ހަބަރު

ކާމިޔާބާއި ނަސްރު ދާދި ގާތްވެއްޖެ: އެމްޕީ އިލްހާމް

Jul 13, 2017
14

ކާމިޔާބާއި ނަސްރު ލިބޭ ދުވަސް ދާދި ގާތްވެފައިވާ ކަމަށާއި ބިރުދެއްކުމާއި ބާރާއި ނުފޫޒު ބޭނުންކޮށްގެން ހާސިލް ކުރާ އެއްޗަކުން ލިބެން އޮތީ ވަގުތީ ހިތްހަމަޖެހުން ކަމަށް ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޕާޓީއިން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް އިލްހާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިރު ދައްކުމާއި ނުފޫޒު ފޯރުވައިގެން ވަގުތީ ހިތްހަމަ ޖެހުން ލިބިދާނެ ކަމަށެވެ. ނަމަވެސް ދެން އޮތީ "ވިއްސާރަ މޫސުން ނިމި" އުފާވެރި ދުވަސްތަކެއް ކަމަށާއި ކާމިޔަބާއި ނަސްރު އޮތީ ދާދި ގާތުގައި ކަމަށް އިލްހާމް ވިދާޅުވި އެވެ.

"ހިތްވަރޭ ހިތްވަރޭ ގައުމީ ޓީމަށް (އިސްލާހީ މަސައްކަތަށް) ހިތްވަރޭ،" އިލްހާމްގެ ޓްވީޓްގައިވެ އެވެ.

އޭޖީ ހުށަހެޅި ދުސްތޫރީ މައްސަލާގައި ޕާޓީ ބަދަލުކޮށްފައި ނަމަ ގޮނޑިގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ އިރު އިލްހާމް ހިމެނޭ ގޮތަށް ޕީޕީއެމްގައި ހިމެނިވަޑައިގަންނަވާ 10 މެންބަރަކު ވަނީ އެ ޕާޓީން ވަކިކޮށްދިނުމަށް އެދި ޕީޕީއެމްއަށް ސިޓީ ހުށަހަޅާފަ އެވެ. ނަމަވެސް އެ ޕާޓީން ބުނެފައި ވަނީ އެ މައްސަލާގައި އަދި ގޮތެއް ނިންމޭކަށް ނެތް ކަމަށެވެ. ނަމަވެސް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ މެންބަރުން ވަކިކުރުމަށް އެދި ޕާޓީން އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން އެކަން މަޖިލީހަށް އަންގާ ދުވަހުން ފެށިގެން މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި އެ ދާއިރާގައި އަލުން ބައި އިލެކްޝަނެއް ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.