ހަބަރު

ފާއިތުވި 84 އަހަރު ތެރޭގައި އެންމެ ރަނގަޅު ނަތީޖާ ހޯދުނީ މިދިޔަ އަހަރު: މިނިސްޓަރު

ފާއިތުވެދިޔަ 84 އަހަރު ތެރޭގައި ރާއްޖޭގައި ސްކޫލް ތައުލީމް ފޯރުކޮށްދޭން ފެށިފަހުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި އޯ ލެވެލް ޓޮޕް އެޗީވާސް އެވޯޑު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެއީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި ހޯދުނު ރެކޯޑެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ދިވެހި 48 ދަރިވަރުން ހިމެނިފައިވާ ކަމަށެވެ. އަދި އިނގިރޭސި، ހިސާބު އަދި އެކައުންޓިން އިން މުޅި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ދިވެހި ކިޔަވާކުދިން ހިމެނުނު ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އަދި މި 84 އަހަރުގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ސްކޫލް ތައުލީމަށް ގެނެވިފައިވަނީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައިކަން ފާހަގަކޮށްލާހިތްވަނީ ނުހަނު ފަހުރުވެރިކަމާއިއެކު. ހަމައެކަނި ފަސް މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް ވޭތުވެދިޔަ ތިން އަހަރު ތެރޭ 18 ޕޮއިންޓައް ވަނީ މަތިކުރެވިފައި." މިނިސްޓަރު ވިދާޅުވި އެވެ.

އެކާވީސް ވަނަ ގަރުނުގައި ވާދަވެރިކަމާއެކު ކާމިޔާބުކޮށް އުޅުމަށް ބޭނުންވާ ހަ ކަމެއް މިނިސްޓަރު ވަނީ ދަރިވަރުންނަށް ބުނެދީފަ އެވެ. މިނިސްޓަރު ވިދާޅުވީ ވަށައިގެން އެނބުރޭ ނުވަތަ ދައުރުވާ ބައިނަލް އަގްވާމީ މައްސަލަތައް ދެނެގަނެ، އެހެން ސަގާފަތްތަކުގެ މީހުންނަށް އިހްތިރާމްކޮށް އެމީހުންނާއެކު ސުލްހަ މަސަލަސް ކަންމަތީ ދިރިއުޅެން ދަސްކުރަން ޖެހޭ ކަމަށެވެ. އަދި ކޮންމެ މީހަކީ ދިރިއުޅުމުގަޔާއި މަސައްކަތުގެ މާހައުލުގައި ފައިސާއާއި ވިޔަފާރީގެ މުއާމަލާތް ކުރަންޖެހޭ ބަޔަކަށް ވާހިނދު، މުޖުތަމައުގައި މިފަދަ މުއާމަލާތްތައް ގާބިލުކަމާއެކު ކުރުމުގެ ހުނަރު ލިބިފައި ހުންނަ މީހަކަށް ވާން ޖެހޭ ކަމަށެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ ޒިންމާދާރު ރައްޔިތަކަށް ވުމަށް ބޭނުންވާ "މަދަނީ ހުނަރު" ދަސްކޮށް، މުޖުތަމައަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އިހްތިރާމުކޮށް، ތިމާގެ ފަރުދީ ޒިންމާއެއްވާކަން ދެނެގަނެ، އަބަދު ވެސް އެހެންމީހުންނަށް އިހްތިރާމުކޮށް އެމީހުންގެ ހައްގުތައް އިސްކޮށް ހިމާޔަތް ކުރަން ޖެހޭނެ ކަމަށެވެ.

ފުރިހަމަ ސިއްހަތެއްގައި ދެމިތިބުމުގެ މުހިންމު ކަމަށް އަލި އަޅުވާލުމަށްފަހު މިނިސްޓަރު ވިދާޅުވީ ކަންކަމާމެދު ވިސްނާ ފިކުރުކޮށް، އީޖާދުތަކާއި އާ ހޯދުންތައް ހޯދައި، ދިރިއުޅެމުން މިދާ ހަލަބޮލި މާހައުލުގައި ދިމާވާ މައްސަލަތަކަށް، ހައްލު ހޯދަން ބޭނުންވާ މައުލޫމާތާއި ހުނަރު ދެނެގަނެ ތަރައްގީ ކުރަން ޖެހޭ ކަމަށެވެ.

އެންމެ ފަހު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ޓެކްނޮލޮޖީއާއި މައުލޫމާތުގެ ޒަމާނުގައި ކާމިޔާބުކަމާއެކު މުއާމަލާތްކޮށް، މުވާސަލާތުކުރުމަށް ބޭނުންވާ ހުނަރު ދެނެގަނެ، މައުލޫމާތު ހިއްސާކޮށް ފޯރުކުރުމުގައި މީޑިއާ ހެޔޮގޮތުގައި ބޭނުންކުރަން އެނގެން ޖެހޭ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ހުރިހާ ކަންތައްތައްވެސް މިހާރު 2015 ވަނަ އަހަރު ތަންފީޒު ކުރަން ފަށާފައިވާ ގައުމީ މަންހަޖުގައި އެކުލަވާލާފައިވާ ކަމަށެވެ.

"މާތްﷲ ގެ ވާގިފުޅާއެކު މި މަންހަޖާއެކު ތައަުލީމީ ދާއިރާއާއި ކިޔަވަމުންދާ ދަރިވަރުން، ދަށު ސާނަވީ ތައުލީމުން ދަސްވެނިވެގެން ނުކުންނައިރު އެކުދިން ތިބޭނީ ތަހުޒީބު މުޖުތަމައަކަށް ތައްޔާރުވެފައި. މަސައްކަތުގެ ދާއިރާތަކަށް ބޭނުންވާ އަހްލާގާއި ހުނަރު އަށަގެންފައި. އަޅުގަނޑުމެންގެ ސްކޫލު ނިޒާމުގައި އިހުނެތް ކިތަންމެ ފުރުސަތެއް މިހާރު މިވަނީ ދަރިވަރުންނަށް ފަހިކޮށް ދެވިފައި" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު ރާއްޖޭގެ އެކި ހިސާބުތަކުން ޖުމްލަ 5،492 ދަރިވަރުން ސާނަވީ ތައުލީމް ނިންމާފައިވެ އެވެ.