ހަބަރު

މިރެއަށް ތާވަލު ކުރި ގާސިމްގެ ޝަރީއަތް ކެންސަލްކޮށްފި

Jul 14, 2017
10

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މައްޗައް ދައުލަތުން އުފުލާަފައިވާ ދައުވާތަކާ ގުޅިގެން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީއަތް ކެންސަލްކޮށްފި އެވެ.

ގާސިމްގެ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފަައި ވަނީ މިރޭ 8:30 އަށެވެ. ނަމަވެސް މިއަދު އެ ޝަރީއަތް ވަނީ ކެންސަލްކުރިކަން އަންގައިފަ އެވެ. ގާސިމްގެ މައްޗައް ކުރާ ދައުވާތަކާ ގުޅޭ ލިޔުންތައް އިއްޔެ ވަނީ ދެ ފަރާތުން ބަދަލުކޮށްފަ އެވެ. އެ ދައުވާތަކަކީ ރިޝްވަތު ދިނުމުގެ ހުށަހެޅިކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުން އަދި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމަށް ތުހުމަތުކޮށް ކުރާ ދައުވާ އެވެ.

ގާސިމްގެ މައްޗަށް އަނެއްކާ ވެސް ދައުވާ ކުރަން ޕީޖީ ކްރިމިނަލް ކޯޓަށް މައްސަލަތައް ފޮނުއްވީ އެ ތިން ދައުވާގެ އަޑުއެހުމަށް ޕީޖީގެ ވަކީލުން ހާޒިރުނުވުމުން އެ މައްސަލަތައް ކްރިމިނަލް ކޯޓުން މި ހަފްތާ ބޭރުކޮށްލުމުން އެވެ. ގާސިމްގެ މައްޗަށް ޕީޖީ އިން ދައުވާ ކުރަނީ ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި އޭނާ ދެއްކެވި ވާހަކަތަކަކާ ގުޅިގެން އެވެ. އޭނާ ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ވޯޓް ދޭ މެންބަރުންނަށް ވެދެވެން އޮތް ހުރިހާ އެހީތަކެއް ވާނެ ކަމަށާއި އަންނަ ދައުރެއްގައި މަޖިލީހަށް ހޮވައި ދިނުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.

ގާސިމްގެ މައްސަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލިތާ މާގިނައިރެއް ނުވެ ސުޕްރީމް ކޯޓުގެ އެދުމަކަށް ކަމަށް ބުނެ ޖޭއެސްސީ އިން ވަނީ އެ ކޯޓްގެ އިސްގާޒީ އަދި ގާސިމްގެ މައްސަލަ ބެލި ބެންޗްގައި އިސްކޮށް ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފު ޖުވަނައިލް ކޯޓަށް ބަދަލުކޮށްފަ އެވެ.