ހަބަރު

ގާސިމްގެ ޝަރީއަތް މާދަމާއަށް ތާވަލްކޮށްފި

Jul 13, 2017
2

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް މާދަމާ ރޭ ކްރިމިނަލް ކޯޓުގައި ބާއްވަން ޝެޑިއުލް ކޮށްފި އެވެ. ހުކުރު ދުވަހު އާންމު ގޮތެއްގައި ޝަރީއަތްތައް ނުބާއްވަ އެވެ. އެއީ ކޯޓު ބަންދު ދުވަހެކެވެ.

މަޖިލީހުގެ މެންބަރުންނަށް ގާސިމް ރިޝްވަތު ދޭން މަސައްކަތް ކުރައްވާ ކަމަށް ބުނެ ދައުލަތުން އުފުލާފައިވާ ތިން ދައުވާ ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފައި ވަނީ މާދަމާ ރޭ 8:30 އަށެވެ.

ރިޝްވަތު ދިނުމުގެ ހުށަހެޅިކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުން އަދި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމަށް ތުހުމަތުކޮށް ކުރާ ދައުވާ އެވެ. އެ މައްސަލަތައް ފެށުމުގެ ކުރިން މައްސަލައާ ގުޅޭ ލިޔުންތައް މިއަދު ވަނީ ދެ ފަރާތުން ބަދަލުކޮށްފަ އެވެ.

ގާސިމްގެ މައްޗަށް އަނެއްކާ ވެސް ދައުވާ ކުރަން ޕީޖީ ކްރިމިނަލް ކޯޓަށް މައްސަލަތައް ފޮނުއްވީ އެ ތިން ދައުވާގެ އަޑުއެހުމަށް ޕީޖީގެ ވަކީލުން ހާޒިރުނުވުމުން އެ މައްސަލަތައް ކްރިމިނަލް ކޯޓުން މި ހަފްތާ ބޭރުކޮށްލުމުން އެވެ. ގާސިމްގެ މައްޗަށް ޕީޖީ އިން ދައުވާ ކުރަނީ ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި އޭނާ ދެއްކެވި ވާހަކަތަކަކާ ގުޅިގެން އެވެ. އޭނާ ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ވޯޓް ދޭ މެންބަރުންނަށް ވެދެވެން އޮތް ހުރިހާ އެހީތަކެއް ވާނެ ކަމަށާއި އަންނަ ދައުރެއްގައި މަޖިލީހަށް ހޮވައި ދިނުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.

ގާސިމްގެ މައްސަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލިތާ މާގިނައިރެއް ނުވެ ސުޕްރީމް ކޯޓުގެ އެދުމަކަށް ކަމަށް ބުނެ ޖޭއެސްސީ އިން ވަނީ އެ ކޯޓްގެ އިސްގާޒީ އަދި ގާސިމްގެ މައްސަލަ ބެލި ބެންޗްގައި އިސްކޮށް ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފު ޖުވަނައިލް ކޯޓަށް ބަދަލުކޮށްފަ އެވެ.