ހަބަރު

މަރުހަބާ! "މާސްޓާ އޮފް ސީޒަނިން"ގެ ފައިނަލަށް ޝެފް ފަތީން

ބޭރުގެ ބްރޭންޑެއް ކަމަށްވާ، ކޯނާއިން މުޅި މެދު އިރު މަތީގެ ސަރަހައްދުގެ ގައުމުތަކަށް ހުޅުވާލައިގެން ބޭއްވި "މާސްޓާ އޮފް ސީޒަނިން" މުބާރާތުގައި އެކި ގައުމުތަކާ ވާދަކޮށް، ރާއްޖޭގެ އެންމެ މޮޅު އެއް ޝެފް އަހުމަދު ފަތީން ފައިނަލަށް ގޮސްފި އެވެ.

ހޮޓަލް އޭޝިއާ ކަލިނަރީ ޗެލެންޖުގައި ތިން ފަހަރަށް އެންމެ މޮޅު ޝެފް ކަން ހޯދަފައިވާ ފަތީން ފައިނަލަށް ދިޔައި "ޓްރިއޯ އޮފް މީޓްސް" ނަމަކަށް ކިޔާ ރަހަ މީރު އަމިއްލަ ޑިޝްއެއް ތައްޔާރުކޮށްގެނެވެ. އެ ޑިޝްގައި ފަތީން ރަހަތަތައް ބޭނުންކޮށްފައި ހުރި އަމިއްލަ ގޮތްތަކާއި ތަފާތު ކަމުން ދުބާއީގެ ޖަޖުންގެ ކޮމިޓީއަކަށް އެ ޑިޝް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފަ އެވެ. އަދި މާސްޓާ އޮފް ސީޒަނިންގެ ފައިނަލަށް ޝެފް ފަތީން ވަނީ ހޮވިފަ އެވެ.

މާސްޓާ އޮފް ސީޒަނިން އިން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 1000 ޔޫރޯގެ އިތުރުން ދުބާއީގައި ބާއްވާ އެންމެ ބޮޑު ކެއްކުމުގެ މުބާރާތް ކަމަށްވާ "ބްލެކް ބޮކްސް ކަލިނަރީ ޗެލެންޖު" ގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކޯނާ ޕްރޮޑަޓްސްގެ ފަރާތުން ލިބެ އެވެ. އެ މުބާރާތުގައި މާސްޓާ ޝެފްގެ ކްލާސްތައް ވެސް ނަގާދޭނެ އެވެ.

"އަޅުގަނޑަށް މިހާ ހިސާބަށް އާދެވުމަކީ ވެސް ވަރަށް ބޮޑު އުފަލެވެ. އަޅުގަނޑުގެ ސަޕޯޓަރުންގެ ވޯޓުތަކާ އެކު އެހާ ބޮޑު މުބާރާތެއްގައި ރާއްޖެ ތަމްސީލު ކުރުމަށް ދުނިޔޭގެ އެހެން ދިމާލަކަށް ދިޔުމަކީ ލިބޭ ބޮޑު ފަހުރެއް،" ފަތީން ވިދާޅުވި އެވެ.

ދުބާއީގައި ބާއްވާ ބްލެކް ބޮކްސް ޗެލެންޖަކީ ދުނިޔޭގެ އެންމެ މޮޅެތި ޝެފުން ބައިވެރިވާ މުބާރާތެކެވެ. އެ މުބާރާތުގައި ކޮންމެ ޝެފެއް ކައްކަން ޖެހޭނީ މުބާރާތް ބާއްވާ ފަރާތުން ދައްކާލާ ކަޅު ފޮށިގަނޑުގައި ތެރޭގައި ހުންނަ ތަކެތި ބޭނުންކޮށްގެނެވެ. އަދި އެތަކެތި ބޭނުންކޮށްގެން އެންމެ މީރު އަދި އެންމެ ރީތި ޑިޝް ތައްޔާރު ކުރާ ފަރާތަށް އެ މުބާރާތް ކާމިޔާބު ކުރެވުނީ އެވެ.