ބޭރު ކުޅިވަރު

ބޮނޫޗީ އޭސީ މިލާނަށް

Jul 15, 2017

ޔުވެންޓަސް އަށް ކުޅެމުންދިޔަ ތަޖުރިބާކާރު ޑިފެންޑަރު ލިއަނާޑޯ ބޮނޫޗީ، އެ ކްލަބާ ވާދަވެރި އޭސީ މިލާނަށް ބަދަލުވެއްޖެ އެވެ.

ޔުވެންޓަސްގައި ހަތް އަހަރު ހޭދަކޮށް، އެ ކްލަބާއެކު ހަ ފަހަރު އިޓާލިއަން ލީގު ޗެމްޕިއަންކަން ހޯދާފައިވާ ބޮނޫޗީ ،30، މިލާނަށް ވިއްކާލުމަށް ޔުވެންޓަސް އިން އެއްބަސްވީ 40 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށެވެ. މެޑިކަލް އަށް ފަހުން ބޮނޫޗީ މިލާނާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ވާދަވެރި މިލާނަށް ބޮނުޗީ ވިއްކާލުމަށް ޔުވެންޓަސް އިން ވިއްކާލުމަކީ ގިނަ ބަޔަކަށް ހައިރާންކަމެއް ލިބުނު ކަމެކެވެ. ރިޕޯޓްތަކުން މިލާންއާއެކު ހަދާ އެއްބަސްވުމުގެ ދަށުން ބޮނޫޗީ ވެގެންދާނީ އިޓާލިއަން ސީރިއާގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ބޮނޫޗީ އަށް މިލާނުން އަހަރަކު 7.5 މިލިއަން ޔޫރޯ ދޭނެ އެވެ.

އިންޓަ މިލާންގެ ކުޅުންތެރިޔެއްގެ ގޮތުގައި ހުރުމަށް ފަހު ބޮނޫޗީ ޔުުވެންޓަސް އަށް ބަދަލުވީ 2010 ވަނަ އަހަރެވެ. ބޮނޫޗީ ވަނީ ޔުވެންޓަސް އަށް 227 މެޗު ކުޅެފަ އެވެ.

މިލާންއާ މިހާރު ހަވާލުވެފައިވާ ޗައިނާގެ ވިޔަފާރިވެރިން ވަނީ ކުރިއަށް އޮތް ސީޒަނަށް އެ ޓީމު ވަރުގަދަކުރުމަށް ކުރާ މަސައްކަތުގައި ގިނަ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. އެކަމަކު އޭގެ ތެރެއިން އެންމެ މުހިންމު ކުޅުންތެރިޔަކަށް މިހާރުވެފައިވަނީ ބޮނޫޗީ އެވެ. މިލާން އިން ވަނީ މިހާތަނަށް ހަތް ކުޅުންތެރިޔެއް އެ ކްލަބަށް ގެނެސްފަ އެވެ. އެއީ ތުރުކީގެ މިޑްފީލްޑަރު ހަކާން ޝަނޮގްލޫ އާއި މަޓެއޯ މުސަޗިއޯ އާއި ފްރޭންކް ކޭސީ އާއި ރިކާޑޯ ރޮޑްރިގޭޒާއި އަންދްރޭ ސިލްވާ އާއި ފަބިއޯ ބޮރީނީ އަދި އަންދްރެއާ ކޮންޓީ އެވެ.