ހަބަރު

ސިނާންގެ ގޮނޑި ގެއްލިއްޖެ ނަމަ ހޮވާ ދޭން ނިކުންނާނަން: އިބުރާ

Jul 14, 2017
15

ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ގޮނޑި ގެއްލިއްޖެ ނަމަ އަލުން ހޮވާދޭން ނިކުންނާނެ ކަމަށް އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެ އެވެ. އިބުރާ އަކީ މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މައްޗަންގޯޅީ ދެކުނު ދާއިރާއިން ސިނާނުއާ ވާދަ ކުރެއްވި ކެންޑިޑޭޓެކެވެ.

އެމްޑީޕީގެ އިސް މަގާމުތައް ފުރުއްވި އަދި މަޖިލީހުގެ މެންބަރުކަން ވެސް ގިނަ ދުވަހު ކުރެއްވި އިބްރާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިނާންއާ މިދިޔަ ފަހަރު ވާދަ ކުރި ނަމަވެސް މިފަހަރު އޭނާ ހުރީ ސިނާންއަށް ގޮނޑި ގެއްލިއްޖެ ނަމަ ހޮވާ ދޭން ކުރެވުނު މަސައްކަތެއް ކުރަން ތައްޔާރަށް ކަމަށެވެ. އެއީ ދާއިރާގެ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށް އިބުރާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ދާއިރާއަކުން އިންތިހާބުކޮށްފައިވާަ ޕާޓީއިން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. އަދި ސިނާންއާ އިތުރު ނުވަ ޕީޕީއެމްގެ މެންބަރުން ވަނީ އެ ޕާޓީ އިން ވަކިވުމަށް ސިޓީ ހުށަހަޅާފަ އެވެ. އަދި ޕީޕީއެމްއާ އަލުން ގުޅުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އެ ޕާޓީން ބުނަމުން އައި ނަމަވެސް އިދިކޮޅާ ގުޅުނު މެންބަރުން ވިދާޅުވަނީ ގޮނޑި ގެއްލުނަސް ނުގުޅޭނެ ކަމަށެވެ.

އެގޮތުން ސިނާން ރޭ ވިދާޅުވީ އިސްލާހީ މަސައްކަތުގައި ކުރިއަށް ދިޔުމެއް އާ ހިތްވަރެއް އޭނާއަށް ލިބިއްޖެ ކަމަށާއި މަރާލިޔަސް އަދި ކޮންމެ ގޮތެއް ހެދިޔަސް އޭނާގެ ނިންމުން ބަދަލެއް ނުކުރާނެ ކަމަށެވެ. އަދި ގޮނޑި ދިފާއުކުރުމަށް ވުރެ އޭނާއަށް މުހިންމީ ރައްޔިތުން އެދޭ ބަދަލުތަކަށް މަސައްކަތް ކުރުން ކަމަށް ވެސް ސިނާން ވިދާޅުވި އެވެ.

ގޮނޑިއަށް އިނތިހާބުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަން އިބުރާ ވިދާޅުވެފައިވާ އިރު އިދިކޮޅު ހަތަރު ލީޑަރުން ކަމަށްވާ، ކުރީގެ ރައީސް މައުމުން އަބްދުލް ގައްޔޫމް އާއި މުހައްމަދު ނަޝީދުއާ، ޝޭހް މުހައްމަދު އިމްރާން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ނިންމާފައިވަނީ ގޮނޑި ގެއްލޭ މެންބަރުން އެންޑޯޒްކޮށްގެން އަލުން ހޮވާ ދިނުމަށް މަސައްކަތް ކުރުމަށެވެ.