ހަބަރު

މަޖިލީހުގެ ރައީސްގެ ވޯޓްގެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ: އިދިކޮޅު ޕީޖީ

Jul 12, 2017
2

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓްގެ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެ ޖާގައެއް ނެތް ކަމަށް ގުޅިފައިވާ ޕާޓީތަކުން އެކުލަވާލާފައިވާ އިދިކޮޅު އިއްތިހާދުގެ ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕުން މިރޭ ބުނެފި އެވެ.

މިރޭ ޖުމްހޫރީ ޕާޓީގެ ހަރުގެ ކުނޫޒްގައި ބޭއްވި އިދިކޮޅު އިއްތިހާދުގެ ޖޮއިންޓް ޕީޖީގެ ޕްރެސްކޮންފަރެންސްގައި އެމްޑީޕީގެ ޕީޖީ ލީޑަރު ހިންވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ މައްޗަށް ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކުގެ ސައްހަކަން ސުޕްރީމް ކޯޓުން ކަނޑައަޅަން ޖެހޭ ކަމަށް އެ ކޯޓްގެ އެއްވެސް ނިންމުމެއްގައި ނެތް ކަމަށެވެ. އެގޮތުން އިތުބާރު ނެތް ކަމުގެ މައްސަލައިގައި ދާދި ފަހުން ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ވެސް މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވާހަކަ ހިމެނިފައި ނެތް ކަމަށް އިބޫ ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލަ އަކީ ސުޕްރީމް ކޯޓަށް ބެލުގެ ޖާގައެއް އޮތް މައްސަލައެއް ނޫން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރޭގައި ވެސް ވިދާޅުވި މަޖިލީހުގައި ނަގާ މަޖިލީހުގެ ރައީސްގެ ވޯޓް ނިމޭގޮތަކުން ސުޕްރީމް ކޯޓުން ގޮތްތަކެއް ނިމިގެންދާނެ. ކޮންމެހެން ރައްދު ދޭކަށް ނޫން. އެކަމަކު އަޅުގަނޑު ދަންނަވަން ސުޕްރީމް ކޯޓްގެ އެއްވެސް ހުކުމެއްގައި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ މައްޗަށް ނަގާ ވޯޓްގެ ސައްހަކަން ނޫނީ އެ ވޯޓާ މެދު ގޮތެއް ނިންމުން އެ ކޯޓަކަށް ނެތް. ހުކުމުގައި އޮތީ ވެސް ރައީސުލްޖުމްހޫރިއްިޔާ އާއި ނައިބު ރައީސްގެ ވޯޓްގެ ވާހަކަ. މަޖިލީހުން ވޯޓް ނެގީމާ އެކަން (މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް)އެ ނިމުނީ. އަޅުގަނޑުމެން އުންމީދު މި ކުރަނީ މި މަސައްކަތް ކުރާ އިސްލާހާ އެއްގޮތަށް މަޖިލީހުގެ ތެރެއިން އެ ބަދަލު ފެނިގެންދާނެ ކަމަށް،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހަށް ވައްދާފައިވާ އިތުބާރު ނެތްކަމުގެ ވޯޓް ކުރިއަށް ގެންދަން ޖެހޭނެ ގޮތް ވަރަށް ސާފުކޮށް މަޖިލީހުގެ ގަވާއިދުގައި ހިމެނިފައިވާ ކަމަށެވެ. އިބޫ ވިދާޅުވި ގޮތުގައި ގަވާއިދަށް ބަލާއިރު އަދި މައްސަލައިގެ ނޯޓިސް ވެސް މެންބަރުންނަށް ފޮނުވާފައިވާތީ، އިތުބާރު ނެތް ކަމުގެ ވޯޓް މި މި މަހުގެ 24 ވަނަ ދުވަހަށް އެޖެންޑާ ކުރަން ޖެހޭނެ އެވެ. އަދި އެ މައްސަލަ އެ ދުވަހަށް އެޖެންޑާކޮށް މަޖިލީހުގެ އުސޫލުތަކަށް އިހުތިރާމްކޮށްގެން މައްސަލަ ކުރިއަށް ގެންގޮސް ދިނުމަށް މަޖިލީހުގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އިބޫ ގޮވާލެއްވި އެވެ.

"އަޅުގަނޑުމެން މި އެދޭ އިސްލާހު މަޖިލީހުގެ ތެރެއިން 24 ވަނަ ދުވަހު ފެންނާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން،" އިބޫ ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ވައްދާފައިވާ ދުސްތޫރީ މައްސަލައާ ގުޅޭ ގޮތުން އިބޫ ވިދާޅުވީ އެޓާނީ ޖެނެރަލް މަސައްކަތް ކުރައްވަނީ ގާނޫނު އަސާސީގެ ބާރު އެކީ ކަނޑުވާލުމަށް ކަމަށެވެ. އަދި ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި މެންބަރުކަން ގެއްލޭނެ އުސޫލު ކަނޑައެޅިފައިވާ ކަމަށާއި އެކަން އެގޮތަށް ވެފައިވަނިކޮށް ވެސް ކޯޓަށް މައްސަލަ ވައްދައިގެން އެކަން ކުރަނީ ގާނޫނު އަސާސީގެ ބާރު ކަނޑާލަން ކަމަށެވެ. އަދި އެފަދަ ކަމަކަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ފުރުސަތު ދެއްވާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.