ހަބަރު

ޕާޓީއިން ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ހެދޭނީ ގާނޫނު އަސާސީ ބަދަލުކޮށްގެން: އިލްހާމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެބޭފުޅަކު އިންތިހާބުވާއިރު ހުންނަވާ ސިޔާސީ ޕާޓީން ވަކިވެވަޑައިގެންނެވުމުން ނުވަތަ ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ހެދޭނީ ގާނޫނު އަސާސީގައި ސާފުކޮށް އެކަން ބަޔާންކޮށްގެން ކަމަށް ދަނގެތީ ދާއިރާ މެމްބަރު އިލްހާމް އަހުމަދު ބަންޑާރަ ނައިބު މުޙައްމަދު އަނިލް އަށް ދަންނަވައިފިއެވެ.

ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ މާނަކުރަން ދައުލަތުން ސުޕްރީމްކޯޓަށް ހުށަހަޅާފައި ވާތީ ބަންޑާރަ ނައިބަށް އިލްހާމް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ ދުނިޔޭގެ ބައެއް ގައުމުތަކުގައި އެގޮތަށް އަމަލު ކުރަނީ ގާނޫނު އަސާސީގައި އެގޮތަށް ބަޔާންކޮށްގެން ކަމަށެވެ.

ދައުލަތުގެ ފަރާތުން ބަންޑާރަ ބަންޑާރަ ނައިބު މުޙައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަަނީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެސް އެގޮތަށް އަމަލު ކުރާ ކަމަށެވެ. އަދި މިސާލެއްގެ ގޮތުގައި އަވަށްޓެރި އިންޑިއާއާއި ބަންގްލަދޭޝްގެ ނަން ފާހަގަ ކުރައްވާފައި ވެއެވެ.

އިލްހާމްގެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އެ ދެގައުމުގައި ވެސް އެގޮތަށް އަމަލުކުރަނީ ސުޕްރީމްކޯޓުން ގާނޫނު އަސާސީ މާނަކޮށްގެން ނޫން ކަމަށާއި ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ކަމަށެވެ.

"އެހެންކަމުން މީ ވަރަށް ސާފު ސީދާ މައްސަލައެކެވެ. ޕާޓީން ވަކިކުރުމުން ނުވަތަ ވަކިވުމުން ގޮނޑި ގެއްލޭ އުސޫލު ތައާރަފް ކުރަން ބޭނުންވާ ނަމަ އެވާހަކަ ކަނޑައެޅިގެން ގާނޫނު އަސާސީގައި އެއްވެސް އޮޅުމެއް ނާރާ ގޮތަށް އޮންނަން ވާނެއެވެ،" އިލްހާމްގެ ސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ.

ގައުމީ މަސްލަހަތަށް އިސްކަންދީގެން ޕާޓީތަކުގެ ވިޕްލައިނާ ހިލާފަށް މަޖިލީހުގައި މަސައްކަތް ކުރުމާއި ޕާޓީ ދޫކޮށްލެއްވުމަކީ މެމްބަރުންނަށް އޮތް މިނިވަން ކަމެއް ކަން ގާނޫނު އަސާސީއާއި ގާނޫނުތަކުގެ މާއްދަތާ ހަވާލާ ދެއްވައި އިލްހާމްގެ ސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ. އަދި ވިދާޅުވެފައި ވަނީ ސިޓީފުޅެއް ފޮނުއްވީ ޕާޓީން ވަކިވުމުން ނުވަތަ ވަކިކުުރުމުން ގޮނޑި ގެއްލޭ ގޮތަށް ހަދައިފި ނަމަ އޭނާ ވެސް އެކަމުގެ ޝިކާރައަކަށް ވާނެތި ކަމަށެވެ.

" ދައުލަތުގެ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން މަނިކުފާނު ސުޕްރީމްކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ ނިމޭ ގޮތަކުން އަޅުގަނޑަކީ މީގެ ޝިކާރައަކަށް ވެދާނެ މީހަކަށް ވާތީ އުއްމީދީ ވިސްނުމެއްގައި މިމައުލޫމާތު މަނިކުފާނާ ހިއްސާކުރީމެވެ،" އިލްހާމްގެ ސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ.