ދުނިޔެ

ރިޝްވަތުގެ ކުށުގައި ބްރެޒިލްގެ ކުރީގެ ރައީސަށް ޖަލު ހުކުމެއް

ރިޝްވަތުގެ ގޮތުގައި އެޕާޓްމަންޓެއް ހޯއްދެވި ކަމުގެ ކުށުގައި ބްރެޒިލްގެ ކުރީގެ ރައީސް ލުއިސް އިނާސިއޯ ލޫލާ ޑަސިލްވާ ނުވަ އަހަރާއި ހަމަސް ދުވަހަށް ޖަލަށް ލުމަށް އެ ގައުމުގެ ކޯޓަކުން ބުދަދުވަހު ހުކުމް ކޮށްފި އެވެ.

ލޫލާގެ މައްޗަށް ސާބިތުވީ ބްރެޒިލްގެ ގައުމީ ތެޔޮ ކުންފުނި ޕެޓްރޯބަސް އިން ކޮންޓްރެކްޓެއް ހޯދުމަށް އިންޖިނިއަރިން މަސައްކަތް ކުރާ ކުންފުންޏެއް ކަަމަށްވާ އޯއޭއެސްއަށް އެހީތެރިވެދީ އޭގެ ބަދަލުގައި ބީޗްފްރޮންޓް އެޕާޓްމަންޓެއް ހޯއްދެވި ކަމުގެ ކުށެވެ.

ލޫލާއަކީ 2011 ވަނަ އަހަރާ ހަމައަށް ބްރެޒިލްގެ ރައީސްކަން އަށް އަހަރު ކުރައްވާފަައިވާ ބޭފުޅެކެވެ. އޭނާއާ ދެކޮޅަށް އުފުލި ރިޝްވަތު ހިފި ކަމުގެ ކުށުގެ ދައުވާއަށް އޭނާ ގެންދަވަނީ ފުރަތަމަ ދުވަހުން ފެށިގެން އިންކާރު ކުރައްވަމުންނެވެ. ބްރެޒިލްގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ލޫލާއާއި އޭނާ ނިސްބަތްވެވަޑައިގަންނަވާ ވައަތު ފިޔައިގެ ވޯކާސް ޕާޓީން ވެސް ދައުވާ ކުރާ ގޮތުގައި އޭނާއަށް ކުރި ދައުވާއަކީ ސިޔާސީ ބޭނުމަށް ކުރި ދައުވާއެއް ކަމަށެވެ. އޭނާއަށް އިއްވި ހުކުމް ވެސް މެއެވެ.

ލޫލާއާ ދެކޮޅަށް ކުރި ދައުވާ އަކީ ބްރެޒިލްގައި މިހާތަނަށް ތަހުގީގު ކުރި އެންމެ ބޮޑު ޚިޔާނާތުގެ މައްސަަލަ ގަނޑު ކަމަށްވާ " ކާ ވޮޝް ސްކަންޑަލް" ގެ ތެރޭގައި ހިމެނޭ މައްސަލައެކެވެ.

ލޫލާއަށް އިއްވި ހުކުމް އޭނާ އިސްތިއުނާފް ކުރައްވާފައި ވާތީ އެހުކުމް އަދި ތަންފީޒު ކުރަން ނުފަށާ ގޮތަށް ކޯޓުން ވަނީ ނިންމާފައެވެ.