ދިވެހި ސިނަމާ

"ނޯޓީ 40" ގެ އާ ޓްރެއިލާތަކެއް އަދި ޕޯސްޓަރުތަކެއް

އަހަރުގެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަންނަ "ނޯޓީ 40" އަކީ މިހާރު ދިވެހި ފިލްމު އޯޑިއަންސް އެންމެ އިންތިޒާރު ކުރަމުން އަންނަ ފިލްމެވެ. އެ ފިލްމުގެ ޓްރެއިލާތަކަށް އިންތިޒާރު ކުރާ މީހުންވެސް މަދެއް ނޫނެެވެ. އިތުރު ތިން އޮފިޝަލް ޓްރެއިލާ ރޭ ވަނީ ދޫކޮށްލާފަ އެވެ.

ޕްރޮޑަކްޝަން ޓީމުން ބުނިހެން އެ ޓްރެއިލާތަކުން ފިލްމުގެ ހުރިހާ ރަހައެއް ފެނިގެން ދެ އެވެ. އެކްޝަން، ލޯބި، ރޮމޭންސް، މިއުޒިކަލް، ސްޕައި، ކޮމެޑީ، ޑްރާމާ، ޖަޒުބާތު، އެކުވެރިކަން މިހެން ގޮސް ހުރިހާ ރަހައެއް ފެނިގެންދެ އެވެ. ޓްރެއިލާތަކުން އެއް ކަމެއް ސާފުވެއްޖެ އެވެ. ކޮންމެހެންވެސް މި ފިލްމް ބަލަން ޖެހޭނެ ކަމެވެ. ފިލްމު ބަލަން ގޮސް އޮލިމްޕަހުގައި އިނދެ ނިދާކަށް ނުޖެހޭނެ އެވެ. ފިލްމު ބަލާ ގަޑީގައި ނިދި އަންނަން ހިތަށްވެސް ނާރާނެ އެވެ.

ރޭ ދޫކޮށްލީ ފިލްމުގެ ޓްރެއިލާތައް އެކަންޏެއް ނޫނެވެ. ފިލްމުގެ ޕޯސްޓަރުތައްވެސް ވަނީ ރިލީޒްކޮށްފަ އެވެ. ވަރަށް ހިތްގައިމު ޕޯސްޓަރުތަކެކެވެ. އަދި ނޯޓީ 40 ގެ ޕްރިމިއާ ޝޯ އިން ޓިކެޓް ގަތް ފަރާތްތަކަށް އިނާމެއްގެ ގޮތުގައި ރޭ ވަނީ ނޯޓީ 40 ގެވެސް ޕްރޮޑަކްޝަން ޓީމުން މިދިޔަ އަހަރު އެންމެން ހެއްވާލި "ބައިވެރިޔާ" ބަލަން އޮލިމްޕަހަށް ދިޔަ މީހުންނަށް ނޯޓީ 40 ގެ ލަވަތަކުން ތަންތަންކޮޅު އަޑު އިއްވާލާފަ އެވެ. ރީތި ހިތްގައިމު ލަވަތަކެއް ކަމަށް ބެލެވެ އެވެ.

ނޯޓީ 40 ގެ ޓިކެޓް މިހާރު އޮލިމްޕަހުގައި ދަނީ ވިއްކަމުންނެވެ. ރޭގަނޑު އަށަކުން 10 އަކަށްވެސް އޮލިމްޕަހުގައި ޓިކެޓް ވިއްކާނެ އެވެ. އަދި މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން 12 އަށް މެންދުރު ފަހު ދެ އަކުން ހަޔަކަށް ޓިކެޓް ވިއްކާނެ އެވެ. މީގެ އިތުރުން ރޭގަނދު އަށަކުން 10 އަކަށްވެސް އޮލިމްޕަހުން ޓިކެޓް ވިއްކަމުން ދާނެ އެވެ.

އަންނަ މަހު ދެ އަކުން ފެށިގެން 17 އަށް އޮލިމްޕަހުގައި ނޯޓީ 40 ގެ 15 ޝޯ ދައްކާނެ އެވެ.

މި ފިލްމުގެ ތަރިންގެ ތެރޭގައި އަހްމަދު ސައީދު، މުހައްމަދު މަނިކު، އަލީ ސީޒަން، ޔޫސުފް ޝަފީއު، ފާތިމަތު އާޒިފާ (އަޒޫ)، ނިއުމާ މުހައްމަދު، އަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ) ހިމެނެ އެވެ. އަދި މަރިޔަމް އައްޒަ، މުހައްމަދު ރިފްޝާން (ރިއްޕެ) އަދި އުމަރު އަޝްފާގް، އަރްޝަމް، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު ޝަރީފް، ގުލިސްތާނު ވެސް ފެނިގެންދާނެ އެވެ. އަދި މާރިއާ ތެރީސާވެސް ފެނިގެންދާނެ އެވެ.