ދެހާސް ނުވަ ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި ވިކްޓަރީ ސްޕޯޓްސް ކްލަބް އިން ޕްރެޒިޑެންޓްސް ކަޕާއި އެފްއޭ ކަޕް ކާމިޔާބުކުރިއިރު، އެ ކާމިޔާބަކީ ދިވެހި ފުޓްބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭނެ ކާމިޔާބެކެވެ. އޭގެ ސަބަބަކީ އެ ސީޒަންގެ ދެ ތަށި ވިކްޓަރީން ހޯދީ ކުޅުންތެރިންގެ މުސާރަ ނުދެވި، ކްލަބު ވަރަށް ދަތި ހާލަތަކަށް ވެއްޓިފައިވަނިކޮށެވެ. އެކަމަކު ޓީމުގެ ކޯޗިން ސްޓާފާއި ކުޅުންތެރިންގެ ހިތްވަރާއި މަސައްކަތުން، އެ ހާލަތުގައި ވިކްޓަރީން ދެ ތަށި ހޯދުމަކީ ރާއްޖޭގެ ކުޅިވަރުގައި ވެސް އެހެން ޓީމުތަކާއި ކުޅުންތެރިންނަށް ހުރި އިބުރަތެކެވެ. ހިތްވަރު ދޫނުކުރުމަކީ ވިކްޓަރީގެ "އައިޑެންޓިޓީ"ގައި ޒަމާނުންސުރެ އަށެގަނެފައިވާ ސިފައެކެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ ވިކްޓަރީ މިހާރު ވެސް އޮތީ 2009 ވަނަ އަހަރު އެ ކްލަބު އޮތް ހާލާތުގައި ކަމަށް ބުނެވިދާނެ އެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވި، ކުޅުންތެރިންނަށް ފުރިހަމަ ކޮށްދޭންޖެހޭ ކަންތައްތައް ނުކުރެވި އޮތުމުން ޓީމުގެ ތެރޭގައި ވަނީ ނުތަނަސްކަމެއް އުފެދިފަ އެވެ. އާ މެނޭޖްމަންޓެއްގެ ދަށުން ވިކްޓަރީން ރަނގަޅު ޓީމަކާއެކު މި ސީޒަނަށް ނިކުތް ނަމަވެސް، ކުޅުންތެރިންނަށް ފުރިހަމަކޮށްދޭން ޖެހޭ މުހިންމު ކަންތައްތަކެއް އޮތީ ފުރިހަމަނުކުރެވި އެވެ.
އިބްރާހިމް ނަޒީމް ވިކްޓަރީގެ ހިންގުމާ މި އަހަރު ހަވާލުވެ، ރަނގަޅު ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން އެ ޓީމަށް ވަނީ ގެނެސްފަ އެވެ. މުހިންމު ކުޅުންތެރިންނަށް ސޮއިކުރިއިރު ރަނގަޅު އެޑްވާންސެއް ދިން ނަމަވެސް، މައްސަލަތައް އުފެދެން ފެށީ މަހުން މަހުން އެ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަތައް ނުދެވުމުންނެވެ. ބިދޭސީ ކުޅުންތެރިންނަށް މުސާރަ ގަވައިދުން ނުދޭއިރު، އެ ކުޅުންތެރިންނަށް ކްލަބުން ފުރިހަމަކޮށްދޭންޖެހޭ ބައެއް އަސާސީ ކަންތައްތައް ވެސް ހުރެ އެވެ. އެފަދަ ކަންތައްތައް ފުރިހަމަނުވެ އޮތީ ބިދޭސީ ކުޅުންތެރިންގެ ހިތްހަމަނުޖެހުން ވެސް އިތުރުވެފައިވާ އެއް ސަބަބެވެ.
"މިހާރު ސަރުކާރުން ވެސް ކްލަބުތަކަށް ފައިސާ އެބަދޭ. ދެން ނޭނގެ ވިކްޓަރީގެ މެނޭޖްމަންޓަށް މުސާރަ ނުދެވެނީ ކީއްވެ ކަމެއް. ކުޅުންތެރިން އެބަޖެހޭ އެކަމަކު ގަވައިދުން ޕްރެކްޓިހަށް ނުކުމެ ހުރިހާ ކަމެއް ކުރަން. އެކަމަކު ކްލަބުން ފުރިހަމަކުރަންޖެހޭ އެއްވެސް ކަމެއް ފުރިހަމައެއް ނުކުރޭ،" ނަން ހާމަކުރަން ނޭދޭ ކުޅުންތެރިޔެއް ބުންޏެވެ.
ވިކްޓަރީ އަށް މިހާރު ދިމާވެފައިވާ މާލީ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ދާދި ފަހުން ބުނި ނަމަވެސް، ސުޒޭން މިހާރު ބުނަނީ އެކަމަށް ހައްލެއް ލިބުމުގެ އުންމީދު ކުޑަވެފައިވާ ކަމަށެވެ.
""ބައެއް ފަހަރު އަޅުގަނޑުމެން އުންމީދު ކުރަން، ވަރަށް ކަޅު ވިލާގަނޑެއް ނެގީމަ އެއުޅެނީ ވިއްސާރަ ވެހި ފެން ލިބެން ކަމަށް، އެކަމަކު ވައި ހުންނަ ގޮތާއި އެކަންކަން ދިމާވާ ގޮތުން ވިލާގަނޑު ނުވެހިވެސް ހިނގައިދާނެ އެހެންވީމަ އެކަހަލަ ކަމެއް ގޮތަށް އެކަން ވެދިޔައީ." ސުޒޭން ބުންޏެވެ.
ސުޒޭން އަކީ ވިކްޓަރީއާ ވަރަށް ބޮޑަށް ގުޅިފައިވާ މީހެކެވެ. ދެހާސް ނުވަ ވަނަ އަހަރު، ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮވެ ވިކްޓަރީން އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު، އެ ކާމިޔާބީގެ މުގުލުގައި ހުރީ ސުޒޭނެވެ. އޭރު ކޯޗަކަށް ސުޒޭން ހުރި ނަމަވެސް، އޭނާ އަދާކުރީ ހަމައެކަނި ކޯޗެއްގެ ޒިންމާއެއް ނޫނެވެ. ޓީމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އަމަލީ ގޮތުން ނިކުމެ، ޓީމު ރޫހު ބިނާކުރުމުގައި އަމިއްލަ މަސައްކަތެއްކުރި އެވެ.
ވިކްޓަރީގެ ބައެއް ކުޅުންތެރިން ބުނާގޮތުގައި މިހާރު ގިނަ ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ވެސް ޕްރެކްޓިހަށް ނުކުންނަނީ ސުޒޭނަށް ކުރާ އިހުތިރާމެއްގެ ބޮޑުކަމުންނެވެ. ކްލަބުގެ ކަންތައްތަައް ރަނގަޅުކުރުމަށް، ކޯޗުގެ ޒިންމާގެ އިތުރުން ވެސް ސުޒޭން ގިނަ މަސައްކަތްތަކެއް ކުރާ ކަމަސް ކުޅުންތެރިން ގަބޫލްކުރެ އެވެ.
"ސުޒޭން ކޯޗު އަސްލު ކުރަންޖެހޭ އެތައް ކަމެއް އެބަކުރޭ ޓީމު ހިފަހައްޓަން. ސުޒޭން ކޯޗު ނެތްނަމަ މިހާރު މިވާ ވަރުވެސް ނުވާނެ،" ވިކްޓަރީގެ ކުޅުންތެރިޔެއް ބުންޏެވެ.
އެހެން ނަމަވެސް، ސުޒޭން ވިކްޓަރީގެ ކޯޗުގެ މަގާމުގައި ދެމިހުރުމާމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. ވިކްޓަރީގެ ހާލަތު ރަނގަޅުނުވަންޏާ، އެ ކްލަބު ދިވެހި ލީގަށް ކޮލިފައިވިޔަސް ޓީމުގެ ކޯޗުގެ މަގާމުގައި ދެމިހުންނަން ބޭނުންނުވާ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.
"ކަންތައްތައް ރަނގަޅު ނުކުރެވޭ ކަމަށް ވަންޏާމުން އަޅުގަނޑަކީ ރާއްޖޭގެ ފުޓްބޯޅައިގައި ދެން ކުޅޭކުޅޭ މީހަކަށް ވެގެން ހުންނާކަށް ބޭނުމެއް ނޫން، ކޮންމެ ދުވަހަކު ކުޅުންތެރިނާ ފޭސް ކުރާއިރު، އެ މީހުން، ހެސްކިޔާފަ ބައިވަރު ފްރަސްޓްރޭޝަންއާ އެއްކޮށް އެމީހުންގެ ޓްރެއިނިންތައް އެހުރިހާ އެއްޗެއް އެގޮތަށް ގެންދިއުމަކީ އެހާ ފަސޭހަ ކަމެއް ނޫން އެހެންވީމަ އެގޮތަކަށް އެކަމެއް ނުކުރެވޭނެ،" އޭނާ ބުންޏެވެ.
މި އަހަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ސަރުކާރު ގުޅިގެން ފެށި އެސްއޯއީ ޕާޓްނަޝިޕްގެ ދަށުން، ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ވެސް ސަރުކާރުގެ ކޮންމެ ވެސް އެއް ކުންފުންޏަކުން މާލީ އެހީތެރިކަމެއް ދެ އެވެ. އެގޮތުން ކޮންމެ ކްލަބަކަށް ވެސް ދެ މިލިއަން ރުފިޔާ ކުންފުންޏަކުން ދެ އެވެ. އަދި ޕްރިމިއާ ލީގަށް ކޮލިފައިވެއްޖެ ނަމަ، އިތުރު އެއް މިލިއަން ރުފިޔާ އެވެ.
ވިކްޓަރީގެ ސަޕޯޓަރުން ކުރާ ސުވާލަކީ ވިކްޓަރީ އަށް ވެސް މި އަހަރު ސަރުކާރު ކުންފުންޏަކުން މާލީ އެހީތެރިކަމެއް ދޭއިރު، ކްލަބުގެ މާލީ ހާލަތު ދަށްވާންޖެހޭ ސަބަބަކާމެދު އެވެ. ކްލަބުގެ މެނޭޖްމަންޓްގެ ދޯދިޔާކަމުގެ ސަބަބުން، މާލީ ކަންތައްތަައް މެނޭޖްކުރުމުގައި މައްސަލަތެއް އުޅެނީ ހެއްޔެވެ؟ ނޫނީ ވިކްޓަރީ އަށް ލިބެންޖެހޭ ފައިސާ އަދި ނުލިބެނީ ހެއްޔެވެ؟
"ހަމަ ވިކްޓަރީ އަށް ވެސް ލިބޭނެތަ ތި ކުންފުނިން ދޭ ފައިސާ. އެހެންވިއްޔާ ކީއްވެގެންހޭ މެނޭޖްނުކުރެވެނީ ؟ މެނޭޖްކުރަން ނޭނގެނީ ހޭ ނުވަތަ އަދި ފައިސާ ނުލިބެނީ ހޭ؟ މެނޭޖްމަންޓް އިން އެބަޖެހޭ ދޯ މިކަމަށް ޒިންމާ ނަގައި މިވެގެން އުޅޭ ގޮތެއް ސަޕޯޓަރުންނަށް ވެސް ބުނެދޭން،" ވިކްޓަރީގެ ޒަމާންވީ ސަޕޯޓަރެއް ބުންޏެވެ.
ވިކްޓަރީން 2013 ވަނަ އަހަރު ރެލިގޭޝަނުން ސަލާމަތްވީ ހަމަ ކިރިޔާ އެވެ. ވިކްޓަރީ ފަދަ މުއްސަނދި ތާރީހެއް އޮތް ކްލަބެއް ދިވެހި ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަނުން ވެއްޓުމަކީ ފުޓްބޯޅަ އަށް ލޯބިކުރާ އެއްވެސް މީހަކު ދެކެން ބޭނުންވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް، ފާއިތުވި ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ވިކްޓަރީ ހިންގުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ނުލިބިއްޖެ ނަމަ، އެ ކްލަބުގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އެބައޮތެވެ. މި ސީޒަންގެ ދެވަނަ ޓްރާންސްފާ މިހާރު ހުޅުވިފައިވާއިރު، އެ ކްލަބުން ދާން ބޭނުންވާނީ ކިތައް ކުޅުންތެރިންކަމެއް ނޭނގެ އެވެ. އެކަމަކު ޔަގީންވާ ކަމަކީ މުސާރައިގެ މައްސަލަ ހައްލުނުވާ ނަމަ، ކްލަބު ދޫކޮށްލަން ބޭނުންވާ ކުޅުންތެރިން ވެސް މަދެއްނުވާނެ ކަމެވެ. ޕްރިމިއާ ލީގަށް ވިކްޓަރީ ކޮލިފައިވިޔަސް، އެ މުބާރާތުގައި އެ ކްލަބު އޮންނާނެ ހާލަތެއް އަދި ބުނާކަށް ނޭނގެ އެވެ.