ބޭރު ކުޅިވަރު

ކީޕަރު ހާޓަށް ވެސްޓްހޭމް އިން ޝައުގުވެރިވޭ

Jul 12, 2017

މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު ޖޯ ހާޓް ގެންދަން ވެސްޓް ހޭމް ޔުނައިޓެޑުން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ގިނަ އަހަރުތަކެއްގެ ސިޓީގެ ގޯލް ބެލެހެއްޓި ނަމަވެސް، ސިޓީގެ ކޯޗުކަމާ ޕެޕް ގާޑިއޯލާ ހަވާލުވި ފަހުން ހާޓް ،30، އަށް ވަނީ ފުރަތަމަ 11 އިގެ ޖާގަ ހިފެހެއްޓުމަށް އުނދަގޫވެފަ އެވެ. މިދިޔަ ސީޒަންގައި ލޯނު އުސޫލުގެ ދަށުން ހާޓް ކުޅުނީ އިޓަލީގެ ޓޮރީނޯއަށެވެ.

ބެންފީކާ އަށް ކުޅެމުންދިޔަ ގޯލްކީޕަރު އެޑަސަން މޮއާރެސް 35 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި ސިޓީ އަށް ބަދަލު ވެފައިވާއިރު، ކުރިއަށް އޮތް ސީޒަންގައި ވެސް ސިޓީގައި ހާޓަށް މާބޮޑު ފުރުސަތެއް އޮތް ކަމަކަށް ނުބެލެވެ އެވެ. ގާޑިއޯލާ މިދިޔަ ސީޒަންްގައި ސިޓީގެ އެއްވަނަ ގޯލްކީޕަރުގެ ގޮތުގައި ބޭނުންކުރީ ޗިލީގެ ކްލައުޑިއޯ ބްރާވޯ އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ހާޓަށް ވެސްޓް ހޭމް އިން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ދެ ކްލަބުގެ ދެމެދުގައި އަދި އެއްބަސްވުމަކަށް ނާދެވެ އެވެ.

މެންޗެސްޓާ ޔުނައިޓެޑުން ވެސް ހާޓްގެ އޭޖެންޓުންނާ ވާހަކަދެއްކި ކަމަށްވެ އެވެ. ހާޓަކީ ޔުނައިޓެޑްގެ ކޯޗު ޖޯސޭ މޮރީނިއޯ އަށް ވަރަށް ކަމުދާ ކުޅުންތެރިޔެކެވެ. އެކަމަކު މަޝްވަރާތައް އަދ މާބޮޑަށް ކުރިއަށް ނުދާކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.