ރަޝިޔާއާ އޮންނަ ގުޅުމާ ބެހޭ އިތުރު ކަންތައްތައް ހާމަވެ، ފިއްތުންތައް ކުރިމަތިވެފައި ވަނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އަނެއްކާވެސް ގައުމުން ބޭރަށް ވަޑައިގެންފިއެވެ.
ޖީ ޓްވެންޓީ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަން ޖަރުމަނަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވިތާ މަދު ދުވަސް ކޮޅަކަށް ފަހު ޓްރަމްޕް މިފަހަރު ވަޑައިގެންނެވީ ފްރާންސަށެވެ. އޭނާ ވަޑައިގެންނެވީ ފްރާންސްގެ ރައިސް އިމެނުއަލް މެކްރޯންއާ ބައްދަލުކުރައްވާ ދެގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.
ވެރިކަމަށް ވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވާ އެ ދެލީޑަރުންގެ ބައްދަލުވުމުން ހާސިލު ކުރަން ބޭނުންވާނެ ކަންތައްތަކެއް ދެފަރާތަށް ވެސް އެބަ އޮތެވެ. މެކްރޯން ބޭނުންވެވަޑައިގަންނަވާނީ ބައިނަލް އަގުވާމީ މައިދާނުގައި ފްރާންސްގެ މަގާމު މަތި ކުރުމަށެވެ. އަމިއްލަ މަސްލަހަތަށް އިސްކަންދޭ ހަރުކަށި ސިޔާސަތުތަކާ ހެދީ ވަރަށް ބޮޑަށް އެކަހެރިވެވަޑައިގެންފައިވާ ޓްރަމްޕް ބޭނުން ވެވަޑައިގަންނަވާނީ އެކުވެރިއެކެވެ.
ޓްރަމްޕާއި މެކްރޯން މަޝްވަރާ ކުރައްވާނީ ދެގައުމު ގުޅިގެން ހިންގާ އަސްކަރީ އަދި ޑިޕްލޮމެޓިކް ހަރަކާތްތަކާ ބެހޭ ގޮތުންނެވެ. ނަމަވެސް ހިޔާލުތަފާތުވުން ބޮޑު، އުނދަގޫ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަން މެކްރޯން ފަސްޖެހިވަޑައި ނުގަންނަވާނެ ކަަމަށް ފްރާންސްގެ ރިޔާސީ ގަނޑުވަރުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ބުންޏެވެ. އެފަދަ މައްސަލަ ތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން ދުނިޔޭގެ ގައުމުތަކުން ސޮއިކޮށްފައިވާ މުއާހަދާ " ޕެރިސް އެގްރީމެންޓް" އިން އެމެރިކާ ވަކިވާން ނިންނި މައްސަލައާ، ވިޔަފާރީގައި ޓްރަމްޕް ގެންގުޅުއްވާ " އެމެރިކާ ފަސްޓް" ސިޔާސަތު ހިމެނެއެވެ.
ޓްރަމްޕް ފްރާންސަށް ވަޑައިގެންނެވި އިރު އަމިއްލަ ގައުމުގައި އޭނާއަށް ވަނީ ވަރަށް ބޮޑު ފާޑުކިއުންތައް އަމާޒުވެފައެވެ. އެއީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ރަޝިޔާއިން އެހީވާން ހުށަހެޅުމުން ޓްރަމްޕްގެ ދޮށީ ދަރިކަލުން ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އެކަމަށް މަރުހަބާ ވިދާޅުވިކަން ހާމަވާ އީމެއިލްތަކެއް އަންގާރަ ދުވަހު އާއްމުވުމާ ގުޅިގެންނެވެ.