ހަބަރު

ފުވައްމުލަކުގައި މީހަކު ގެއްލިގެން ހޯދަނީ

ފުވައްމުލަކު ސިޓީ އިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުންދަނީ ދޫޑިގަން، މުހައްމަދު ޝަފީއު އެވެ. ފުލުހުން ބުނީ ރޭ 12:05 ހާއިރު ފުވައްމުލަކު ސިޓީއިން އުމުރުން 49 އަހަރުގެ ފިރިހެނެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޝަފީއުގެ އާއިލާ އިން އަަވަސް އާ ވާހަކަ ދައްކަމުން ބުނީ ޝަފީއު އެންމެ ފަހުން ފެނުނީ 9:45 ހާއިރު އޭނާގެ އަންހެނުން ގެއިން އަމިއްލަ ގެއަށް ދާން ނުކުތްއިރު ކަމަށެވެ. އެންމެ ފަހުން ފެނުނު އިރު ޝަފީއު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި ނޫ ކުލައިގެ ޖީންސެކެވެ.

"ބޭބެގެ އަންހެނުން ގޭގައި ބޭބެ އުޅޭނީ. އެގެއިން ގެއަށް ދާން ވެގެން ނުކުތީ. ދޫޑިގަން އަވަށުގައި ދެ ގެވެސް ހުންނާނީ. ރޭގައި މާލެ އައީވެސް. ބޭބެގެ ދޮން ދަރިފުޅު އޯ ލެވެލްގެ ޓޮޕް ޓެން އަށް ހޮވިގެން ޖަލްސާއަށް މާލެ އައިސްފައި،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޝަފީއުގެ އާއިލާއިން ބުނީ ގެއިން އެގަޑީގައި ނުކުމެެެގެން ދިޔައީ ފޯނު އަދި ވޮލެޓްވެސް ބާއްވާފައި ހިނގާފައި ކަމަށެވެ. ޝަފީއު އަކީ ރޭގަނޑު ދަންވަންދެން ބޭރުގައި އުޅޭ މީހެއް ނޫން ކަމަށެވެ. ޝަފީއު ގެއްލިގެން އޭނާގެ އާއިލާއިން ހޯދަން ފަށާފައިވަނީ 11:30 ހާއިރު އެވެ. ޝަފީއު އަކީ އަނގާގާ ރިސޯޓުގައި ރޫމް އެޓެންޑެންޓެއްގެ ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ. އޭނާގެ އަންބަކާއި ދަރިއަކު ދުނިޔޭގައި އެބަތިއްބެވެ.