ބޭރު ކުޅިވަރު

އިބްރަހިމޮވިޗް ޔުނައިޓެޑްގައި މަޑުކުރުމުގެ ފުރުސަތު އެބައޮތް: މޮރީނިއޯ

Jul 15, 2017

މިދިޔަ ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ސްވިޑަންގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް އެ ކްލަބާއެކު އާ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އެބައޮތް ކަމަށް ޔުނައިޓެޑްގެ ކޯޗު ޖޯސޭ މޮރީނިއޯ ބުނެފި އެވެ.

ޔުނައިޓެޑާއެކު އިބްރަހިމޮޗިވް ،35، ހެދި ކޮންޓުރެކްޓް ހަމަވުމުން މިދިޔަ މަހު ޔުނައިޓެޑުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. ޔުނައިޓެޑުން އޭނާގެ ކޮންޓުރެކްޓް އާނުކުރި ނަމަވެސް، އިބްރަހިމޮވިޗް ރިކަވަރީ ފުރިހަމަކުރަމުންދާ ޔުނައިޓެޑްގެ ޓްރެއިނިން ސެންޓަރުގަ އެވެ.

މޮރީނިއޯ ބުނީ އިބްރަހިމޮވިޗަކީ މިދިޔަ ސީޒަންގައި ޔުނައިޓެޑަށް މުހިންމު ލަނޑުތަކެއް ޖަހައިދިން ކުޅުންތެރިޔަކަށްވާއިރު، އޭނާ މުޅިން ފިޓުވަންދެން މަޑުކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި މަޝްވަރާކޮށް، ހިޔާލުތަކަކީ އަބަދު ވެސް ބަދަލުކުރެވޭނެ އެއްޗެއް ކަމަށާއި އިބްރަހިމޮވިޗް ފިޓުވުމުން އޭނާ އަށް އެންމެ ރަނގަޅު ގޮތް ނިންމާނެ ކަމަށެވެ.

"ކޮންމެ ގޮތެއްވިޔަސް އޭނާ ފިޓުވާނީ ޑިސެމްބަރަށް. އެހެންވީމަ ގޮތެއް ނިންމަން އެ ހިސާބަށް މަޑުކުރުމަކީ މައްސަލައެއް ނޫން،" މޮރީނިއޯ ބުންޏެވެ.

ޕީއެސްޖީން ޓްރާންސްފާ ފީއަކާ ނުލައި މިދިޔަ އަހަރު ޔުނައިޓެޑަށް ބަދަލުވި އިބްރަހިމޮވިޗް އެ ކްލަބަށް ކުޅުނު 46 މެޗުން 28 ލަނޑު ޖެހި އެވެ. އެކަމަކު އޭޕްރީލް މަހު ޔޫރޮޕާ ލީގުގައި އެންޑަކެލްޓްއާ ދެކޮޅަށް ކުޅެނިކޮށް، އިބްރަހިމޮވިޗަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާ އަށް ވަނީ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަންޖެހިފަ އެވެ. ޔުނައިޓެޑުން އިބްރަހިމޮވިޗްގެ ކޮންޓުރެކްޓް އާނުކުރަން ނިންމި މައިގަނޑު ސަބަބަކީ އިބްރަހިމޮވިޗްގެ އިންޖަރީ އެވެ.

ފޯވަޑް ލައިން ވަރުގަދަކުރުމުގެ ގޮތުން ޔުނައިޓެޑުން ވަނީ މިހާރު އެވަޓަން އަށް ކުޅެމުންދިޔަ ބެލްޖިއަމްގެ ފޯވަޑް ރޮމެއޫ ލުކާކޫ އެ ޓީމަަށް ގެނެސްފަ އެވެ.