(11 ޖުލައި 2017 އާ ގުޅޭ)
"ތިކަން އަޅުގަނޑަށް ދޫކޮށްލާ. ލޫކްއަށް ކަމުދާ ފަދަ ކުއްޖަކު އަޅުގަނޑު ހޯދާނީ" ރަކި ހީނލުމަކާއެކު ރުބީނާ ބުންޏެވެ. އަދި އޭނާގެ މޫނު ޤައިސްގެ މެޔާދިމާލުން ފޮރުވާލިއެވެ.
ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ރުބީނާ ނުނިދިފައި އޮތީ ލޫކަންގެ މައްޗަށް ކުރި ހޯދާނޭ ރޭވުންތައް ރާވާ އެކަމާ ޚިޔާލު ކުރުމުގައެވެ. އެހެން އޮތް އިރު އޭނާއާއި ހިދާއާ ދެމެދުގައި ދެކެވުނު ވާހަކަތަކާ މެދު ވެސް ވިސްނިއެވެ. އައިރާ އެހެންތަނެއްގައި ބަހައްޓައިފިނަމަ ލޫކަންއަށް ކުރެވޭނޭ އެއްވެސް ކަމެއް ނޯންނާނޭ ރުބީނާގެ ހިތަށް އަރަމުންދިޔައެވެ. އެކަމަކު އައިރާ އެކަނި އޭނާއަށް ނުފެންނަ ހިސާބެއްގައި ބަހައްޓަން ޖެހިލުންވެއެވެ. އޭނާއާ ދުރުގައި އައިރާ ހުރުމުން ފަހަރެއްގައި އެ އަންހެންކުއްޖާ ފިލާފާނެތީއެވެ. ނޫނީ އަމީރުމެން ހޯދަން މަސައްކަތްކޮށްފާނެތީއެވެ. އަމީރަށް މި އިން އެއްވެސް ކަމެއް އެނގިއްޖެނަމަ ވަގުތުން އައިރާ ގެންދާނެކަން ޔަގީނެވެ. އެހެންވެއްޖެނަމަ ރުބީނާއަށް ނިޔާނުގެ ދަރިފުޅު ވެސް ގެއްލުނީއެވެ. މިހާރު އޭނާގެ ވިސްނުން ހުރި ގޮތުންނަމަ އައިރާ ވިހެއުމުން އޭނާގެ ދަރިފުޅު ބަލާނީ ޚުދު ރުބީނާއާއި ޤައިސްއެވެ. ދަރިއަކު ބަލަން ފެށުމުން ޤައިސްގެ ހިތުގައި ދަރިކުލުނު އުފެދި ރުބީނާގެ ފަރާތުން ވާރިޘެއް އެގެއަށް އުފަންވެދާނެއެވެ. އެހެންވެއްޖެނަމަ ޤައިސްގެ މުއްސަނދިކަމުގައި އޭނާއަށް އެންމެ ފުރިހަމަ ގޮތުގައި ބައިވެރިވެވުނީއެވެ. ލޫކަންއަށް ވެސް އޭރުން ކުރެވޭނޭ މާބޮޑުކަމެއް ނޯންނާނެއެވެ. ޚިޔާލުތަކުގެ މޮޅުކަމުން ރުބީނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ހީނގަންނަން ބޭނުންވި ނަމަވެސް ދެތުންފަތް ޖައްސާ ބާރުކޮށްލީ ގާތުގައި ނިދިފައި އޮތް ޤައިސްއަށް ހިލަމެއް ވެދާނޭތީއެވެ.
* * * *
ހެނދުނުގެ ވަގުތެވެ. ސައިބޯހިތް ނެތިފައި ހުރި ލޫކަން ހޮސްޕިޓަލަށް ދިއުމަށް ތައްޔާރުވަމުން ދިޔައެވެ. އޭނާގެ ހިތާއި ސިކުނޑީގެ ހަމަޖެހުން ނަގާލާފައި ވަނީ ރުބީނާއެވެ. ހަމައެއާއެކު އައިރާއާ މެދު ވެސް އޭނާ ހުރީ ކަންބޮޑުވެފައެވެ. ރުބީނާ ދެން ނަގާނީ ކިހާވަރެއްގެ ފިޔަވަޅެއްކަން ނޭނގޭތީ އެކަމާ އިންތިހާއަށް ލޫކަން ހާސްވެއެވެ. ކޮޓަރިން ނުކުމެ ތިރިއަށް ދެވެން ހުރި ސިޑިން ބޮޑުކޮޓަރިއަށް ލޫކަން ފޭބިއެވެ. ތިރީހަރުފަތް ކައިރީ މަޑުކޮށްލި ގޮތަށް ލޫކަން ހުއްޓެވެ. އޭނާގެ މޫނުމަތިން ވެސް ކޮންމެވެސް ކަމަކާ ވިސްނާކަން ފާޅުވޭވޭ ހުއްޓެވެ. ލޫކަންގެ މިސްރާބު ބޮޑުކަޓަރިން ނުކުންނަން ހުރި ދޮރާދިމާއަށް ބަލާލާފައި ބަދަލުކޮށްލީ ބަދިގެއާ ދިމާއަށެވެ. ޚާދިމުން އުޅޭ ބަޔަށް އޭނާ ދިއުމަށް ޓަކައި ކާކޮޓަރިއަށް ވަންއިރު ނަސީބު ވަރަށް ރަނގަޅެވެ. އޭނާ ދެ ޚިޔާލެއްގައި ސިޑިކައިރީ މަޑުކޮށްލެވުނީ ހެނދުނުގެ މިވަގުތު ޤައިސް ސައިބޯން އިންނާނޭ ހިތައް އަރާފައެވެ. ކާކޮޓަރީގެ ހުސްކޮށް ހުރި ގޮނޑިތައް ފެނި ހަލުވިކޮށް ލޫކަން ބަދިގެ ފަރާތުގައި ހުރި ދޮރުން ނުކުމެ ޚާދިމުން އުޅޭ އިމާރަތައް އައިސް ވަދެއްޖެއެވެ. އޭނާއަށް ހުޅުވާފައި ހުރި އައިރާގެ ކޮޓަރީގެ ދޮރުން އެތެރޭގައި ދެ މީހަކު ވާހަކަދައްކާ އަޑު އިވުނެވެ. އެހެންވެ މަޑުމަޑުން ސިއްރުން ކަހަލަ ގޮތަކަށް އައިސް ދޮރުކައިރީ ހުއްޓިލިއެވެ.
"އެއްކަލަ ބުލޫ ހެދުން ވެސް ހަލާކުވީތަ؟ އެއީ އައިރާއާ އެންމެ ގުޅޭ ހެދުން" އައިރާއަށް އަލަމާރިތެރެ ތަރުތީބުކުރުމުގައި އެހީވަމުން ކެތުލީނު ބުންޏެވެ.
"ފަހުން ވެސް އެކަހަލަ ހެދުމެއް ލިބިދާނެ. ހުރިހާ ހެދުމެއް ހަލާކެއްނުވެއެއްނު. އެވެސް ނަސީބެއްނު" އައިރާ ދެރަވި ނަމަވެސް އެކަން ނުދައްކާ ވޭތޯ އޭނާ މަސައްކަތްކުރިއެވެ. ހަޤީޤަތުގައި އޭނާ ދެރަވަނީ އަތުގައި ލާނޭ ހެދުންތަކެއް ނެތިގެނެއް ނޫނެވެ. ރުބީނާ އޭނާއޭ ކިޔައިގެން ދައްކާ ހުތުރު ވާހަކަތައް ލޫކަންގެ ފަރާތުން އިވުމުންނެވެ. ރުބީނާގެ ހިތުގައި އޭނާއާ މެދު އޮތީ ކީކޭކަން ސާފުވުމުންނެވެ. މިއަދު ނިޔާނު ހުރި ނަމަ އޭނާގެ މަންމަ ހައްދުފަހަނަ އަޅައިގެން ދިޔަކަ ނުދޭނެއެވެ. އައިރާގެ ގައިގާ ކޫރުމެއްހާ ހިސާބު ވެސް އެޅުނަ އޭނާ ނުދިނީހެވެ.
"އޭތް! މީ ކޯއްޗެއް؟ ލެޕްޓޮޕެއް؟ މީ އައިރާ ކުރީން ގެންގުޅުނު ލެޕްޓޮޕްތަ؟ އަހަރެން ހީކޮށްގެން މިހުންނަނީ ރުބީނާ އޭރު ފޯނާ އެއްޗެހި ހަލާކުކޮށްލިއިރު މި ވެސް އައިރާ އަތުން ގެންދިޔައީކަމަށް" އަލަމާރިތެރޭ އޮތް ލެޕްޓޮޕް ނަގައިގެން ހުރެ ކެތުލީނު ވާހަކަދެއްކީ ހައިރާންކަމާއެކުއެވެ.
"ކޭޓް! އަހަރެންގެ އަތުގައި ނިޔާނުގެ އެއްޗަކަށް މިހާރު އޮތީ ތި ލެޕްޓޮޕް. ރުބީނައަށް އެނގިއްޖެއްޔާ ތިވެސް އޭނާ ހަލާކުކޮށްލާނެ. ތީގެ ވާގަޑު އޭނާވީ ގެންގޮސްފަ. ލެޕްޓޮޕް ނުފެނުނީމަ ނުގެންދެވުނީ. ޗާޖުކުރެވޭނޭ ގޮތެއް ނެތީމަ ތިވެސް ތިހެން ބާއްވަން ޖެހެނީ. އެހެންވިޔަސް ތީ ނިޔާނު ގެންގުޅުނު ލެޕްޓޮޕް. އަހަންނަށް ތި ފެންނަން އޮތަސް ފުދޭ" އައިރާ މިހެންބުނެ ކެތުލީނުގެ އަތުން ލެޕްޓޮޕް ނެގިއެވެ.
ދޮރުކައިރީ ހުރިހާ މަންޒަރެއް ބަލަން ހުރި ލޫކަންއަށް އައިރާގެ މޫނުގައިވާ އަސަރު ފެނި ހިތައް ތަދުވިއެވެ. ނިޔާނު ނެތްނަމަވެސް އައިރާ އޭނާދެކެ ލޯބިވާވަރު ފެނިފައެވެ. އެފަދަ ލޯތްބެއް ޚުދު ލޫކަންދެކެ އައިރާ ވާން އޭނާގެ ހިތް އެދެނީއެވެ. އަމިއްލަ ހިތުގައި އައިރާއަށް ދެވިފައިވާ މަޤާމު އައިރާގެ ހިތުން ލިބުމަށް އެދެވެނީއެވެ. ދެ ލޯ މަރާލުމާއެކު ފިނިނޭވާއެއް ލޫކަންއަށް ބޭރުކޮށްލެވުނެވެ. އަދި އެނބުރި އޭނާ އައިކޮޅަށް ހިނގައިގަތެވެ.
* * * *
މަސައްކަތުގައި ލޫކަން އުޅުނުއިރު އޭނާއަށް ފިކުރުތަކާ ދުރަށް ދެވޭގޮތްވިއެވެ. އެހެންނަމަވެސް އައިރާގެ ޚިޔާލުތަކުން މުޅީން މިންޖުވެވޭގޮތެއްނުވެއެވެ. ޒޭންގެ ގާތުގައި އައިރާގެ ހުރިހާ ހަޤީޤަތެއް ލޫކަން ހާމަކުރިއެވެ.
"އަހަންނަށް ފެންނަނީ އައިރާ އަހަރުމެންގެއަށް ގެންނަން. އޭނާގެ މޫނުމަތިން ފެންނަ އަޖައިބެއްފަދަ އަސަރުތަކަކީ ސްޓްރެސްކަން ޔަގީން. ބަސްމަދުވުމާއި އަބަދު ފެންކަޅިވެފައި ހުންނަހެން ހީވުމަކީ އޭނާ އުފާވެރިނޫންކަމުގެ ރަމްޒެއް. އޭނާ ތިގެއިން އެހެން ތަނަކަށް ގެންދޭ ލޫކް. ވިހަން ކައިރިވެފައި އިންއިރު ސްޓްރެސްއަކީ އައިރާއާއި ބޭބީއަށް ވެސް ރަނގަޅު އެއްޗެއްނޫން. އެކަން ލޫކަށް އެނގޭނެ"
"އައިރާގެ ނުރުހުމުގައި އެއްވެސް ކަމެއް ކުރާކަށް އަހަރެން ބޭނުމެއްނޫން. އެކަމަކު ބައެއްފަހަރު ހިތަށް އަރާ އައިރާ ކޮންމެ ގޮތަކަށް ހީކުރި ނަމަވެސް ހެވޭ. އައިރާގެ ހުރިހާ ކަމެއް އަހަރެން ބޭނުންވާ ގޮތަށްކޮށް ނިންމާލަންވީއޭ" މޭޒުގައި ދެއުޅަންބޮށިކޮޅު ވިއްދާލައިގެން އަތްތިލައިގައި ދަތްދޮޅު އަޅުވާލައިގެން އިނދެ ލޫކް ވާހަކަދެއްކިއެވެ.
"އައިރާއާ ގުޅުން ބަދަހިކުރާން ލޫކް މަސައްކަތްކޮށްގެން އޭނާ ރުއްސޭނީ. އޭނާއަށް ބޭނުންވާނޭހެން ހީވާ ހުރިހާ ކަމެއް ލޫކްކޮށްދިނުމުން އެކަމުން ގޯހެއް އަހަންނަކަށް ނުވިސްނޭ. އަދިވެސް ބޮޑަށް އައިރާއަށް ޔަގީންކަން ދޭންވީ އޭނާއާއެކު ލޫކް ހުރިކަން. އެހެންވީމަ އެއްވެސް ކަމަކާ އައިރާ ބިރު ނުގަތުމަށް. އެކަމަކު ބުނަން... ތި ރުބީނާއަކަށް ލޫކް ވަރަށް ވިސްނަން ޖެހޭނެ. ވަރަށް ހުޝިޔާރުވާންޖެހޭނެ" ލޫކަންގެ މޭޒު ކައިރިއަށް ގޮނޑި ޖައްސާލައިގެން އިނދެ ޒޭން ވާހަކަދެއްކިއެވެ.
ޑިއުޓީ ނިންމާފައި އޮންކޯލުގައި މަޑުކުރާކަށް ލޫކަން މިއަދު ބޭނުމެއްނުވިއެވެ. އޭނާއާއި ޒޭންގެ ދެމެދުގައި ބަދަލުކުރެވުނު ޚިޔާލުތަކާއެކު ލޫކަށް ރަނގަޅު ޚިޔާލެއްވަނީ އައިސްފައެވެ. އެހެންވެ އޭނާގެ ބޭނުމަކަށްވީ ޤައިސްއާ ބައްދަލުކުރުމެވެ. މާލެއިން ޤައިސްއާ ބައްދަލުކުރުމުން ރުބީނާގެ ނުފޫޒުން ސަލާމަތްވާނެއެވެ.
"މިހާރު މީޓިން ނިމެނީ. ދަރިފުޅު ޚިޔާރުކުރާ ތަނެއްގައި މަޑުކޮށްލާ. މީޓިން ނިންމާފައި އެތަނަކަށް ބައްޕަދާނަން. ޚިޔާރުކުރާތަނެއް މެސެޖުކޮށްލައްޗޭ" ޤައިސްއަށް ގުޅުމުން ފޯނު ނުނަގާތީ ލޫކަން ކުރީ މެސެޖެކެއެވެ. އޭނާގެ މެސެޖަކަށް ޤައިސް ވަގުތުން ޖަވާބު ފޮނުވިއެވެ. އެއާއެކު ލޫކަން ދެބަފައިންނަށް ހަމަޖެހިލައިގެން ވާހަކަދައްކާލަން ތިބެވޭނޭތަނެއް ޚިޔާރުކުރީ ކާރުގައި އިން ޑްރައިވަރުގެ އެހީގައެވެ.
މޭޒުދޮށުގައި ކޮފީއެއް ބޯން ލޫކަން އިނެވެ. އެ މޭޒުގެ ދޮށަށް ޤައިސް އައިސް މަޑުކޮށްލުމާއެކު ލޫކަން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
"ޑޭޑް ބޭނުންއެއްޗެއް ބުނަންވީނު" ޤައިސްއާއެކު އެކީހެން މޭޒު ދޮށަށް އައިސް ހުއްޓިލި ވެއިޓަރަށް ބަލާލާފައި ލޫކަން ބުންޏެވެ.
"ލޫކް އެއްޗެއް ކައިގެންތަ ތި އިނީ" އޯޑަރު ދިނުމުގެ ކުރީން ޤައިސް އަހާލިއެވެ.
"މިވަގުތު ކޮފީއެއް ހަމަ އެންމެ ރަނގަޅީ" ލޫކަން ބުނެލިއެވެ.
"އެހެންވީރު ބައްޕައަށް ވެސް ދަރިފުޅު ތި ބޯ ވައްތަރުގެ ކޮފީއެއް" ޤައިސް އެހެން ބުނުމުން ލޫކަން ވައިޓަރަށް ބަލާލާފައި އޯޑަރު ދިނެވެ.
"ކޮންވާހަކައެއް ދައްކަންތައް ކުއްލިގޮތަކަށް އަންނާށޭ ބުނީ. ކީއްވެތަ ބައްޕަ އޮފީހަށް ނައީ" ދެބަފައިން އެކަނިވުމުން ޤައިސް ފުރަތަމަ ވާހަކަ ފެށިއެވެ.
"މިކަހަލަ ހުޅުވިފައިވާ މާޙައުލެއްގައި ތިބެ ވާހަކަދައްކާލަން ހަމަ ބޭނުންވީ. ޑޭޑް... އަޅުގަނޑު ކަމަކަށް އެދެފިއްޔާ އެކަމެއް ކޮށްދޭނަންތަ؟"
"މިހާތަނަށް ބައްޕައަށް ވާވަރުކަމެއްނަމަ ކޮށްދިނީމެއްނު. ކީއްވެތަ ހަމަ އެއްސުވާލެއް މާގިނައެއްކޮށް ތި އަހަނީ؟ ބައްޕައަށް ނުކޮށްދެވޭނެހެން ހީވަނީތަ؟" ލޫކަންގެ މޫނުމަތީގައިވާ އަސަރުތައް ދެނެގެނަން ޤައިސް މަސައްކަތްކުރިއެވެ.
"އަޅުގަނޑުގެ އުފަންދުވަސް އަންނަނީނު. އެހެންވެ އުފަންދުވަހުގެ ހަދިޔާއަށް އެދޭންވެގެން"
"އޯ! ހެ ހެ ހެ ހެ.... ބައްޕަ ހަނދާން އެބަހުއްޓޭ" ޤައިސް ހިނިއައެވެ.
"މިފަހަރު ތަންކޮޅެއް ބޮޑު ހަދިޔާއެއް ބޭނުންވާތީ. ކުރީބައިގައި ބުނަން ބޭނުންވީ"
"އަވަހަށް ބުނޭ. މިހާރު ތި ހަދިޔާއަކީ ކޮބާކަން އެނގެން ވަރަށް ބޭނުންވެއްޖެ" ހިނިއައިސްފައި އިނދެ ޤައިސް ބުންޏެވެ. އެވަގުތު ވައިޓަރު އައިސް ކޮފީތަށި މޭޒުމަތީ ބެހެއްޓިއެވެ. އޭނާ ދަންދެން ދެބަފައިން މަޑުކޮށްލައިގެން ތިއްބެވެ.
"އަޅުގަނޑު ބޭނުންވަނީ ގެއެއް. ހުޅުމާލެއިން ގެއެއް... އަޅުގަނޑުގެ އަމިއްލަ ގެއެއް" ލޫކަންގެ ވާހަކަ އަހާފައި ޤައިސް ވަރަށް ހައިރާންވިއެވެ.
"ކީއްކުރާ ގެއެއް؟ ބައްޕަ އަޅާފައި އެ ހުރި ގެއަކީ ހަމަ ލޫކްގެ ގެއެއްނު. އެގޭގައި ލޫކްއަށް ދަތިވާ ކަމެއް އޮތީތަ؟" ސުވާލުތަކުން ޤައިސްގެ ސިކުނޑި ފުނިޖެހުނެވެ.
"ޑޭޑް ޕްލީޒް... އަޅުގަނޑު އެގޭގައި ދިރިއުޅެން ނިންމީއެއްނޫނެއްނު. އެހެން ބޭނުމަކު ވެސް ގެއެއް ހޯދަފާނެއެއްނު. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ އަމިއްލަ ބިމެއް. އެ ބިމުގައި އަޅުގަނޑު ބޭނުންވާ ފަދަ ގެއެއް އަޅާން. ޕްލީޒް ޑޭޑް... މިފަހަރު އުފަންދުވަހުގެ ހަދިޔާއަކަށް އެ ނޫން އެއްޗެއް ބޭނުމެއްނޫން" ލޫކަންގެ މޫނުމަތިން ފެނިގެން ދިޔަ ސީރިއަސްކަމާއެކު އެ ދަރިފުޅު އެވަނީ ގޮތެއް ނިންމާފައިކަން ޤައިސްއަށް ޔަގީންވިއެވެ. ބުނާނޭ އެއްޗެއް ނޭނގިފައި އިރުކޮޅަކު ޤައިސްއަށް އިނދެވުނެވެ.
"ބައްޕަ އެއްވެސް އިރަކު ބޭނުމެއްނުވޭ ބައްޕައާ ވަކިން ލޫކް އުޅޭކަށް. ލޫކް މީހަކާ އިނދެގެން ވެސް ބައްޕަ ބޭނުންވަނީ ބައްޕައާއެކު އެއްގެއްގައި އުޅޭން... ދެން ނޭނގެ ކީއްވެކަމެއް ދަރިފުޅު އަމިއްލަ ގެއެއް ބޭނުންވެގެން ތިއުޅެނީ"
"ޑޭޑް. ޓްރަސްޓްމީ... އަދި އެނގޭނެ. ގިނަ ދުވަހެއްނުވެ އެނގޭނެ... ޑޭޑްއަށް އަޅުގަނޑު އެއްވެސް ކަމެއް ސިއްރެއްނުކުރާނަން. އެހެންވިޔަސް މިފަހަރު އަޅުގަނޑު މި އެދުނު ހަދިޔާ އަޅުގަނޑަށް ހޯދައިދީ. ދެން ދުވަހަކު ވެސް ނޭދޭނަން އުފަންދުވަހުގެ ހަދިޔާއަކަށް"
"ދަރިފުޅު ބޭނުންވިކަމެއް ބައްޕަ ނުކޮށްދީއެއް ނުހުންނަމެއްނު. އިރާދަކުރެއްވިއްޔާ ލޫކްގެ އުފަންދުވަހުގެ ހަދިޔާ ހޯދައިދޭނަން" ހިތާއި ސިކުނޑީގައިވާ ސުވާލުތަކާއެކު ވެސް ޤައިސް ހިނިތުންވެލަމުން ބުނެލިއެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ލޫކަން ލިއެވެ.
* * * *
އެނދުގައި އޮވެއޮވެ ބުރަކަށީގައި ރިއްސާހެން ހީވެގެން އައިރާ ތެދުވިއެވެ. ކުޑަދޮރާ ދިމާއަށް ބަލާލީ އެހެންޏާ އޭނާގެ ކުޑަދޮރުގައި ޖައްސާ ދޫނިތަކުން މިއަދަށް ޚާއްޞަކުރެވިފައިވާ ދޫނި ނައީތީއެވެ. އެނދުކައިރީ ހުރި ކަބަޑުމަތީގައިވާ ހަތަރެސްކަން ކުޑަ ގަޑިއަށް ބަލާލިއެވެ. ހަތަރުގަޑި ބައިވަނީއެވެ. ރުބީނާގެ އުނދަގުލެއް ނުޖެހުނު ކަމުގައި ވިޔަސް ދެންވާނޭ ގޮތަކާ މެދު އައިރާއަށް ވަރަށް ވިސްނިއްޖެއެވެ. އޭނާ ތެދުވެގެން ފާޚާނާއަށް ވަނީ ފެންވަރާލާށެވެ. އެހެން ދުވަސް ދުވަހަށްވުރެ އޭނާ މިއަދު ކަންނެތްވެފައިވެއެވެ. އަޞުރު ނަމާދު ވެސް އަދި ނުކުރެވެއެވެ.
ފެންވަރާލުމުން މުޅި ހަށިގަނޑަށް ތާޒާކަން ވެރިވެގެން ދިޔައެވެ. އިސްތަށިގަނޑު ހިއްކަމުން ފާޚާނާއިން އައިރާ ނުކުމެ އަލަމާރި ދޮރުފަތުގައި ހުރި ލޯގަނޑުގެ ކުރިމަތީ މަޑުކޮށްލިއެވެ. އެހިނދު ލޮލުގެ ހިމަކޮޅުން ވައަތްފަރާތުގައި ހުޅުވާފައި ހުރި ކުޑަދޮރުގެ ތަންޑުގައިވާ އޮރެންޖުކުލައިގެ ކަރުދާހުން ހަދާފައިވާ ދޫނި ފެނުނެވެ. ކުޑަދޮރުގެ ކައިރިއަށް ޖެހިލާ އަވަސް އަވަހަށް އެ ދޫނި އައިރާ ނެގިއެވެ. އެވަގުތު ދޮރުގައި މީހަކު ޓަކިދިން އަޑު އިވުނެވެ. ދޫނި ހިފައިގެން އެނބުރިލިއިރު ދޮރުމަތީ ހުރީ ލޫކަންއަށެވެ.
"ސޮރީ..." އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެން ހުރި އައިރާ ފެނުމުން ލޫކަން އަވަސް އަވަހަށް އޭނާއަށް ފުރަގަސްދިނެވެ. އައިރާ ވެސް ތެޅިގަނެފައި ބުރުގާވީ ހިސާބެއް ހޯދަން އުޅުނެވެ.
"އަހަރެން ބޭރުގައި މަޑުކޮށްލައިގެން މިއިނީ" ލޫކަން މިހެން ބޭރަށް ހިނގައިގަތެވެ. އެވަގުތު އޭނާގެ ދެއަތުގައި ދެކޮތަޅު އޮތްކަން އައިރާއަށް ފާހަގަވިއެވެ. ބުރުގާ ހޯދަން ނޫޅެ އައިރާ އަވަސްވެލީ ލޫކަން ނުކުތުމުން ކޮޓަރީގެ ދޮރު ލެއްޕުމަށެވެ. (ނުނިމޭ)