ހަބަރު

ހުކުމުގެ ސަބަބުން މަސީހުގެ ވޯޓަށް އަސަރެއް ނުކުރާނެ: އިދިކޮޅު

އިންތިހާބު ކުރާ ޕާޓީއިން ވަކިކޮށްފި ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޮޓުން މިއަދު ކުރި ހުކުމުގެ ސަބަބުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލައަށް އަސަރެއް ނުކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

އެޓާނީ ޖެނަރަލް އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި ކޯޓުން ކުރި ހުކުމާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ހުކުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ ބަދަހި ގުޅުމަކަށް ކުޑަވެސް ގުޑުމެއް ނާރާނެ ކަމަށާއި އަދި މަޖިލީހުގައި މެންބަރަކު ލާ ވޯޓެއްގެ ސަބަބުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ވެސް ހުކުމުގައި ބުނެފައި ނުވާ ކަމަށެވެ. އެހެންކަމުން ހުކުމާ ގުޅިގެން މަސީހުގެ އިތުބާރު ނެތް މައްސަލައަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"މަޖިލީހުގެ އަމީންއާމް ރައީސް އަދި ނައިބު ރައީސް އަށް ގޮވާލަނީ [މަސީހުގެ އިތުބާރު ނެތް] މައްސަލަ މުއްދަތުގެ ތެރޭގައި އެޖެންޑާ ކޮށްދިނުމަށް. މި ޖުލައި 24 ވަނަ ދުވަހު އެ މައްސަލަ އެޖެންޑާ ކުރަން ޖެހޭ. އަޅުގަނޑުމެން މި ތިބީ ހަމަ އެގޮތުގައި. ޕެޓިޝަނުގައި ސޮއި ކުރި މެންބަރުންނާއި ވޯޓު ދިން މެންބަރުން ހުރީ އެގޮތުގަ. އެޖެންޑާ ކުރާ ދުވަހު މަސީހު ވަކިވެގެން ދާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމް އިދިކޮޅުގައި ތިބި ވަކީލުން ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހުކުމް އަލުން އަނބުރާ ރިވިއު ކުރަން ފެންނަ ނަމަ އެ ގޮތަށް ހުށަހަޅާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވިދާޅުވީ ކޯޓުގެ ހުކުމަށް ޕީޕީއެމްއިން ވަކިވެވަޑައިގަތް އެއްވެސް މެންބަރަކު ފަހެއް ނުޖެހޭނެ ކަމަށާއި މަސީހުގެ މައްސަލާގައި ކުރިޔަށް ވަޑައިގެން ވޯޓު ދެއްވާނެ ކަމަށެވެ. އަދި ގޮނޑި ގެއްލުމަކީ އެކަމަށް ވާން ޖެހޭ ގުރުބާނީ އެއް ނަމަ އެ ގެއްލެން ވެސް އެ މެންބަރުން ތައްޔާރަށް ތިބި ކަމަށް ފާރިސް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޖުމްޖޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މެންބަރުންނަށް ލިބޭ ގެއްލުމަށް ބަދަލު ދިނުމަށް އިދިކޮޅު ލީޑަރުން ތައްޔާރަށް ތިއްބެވި ކަމަށެވެ. އެގޮތުން ގޮނޑިއެއް ގެއްލިޖެ ނަމަ އެންޑޯޒްކޮށްގެން އެ ހޯދަން މަސައްކަތް ކުރާނެ ކަމަށާއި އަދި ވިޔަފާރިއަށް ޖެއްސުން ކުރާނަމަ އިދިކޮޅަށް ކާމިޔާބުވާ ދުވަހަކުން އެ ގެއްލުމުގެ ބަދަލު ދޭނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެން ކުރިން ޖޭޕީގައި ތިބި މެންބަރުން ޕީޕީއެމްއިން ކެނޑިގެން އަލުންގުޅިވަޑައިގަތުމަށް އަދި އެމްޑީޕީގައި ކުރިން ތިބި މެންބަރުން ވެސް މަސީހާ ދެކޮޅަށް ވޯޓު ދޭން،" ރިޔާޒް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ޕާޓީއިން ބަދަލުވެއްޖެ ނަމަ އަދި ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަވެސް މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި އެންޓި ޑިފަމޭޝަން ގާނޫނެއް ވެސް ތައްޔާރުކޮށް އެކަމާ ބެހޭ އުސޫލުތައް ކަނޑައެޅުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.