ބޮލީވުޑް

ޕްރިޔަންކާ އައިފާ އަށް ނުދިޔައީ ކީއްވެ؟

Jul 16, 2017
3

ބޮލީވުޑްގެ ފިލްމުތަކަށް ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ހަފްލާ، އިންޑިއަން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (އައިފާ) ގެ 18 ވަނަ އެވޯޑް ހަފްލާ އަށް މުޅި ބޮލީވުޑް ވަނީ ނިއުޔޯކަށް ގޮސްފަ އެވެ.

ރޭ ނިއުޔޯކްގައި އޮންނަ ކުލަގަދަ ހަފްލާއެއްގައި ވޭދުވެދިޔަ އަހަރުގެ އެންމެ މޮޅު ފިލްމުތަކާއި އެކްޓަރުންނާއި ޑައިރެކްޓަރުންނަށް އެވޯޑް ވަނީ ލިބިގެން ގޮސްފަ އެވެ.

ބޮލީވުޑްގެ ނަން މަޝްހޫރު ތަރިން އައިފާ ފަޅުފިލުވައިދޭން މިރޭ ބައިވެރިވި ނަމަވެސް މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ މި އަހަރުގެ އެވޯޑް ހަފްލާގައި ބައިވެރިނުވެ އެވެ.

ބޮލީވުޑްގެ އެންމެ ބޮޑު އެއް ހަފްލާގައި ޕްރިޔަންކާ ބައިވެރިނުވާތީ އެކަމާ އެތައް ބަޔަކު ތިބީ ހައިރާންވެފަ އެވެ. ދެވަނަ ހޮލީވުޑް ފިލްމު، "އަ ކިޑް ލައިކް ޖޭކް" ގެ ޝޫޓިް ފެށިތާ ގިނަ ދުވަހެއް ނުވަނީސް ބާއްވާ އައިފާ އެވޯޑް ހަފްލާގައި ބައިވެރިނުވެ ޕްރިޔަންކާ ވަނީ ހުކުރު ދުވަހު އެނބުރި އިންޑިއާ އަށް އައިސްފަ އެވެ.

މި އަހަރުގެ އައިފާ އަށް ޕްރިޔަންކާ ނުދިޔައީ އޭނާ އަކީ މިހާރު ހޮލީވުޑް ތަރިއެއް ކަމަށް ގަބޫލުކުރާތީ ކަމަށް އަޑުތައް އެރި ނަމަވެސް ޕްރިޔަންކާ ގާތް ފަރާތަކުން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ޕްރިޔަންކާ ގާތް ފަރާތްތަކުން ބުނެފައިވަނީ އޭނާ އައިފާ އެވޯޑް ހަފްލާ އަށް ނުގޮސް އިންޑިއާ އަށް އައީ މަންމަ މަދޫ ޗޯޕްޅާ އާ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން އުފެއްދި ދެވަނަ މަރާޓީ ފިލްމު "ކޭ ރޭ ރާސްކްލާ" ހުކުރު ދުވަހު ރިލީޒްކުރާތީ، ފިލްމުގެ ޕްރިމިއާ ގައި ބައިވެރިވުމަށެވެ.

މި ފިލްމު ރިލީޒްކުރާ ހަފްލާގައި ބައިވެރިވުމަށްފަހު ޕްރިޔަންކާ މިއަދު އިންޑިއާއިން ފުރާނެ ކަމަށްވެ އެވެ.

ޕްރިޔަންކާގެ އިތުރުން މަޝްހޫރު ތަރިންގެ ތެރެއިން އަނުޝްކާ ޝަރްމާ އާއި ޝާހްރުކް ޚާން އަދި ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް ވެސް އައިފާ އެވޯޑްގެ މިއަހަރުގެ ހަފްލާގައި ބައިވެރިނުވެ އެވެ.