ވިޔަފާރި

ޓީޓީއެމް ޖޮބް ފެއާ: ހަތްދިޔަ ފަސް ރިސޯޓާއެކު މިރޭ

  • ޖޮބް ފެއާގައި ވަޒީފާގެ ގިނަ ފުރުސަތު ތަކެއް
  • ވަޒީފާއަށް ހުށަހެޅޭނެ، ގިނަ ވަޒީފާ ތަކެއް
  • ސީވީ ހިފައިގެން ދިއުމުން ވަގުތުން އެޕްލައިކުރެވޭ

ގާތްގަނޑަކަށް 75 ރިސޯޓުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއެކު "ޓީޓީއެމް ޖޮބް ފެއާ" މިރޭ އޮންނާނެ އެވެ.

ނޭޝަނަލް އާޓްގެލަރީގައި މިރޭ 8-11 އަށް އޮންނަ ޓީޓީއެމް ޖޮބް ފެއާއާ ބެހޭ ގޮތުން ޓީޓީއެމް ބާއްވާ މޯލްޑިވްސް ގެޓަވޭސްގެ ޑިރެކްޓަރު އިބްރާހިމް އަރީފު ވިދާޅުވީ ޖޮބް ފެއާގައި ގިނަ އަދަދެއްގެ ވަޒީފާތައް ހުންނާނެ އެވެ.

"ހަތްދިހަ ފަސް ރިސޯޓުން ޖޮބުތައް ހުންނާނެ. ޖޮބްފެއާ ކުރިއަށްދާނީ ސީވީ ހިފައިގެން ދިއުމުން ވަޒީފާއަށް އެޕްލައި ވެސް ކުރެވޭ ގޮތަށް. މިއީ ވަޒީފާ ހޯދަން ބޭނުންވާ ކުދިންނަށް ލިބޭނެ ރަނުގެ ފުރުސަތެއް،" އަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޖޮބްފެއާއަށް ދާ ކުދިންނަށް ކުރިއަށް ހުސްވާ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

ޓީޓީއެމް ފެއާގައި މިއަދު ކުރިއަށްދާނީ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ ބައްދަލުވުން ތަކެވެ. އަދި މިރޭ މާލޭގައި ވަޒީފާގެ ފެއާ ކުރިއަށްދާއިރު ހުދުރަންފުށި ރިސޯޓުގައި "ޓީޓީއެމް ގާލާ ނައިޓް" އޮންނާނެ އެވެ.

ޓީޓއެމް ފެއާ ބާއްވަނީ ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުމަށެވެ. މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިސްވެރިންނާއި 50 ނޫސްވެރިން އަދި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރި ވާނެ އެވެ. މީގެ އިތުރުން މި ފެއާއަކީ އެމްއެމްޕީއާރްސީ އާއި މަޓާޓޯ އަދި މަޓީ ފަދަ ޖަމިއްޔާތައް އެންޑޯޒްކޮށްފައިވާ ފެއާ އެކެވެ. މިފެއާގެ މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.