެއް ވެސް ވަނީ ދައްކާލާފަ އެވެ.